ކޯވިޑް-19

ކޯވިޑް-19 : ޔުނިވަރސަލްގެ ފަރާތުން 20،000 އަށްވުރެ ގިނަ ޓެސްޓް ކިޓް ހަދިޔާކޮށްފި


ޔުނިވަރސަލް އެންޓަޕްރައިސަސްގެ ފަރާތުން 20،000 އަށްވުރެ ގިނަ ކޯވިޑް-19ގެ ޓެސްޓްކިޓް ސަރުކާރަށް ހަދިޔާކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ޙަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ ޢަބްދު ﷲ އަމީނެވެ. މިއީ، ކޯވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން ހަދިޔާކުރި ޓެސްޓްކިޓްތަކެއް ކަމަށް ޔުނިވަރސަލްއިން ބުނެއެވެ. އެގޮތުން އެ ކުންފުނީގެ ފަރާތުން 20،200 ޓެސްޓްކިޓް ވަނީ ހަދިޔާކޮށްފައެވެ.

މިކަމާގުޅިގެން މިނިސްޓަރ އޮފް ހެލްތު ޢަބްދު ﷲ އަމީން ވަނީ ޔުނިވަރސަލް އެންޓަޕްރައިސަސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޔުނިވަރސަލްގެ އިސްވެރިންނަށާއި މިކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ޤައުމުތަކާއި ޖަމްޢިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.