ކޯވިޑް-19

ކޯވިޑް-19 : ޒަރޫރީ އެކި ބޭނުންތަކަށް 70،000 އަށްވުރެ ގިނަ މީހުންނަށް މަގުމައްޗަށް ނުކުތުމުގެ ހުއްދަ ދޫކޮށްފައިވޭ


ކޯވިޑް-19ގެ ސަބަބުން މާލޭ ސަރަޙައްދު ފުރަބަންދު ކުރިފަހުން، މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުންނަށް ޒަރޫރީ އެކި ބޭނުންތަކުގައި މަގުމައްޗަށް ނުކުތުމުގެ ހުއްދަދީފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ "ލޮކްޑައުން ރިލީފް އެފޯޓްސް"ގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މާލޭ ސަރަޙައްދު ފުރަބަންދުކުރިފަހުން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ބޭރަށް ނުކުތުމުގެ ވަގުތީ ހުއްދަ އެންމެ ގިނައިން ދޫކޮށްފައިވަނީ ވިޔަފާރިކުރުމަށެވެ. އެގޮތުން މިހާތަނަށް 71،291 މީހަކަށް ވިޔަފާރިކުރުމަށް މަގުމައްޗަށް ނުކުތުމުގެ ހުއްދަ ފުލުހުން ވަނީ ދޫކޮށްފައެވެ. އަދި ޒަރޫރީ ބޭނުމަށް 13،058 މީހަކަށް ޓްރެވަލް ޕާމިޓް ފުލުހުން ދޫކޮށްފައިވާއިރު، 10،041 މީހަކަށް ވިޔަފާރި ހިންގުމުގެ ހުއްދަ ފުލުހުން ވަނީ ދޫކޮށްފައެވެ.

މާލޭ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް މެއި މަހުގެ 28 ވަނަ ދުވަހު ސަރުކާރުން ދެއްވި ލުއިތަކާއެކު، ޢުމުރުން ދުވަސްވީ ފަރާތްތަކަށް ފަތިހު 5 އިން ހެނދުނު 8 ޖެހުމާއި ހަމައަށް ބޭރަށް ނުކުތުމެ ފުރުޞަތުވަނީ ދޭން ފަށާފައެވެ.

އެގޮތުން މިހާތަނަށް އުމުރުން ދުވަސްވީ 1،328 މީހަކަށް މަގުމައްޗަށް ނުކުތުގެ ހުއްދަ ފުލުހުން ދީފައިވެއެވެ. އަދި ކޯވިޑް-19އާއި ގުޅިގެން ސަޕޯޓް ސްޓާފުންގެ ގޮތުގައި ހަރަކާތްތެރިވާ 18،637 މީހަކަށް ހުއްދަ ދީފައިވާއިރު، 12،212 ވެހިކަލް ޕާމިޓް ފުލުހުން ވަނީ ދޫކޮށްފައެވެ.

މީގެއިތުރުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ 11،727 މީހަކަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ދޫކޮށްފައިވެއެވެ.

ޒަރޫރީ އެކި ބޭނުންތަކުގައި މަގުމައްޗަށް ނުކުތުމުގެ ހުއްދަ 70،000 އަށްވުރެ ގިނަ މީހުންނަށް ދޫކޮށްފައިވާއިރު، ފުރަބަންދުގެ އުޞޫލާ ޚިލާފުވެގެން މިހާތަނަށް 8000 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށް، 460 އަށްވުރެ ގިނަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.