އެމްޕީއެލް އަދި އެސްޓީއޯގެ އެހީގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކްތަކުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހު ނިންމާލެވޭނެކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.
އެޗްޑީސީން މިދިޔަ މަހުގެތެރޭގައި ވަނީ ހުޅުމާލޭގައި ބިދޭސީންނަށް އެކަމަޑޭޝަން ޤާއިމުކޮށްދިނުމަށް އަމިއްލަ ކުންފުނިތަކަށް ހުޅުވާލާފައެވެ. މިކަމަށް ހުޅުވާލުމުން ފަސް ކުންފުންޏަކުން ވަނީ މިކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެހީވުމަށް ހުށައަޅާފައެވެ. އަމިއްލަ ކުންފުނިތަކުން މިމަސައްކަތް ކުރަމުންދަނީ 3 ޕްރޮޖެކްޓަކަށް ބަހާލައިގެންނެވެ.
އެސްޓީއޯ ހިޔާ ކުއާޓަރުގައި ނަމުގައި 1292 މީހުންގެ ޖާގައިގެ ފެސިލިޓީއެއް ހަދަމުންދާއިރު، މިއީ 6 ބިލްޑިންގ ބްލޮކް އާއި 96 ފާޚާނާ ހިމެނޭ ގޮތަށް ހަދާ މިފެސިލިޓީގައި 310 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭނެ ކެންޓީނެއްވެސް ހިމެނެއެވެ. މި ޕްރޮޖެކްޓްގެ %96 އަށްވުރެ ބޮޑު ބައެއް މިހާރު ނިންމާލެވިފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މީގެއިތުރުން އެމްޕީއެލުން 1292 މީހުންގެ އެކަމަޑޭޝަން ބްލޮކްތަކުގެވެސް 96 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ. މި މަސައްކަތުގެ ދަށުން ޕްރީފެބްރިކޭޓް 6 އެކަމަޑޭޝަން ބްލޮކާއި، 96 ފާޚާނައާއި 310 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭ ކެންޓީނެއްދަނީ ހަދަމުންނެވެ.
ކޯވިޑް 19އާ ގުޅިގެން ސަރުކާރުން ވަނީ ތޮއްޖެހިފައިވާ ތަންތަނާއި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނުން ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގުޅީފަޅުގައިވެސް ބިދޭސީންނަށް ޙާއްސަ އެކޮމޮޑޭޝަން ބްލޮކްތަކެއް ވަނީ ތަރައްޤީކޮށްފައެވެ.