ކޯވިޑް-19

ނާޒިމްއަފާ ފައުންޑޭޝަނުން 6000 ޕީ.ޕީ.އީ ކިޓް ޑްރައިވަރުންގެ އެސޯސިއޭޝަނަށް ހަދިޔާކޮށްފި


ނާޒިމްއަފާ ފަައުންޑޭޝަނުގެ ފަރާތުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް، 6000 ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފިއެވެ.

ނާޒިމްއަފާ ފައުންޑޭޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ހިންގަވާ ފައުންޑޭޝަނެކެވެ. އެފައުންޑޭޝަނުން ހަދިޔާކުރެއްވި ތަކެއްޗާއި ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރައީސް ޢަބްދު ﷲ އިބްރާހީމެވެ.

މިކަމާގުޅޭގޮތުން ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ، ‏ދިވެހި ޑްރައިވަރުންނަކީ ހީވާގިކަމާއެކު ގިނައިރު މަސައްކަތުގައި ހޭދަކުރަަ ބައެއްކަމަށެވެ. އަދި ނާޒިމްއަފާ ފައުންޑޭޝަންގެ ފަރާތުން ހަދިޔާކުރި މި ތަކެއްޗަކީ ކޯވިޑް-19 އާއި ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުރިއަށްދިއުމަށް ހިތްވަރުދިނުމުގެ ގޮތުން ހަދިޔާކުރި ތަކެތި ކަމުގައި ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމްއަފާ ފަައުންޑޭޝަނުގެ ފަރާތުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް ހަދިޔާކުރި ޕީ.ޕީ.އީ ސާމާނުތަކުގެ ތެރޭގައި 1000 ސެނިޓައިޒަރ ފުޅި، 2000 ފޭސްކް މާސްކް އަދި 3000 އަންގި ހިމެނެއެވެ.

ކާނަލް ނާޒިމް ގެންދަވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކާ ރާއްޖޭން ކުރަމުންދާ މަސައްކަތުގައި އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މެމްބަރު ނާޒިމް މެދުވެރިކުރައްވާ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ މެލޭޝިޔާގެ ލިންބަގް ހޯލްޑިންގްސްގެ ފަރާތުން ވަނީ 60،000 މާސްކާއި، ސަރޖިކަލް ގައުނާއި، ބޫޓު ކަވަރާއި، ސްކާފް ހިމެނޭހެން 1000 ޕީ.ޕީ.އީ ކިޓް ރާއްޖެއަށް ހަދިޔާކޮށްފައެވެ.