ދުނިޔޭގެ އާބާދީގެ 3 ބިލިއަނަށްވުރެ ގިނަ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ މައިގަނޑު ވަސީލަތަކީ ކަނޑުތަކެވެ. ކަނޑުތަކަށް ލިބޭ ކޮންމެ ގެއްލުމެއްގެ ސީދާ އަސަރު 3 ބިލިއަނަށް ވުރެ ގިނަ މީހުނަށް ކުރާއިރު މިއަދަކީ މިކަންކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި އިތުރަށް މަސައްކަތްކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެވެ.
މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހެވެ. އދ.އިން ފާހަގަކުރާ މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ "އިނޮވޭޝަން ފޮރ ސަސްޓެއިނަބަލް އޯޝަން ނުވަތަ "ކަނޑުތައް ދެމެހެއްޓުމަށްޓަކައި އައުއީޖާދުތައް." މިޝިޢާރެވެ.
ކަނޑުތަކަކީ އިންސާނާގެ މުޅި ދިރިއުޅުމުގެ ހުރިހާ ކަމަކާއިވެސް ގުޅިފައިވާ ތަނެކެވެ. ޢާއްމު ސިއްޙަތުން ފެށިގެން ޢާމްދަނީ ހޯދުމާ ހަމައަށްވެސް އިންސާނުންވަނީ ކަނޑުތަކާއި ގުޅިފައެވެ. ގިނަބަޔަކު ހައިރާންކަން ލިބިދާނެ ޚަބަރަކަށް ވީނަމަވެސް އދ.އިން ވިދާޅުވާގޮތުގައި މިހާރު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޯވިޑް-19ވައިރަސް އަވަހަށް ދެނެގަތުމަށް ކަނޑުގެ އެތައް މީޓަރެއް އަޑިން ނަގާ މާއްދާތަކެއް އަންނަނީ ބޭނުންކުރަމުންނެވެ. އެގޮތުން ކަނޑުގެ އަޑިން 1986 ވަނަ އަހަރު އެމެރިކާގެ މައިކްރޯ ބައިލޮޖޮސްޓުން ހޯދާފައިވާ ޖަރާސީމެއް ބޭނުންކޮށްގެން ކޯވިޑް ވައިރަސް ޑިޓެކްޓްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ހަމައެއާއެކު މިހާރު އޮތް ވައިރަހަށް ފަރުވާ ހޯދުމުގައިވެސް ތިމާވެށީގެ ބޮޑު ރޯލެއް އޮތްކަމުގައި އދ.ގެ ޖަމިއްޔާ ޔުނެސްކޯއިން ވިދާޅުވެއެވެ. ކަނޑު އަޑިން ހޯދާ މިޖަރާސީމުގެ ބޭނުންކޮށްގެން ނުރައްކާތެރި ބަލިތައްކަމަށްވާ އެޑްސްއާއި ސާސްވައިރަސް ދެނެގަތުމުގެ މަސައްކަތްވެސް ކުރާކަމަށް ޔުނެސްކޯއިން ވިދާޅުވެއެވެ. ހަމައެއާއެކު އެކި ބަލިތަކަށް ފަރުވާ ދިނުމަށް ތައްޔާރުކުރާ ބޭސް ތައްޔާރުކުރުމުގައި ކަނޑުގެ އެކި ދިރުންތައް ބޭނުންކުރަމުން އަންނަކަމަށް ޔުނެސްކޯއިން ވިދާޅުވާއިރު މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ މިފަދަ ކަންކަމާމެދު މީހުން ހޭލުންތެރިކުރުވުމެވެ.
ދުނިޔެ ހޫނުވުމަށް މެދުވެރިވާ މައިގަނޑު އެއް މައްސަލައަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކެވެ. އޭގެތެރެއިންވެސް ކާބަންޑިއޮކްސައިޑެވެ. އިންސާނުންގެ ސަބަބުން ދުނިޔޭ ހޫނުވުމުން ސަލާމަތްކުރުމަށް މަސައްކަތް ކުރާ އެއް ނިޒާމަކީވެސް ކަނޑެވެ. އެގޮތުން ދުނިޔެ ހޫނުކުރުމަށް މަސައްކަތްކުރާ މައިގަނޑު ވިހަ މާއްދާކަމަށްވާ ކާބަންޑިއޮކްސައިޑްގެ ތެރެއިން 30 އިންސައްތަ ކަނޑުތައް އެބްސޯބްކުރާކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.
ދުނިޔޭގެ އާބާދީގެ 3 ބިލިއަނަށްވުރެ ގިނަ މީހުންގެ ކެއިންބުއިމަށް ބޭނުންވާ ބައިތަކާއި ހަށިގަނޑަށް ބޭނުންވާ ޕްރޮޓިން ފޯރުކޮށްދިނުމުގެ މައިގަނޑު ޒަރީއްޔާއަކީ ކަނޑެވެ. މުޅި ދުނިޔޭގެ ފުޑް ޗެއިންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީވެސް ކަނޑުތަކާއެވެ. އެހެންނަމަވެސް އިންސާނުންގެ ސަބަބުން މުފަދަ ބޮޑު ނިޒާމެއް ހަލާކުން އަންނަކަމުގެ އިންޒާރު ކަނޑުތައް ދިރާސާކުރައްވާ ސައިންސްވެރިން އަންނަނީ ދެއްވަމުންނެވެ. މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިޢާރަކީ އިނޮވޭޝަން ފޮރ ސަސްޓެއިނަބަލް އޯޝަން ނުވަތަ ދެމެހެއްޓެނިވި ކަނޑުތަކަށް އާގޮތްތަކެއް. މިޝިޢާރުގެ ދަށުން ކަނޑުތަކުގެ ހަފްތާއެއްގެ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއް ފާހަގަކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން ކަނޑުތައް ދެމެހެއްޓެނި ވިގޮތެއް ބޭނުންކުރުމަށް ޓެކްނޮލޮޖީގެ ދާއިރާއިންނާއި ޢުމްރާނީ ގޮތުންނާއި ވަޞީލަތް ބޭނުންކުރުމާއި ތަކެތި އުފެއްދުމާއި ދިރާސާތައް ކުރުމަށާއި އެކަންކަމަށް މާލީ އެހީތެރިކަން ހޯދުމުގައި ދެމެހެއްޓެނިވި އާގޮތްތަކެއް ހޯދައި އެފަދަ ޚިޔާލުތައް ހުށައެޅުމުގެ ފުރުސަތު މިހަފްތާގެ ތެރޭގައި ވަނީ ހުޅުވާލާފައެވެ.
މިކަމާމެދު ޤައުމުތަކަށް އިތުރަށް ބާރު އެޅުއްވުމުގެ ގޮތުން އދ.އިން ވަނީ ކުރިއަށް އޮތް ދިހަ އަހަރަކީ ކަނޑުތަކާއި ބެހޭގޮތުން ގިނަ ދިރާސާތަކާއި ހޭލުންތެރިކަމުގެ ގިނަ މަސައްކަތްކުރުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން "ޔޫއެން ޑިކޭޑް އޮފް އޯޝަން ސައިންސް ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ގެ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރާހަމައަށް މަސައްކަތްކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޖަރީޒާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމެކެވެ. އެގޮތުން ރާއްޖޭގެ 90 އިންސައްތައަށްވުރެ ބޮޑު ބަޔަކީ ކަނޑެވެ. ރާއްޖޭގެ އިގްތިޞާދުގެ މައި ދެ ސިނާއަތުކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމަކީ ސީދާ ގޮތެއްގައި ކަނޑާއި ކަނޑުގެ ދިރުންތަކާއި ގުޅިފައިވާ ދެ ދާއިރާއެވެ. އެހެންކަމުން މުޅި ރާއްޖޭގެ އާބާދީގެ އެންމެ ގިނަ މީހުންގެ އާމުދަނީ ހޯދުމުގެ މައި ވަޞީލަތަކީ ކަނޑާ ކަނޑުގެ ދިރުމާއި ގުޅިފައިވާ ކަންކަމެވެ.
މިފަދަ ދުވަހެއްގައި ކަނޑުގެ ދިރުންތަކަށް ގެއްލުންވާ ފަދަ ކަންކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ކޮންމެ ދިވެއްސަކުވެސް މަސައްކަތްކުރަން އެބަޖެހެއެވެ. އެގޮތުން ބޭރުގެ ބައެއް ޖަމާޢަތްތަކާއި ގުޅިގެން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓއުޓްއިން އަންނަނީ ކަނޑުތަކާއި ގުޅޭ ދިރާސާތަކެއް ކުރަމުންނެވެ. އެގޮތުން ކުރާ އެއްމަސައްކަތުގެ ގޮތުގައި ސެޓެލައިޓް މެދުވެރިކޮށް ރާއްޖޭގެ ކަނޑުތަކުގެ ޙާލަތާއި ހުރި ތަފާތުކަން ދެނެގަތުމަށް ނެގި ފޮޓޯތަކުގައި ފެންނަ ކަންކަން އިތުރަށް ދެނެގަތުމަށް ގިނަ ޑައިވްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.