ކޯވިޑް-19

ޔޫ.އޭ.އީ އިން ހަދިޔާކުރި 77.3 މިލިއަން ރުފިޔާގެ ޞިއްޙީ ސާމާނު ރާއްޖެއަށް ގެނެސްފި


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީ އިން ހަދިޔާކުރި 77.3 މިލިއަން ރުފިޔާގެ ޞިއްޙީ ސާމާނު ރާއްޖެގެނެސްފިއެވެ.

ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ފޯރުކޮށްދިން މި އެހީގެ ތަކެތީގެ ބަރުދަނުގައި 70 ޓަނު ހުރިއިރު، މިތަކެތި މިއަދު ރާއްޖެ ގެނެސްފައިވަނީ މިކަމަށް ޚާއްސަކޮށް ޔޫ.އޭ.އީއިން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގައެވެ.

ޔޫ.އޭ.އީ އިން ރާއްޖެއަށް ހަދިޔާކުރި އެހީގެ ތަކެތީގެ ތަފްޞީލު:

  • 100،000 ސެނިޓައިޒަރ ފުޅި
  • 225،000 ކޭ.އެން 95 މާސްކް
  • 2،500،000 ސަރޖިކަލް މާސްކް
  • 5000 އަންގި ފޮށި (ކޮންމެ ފޮއްޓެއްގައި 100 އަންގި)
  • 75،000 ޑިސްޕޯސަބަލް ގައުންސް (ޝޫ ކަވަރ އާއެކު)
  • 10،000 ފޭސް ޝީލްޑް
  • ޕީ.ސީ.އާރް އެކްސްޓްރެކްޝަން މެޝިން
  • 30،000 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް
  • 2 ރިއަލް ޓައިމް ޕީ.ސީ.އާރް ސިސްޓަމް


މިކަމާގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޔޫ.އޭ.އީގެ ވެރިންނަށާއި ސަރުކާރާއި އަޚުވަންތަ ރައްޔިތުންނަށް މިކަމާ ގުޅިގެން ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. ޔޫ.އޭ.އީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ޤާބިލްކަމާއި، ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، 'ނިއު ނޯމަލް' އާ ދިމާއަށް ރާއްޖެއިން މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މި މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޔޫ.އޭ.އީން ރާއްޖެއަށް 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފައިވާއިރު، މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހުވެސް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އަބޫދާބީގައި ސޮއިކުރައްވާފައެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ޔޫ.އޭ.އީ ގެ ފޮރިން މިނިސްޓަރ ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި، ރާއްޖޭގެ ޙާލަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ބެހޭ މައުލޫމާތު ޔޫ.އޭ.އީ ސަރުކާރަށް އެދުވަހު މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހިރާއްޖެއާ ޔޫ.އޭ.އީ އާ ދެމެދު އޮންނަ ގުޅުން ވަނީ އިތުރަށް ހަރުދަނާވެފައެވެ. މިހާތަނަށް އެމަނިކުފާނު ޔޫ.އޭ.އީއަށް 2 ފަހަރެއްގެ މަތިން ޒިޔާރަތްކުރައްވާފައިވެއެވެ. އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޔޫ.އޭ.އީއަށްވެސް ވަޑައިގެންފައިވެއެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ޔޫ.އޭ.އީއަށް ވަޑައިގެން އެޤައުމުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވާފައިވެއެވެ.

1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔޫއޭއީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އެޤައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.