ވިޔަފާރި

އެމްއެމްޕީއާރުސީގެ ވަރަށް ޚާއްސަ ފޭސްބުކް ލައިވް އިވެންޓެއް މިރޭ


ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަން ވާޗުއަލް ދުނިޔެއަށް ދައްކާލުމަށްޓަކައި ގެނެސްދޭ ފޭސްބުކް ލައިވް އިވެންޓް މިރޭ އޮންނާނެ އެވެ.

"މޯލްޑިވްސް: ދަ ސަން ވިލް ޝައިން އަގެއިން' ނަމުގައި ކުރިއަށް ގެންދާ ލައިވް އިވެންޓަކީ ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަށް ހުއްޓިފައިވާ މި ދަނޑިވަޅުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީއިން އިސްނަގައިގެން ބާއްވާ އިވެންޓެކެވެ.

މި ލައިވް އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެއަށް ހެޔޮއެދޭ ފަރާތްތަކުން ދިވެހިރާއްޖެއަށް އޮތް ލޯބި ދައްކުވައިދިނުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަރާތްތަކުން ބައިވެރިވެ، ރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދިނުމުގެ އިތުރުން އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މުޅި ރާއްޖެ ވަމުން އަންނަ ތައްޔާރީތައްވެސް ހާމަކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

މި އިވެންޓު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ރާއްޖޭގެ މިއުޒީޝަނުންނާއި އާޓިސްޓުން ބައިވެރިވުމުގެ އިތުރަށް، ރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީން ހާމަކުރާގޮތުގައި ބެލުންތެރިންގެ ޝައުގުވެރިކަން ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ލިބޭ ކުއިޒްއެއް މި އިވެންޓުގެ ތެރޭގައި ކުރިއަށް ގެންދާނެއެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް ގުރުއަތުން ހޮވޭ 30 ފަރާތްތަކަށް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭ 8:00 އިން 12:00 އަށް ކުރިއަށްދާ މި ލައިވް އިވެންޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް، މޮންދު ޕްރޮޑަކްޝަން އަދި އޯކާ މީޑިއާ ގްރޫޕް ގުޅިގެންނެވެ.

އިވެންޓް ލިންކް:: https://www.facebook.com/events/586833138630960/