ޚަބަރު

އަމިއްލަ ވެންޓިލޭޓަރެއް އުފެއްދި ޒުވާނާއަށް ފެނަކައިން ވަޒީފާގެ ފުރުޞަތުދީފި


އަމިއްލަ ވެންޓިލޭޓަރެއް އުފެއްދި ށ. ގޮއިދޫ އުމުރުން 19 އަހަރުގެ އަހްމަދު އަޝްހަމްއަށް ފެނަކަ ކޯރޕަރޭޝަނުން ވަޒީފާގެ ފުރުޞަތު ދީފިއެވެ.

އަޝްހަމްއަށް ފެނަކަ ކޯރޕަރޭޝަނުން ވަޒީފާގެ ފުރުޞަތު ދީފައި ދިންކަން ހާމަކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު އޭނާއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގައެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވަނީ އަޝްހަމްގެ މަސައްކަތަށް ތަޢުރީފު ކުރައްވައި، އޭނާގެ ހުނަރުވެރި މަސައްކަތަށް މަރުޙަބާ ދަންނަވާފައެވެ. އަދި މުސްތަޤުބަލުގައިވެސް މިގޮތަށް މަސައްކަތް ކުރުމަށް ހިތްވަރުދެއްވައި، ފެނަކަ ކޯރޕަރޭޝަނުން އަޝްހަމްއަށްވަޒީފާގެ ފުރުޞަތު އޮތްކަމުގައި ވިދާޅުވެފައެވެ.

ފެނެކައިން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މިފަދަ ޤާބިލު ހުނަރުވެރި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް އެކުންފުނީގައި އޮންނާނެކަމަށެވެ. އަޝްހަމްއަށް ފެނަކައިން ވަޒީފާގެ ފުރުޞަތު އަރުވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ އަޝްހަމްއަށް ފޯނުން ގުޅުއްވާ އޭނާގެ މަސައްކަތްތަކަށް ހިތްވަރުދެއްވާފައެވެ. އަދި ވެންޓިލޭޓަރުގެ ވާހަކަ އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އެތައް ބަޔަކު ވަނީ އޭނާގެ މަސައްކަތަށް ތަޢުރީފުކޮށްފައިވެއެވެ.

އަޝްހަމް ވެންޓިލޭޓަރެއް ހަދާފައިވަނީ އެންމެ 7 ދުވަހުގެ ތެރޭގައެވެ. މި ޚިޔާލު އޭނާއަށް ލިބުނީ ސިފައިން ވެންޓިލޭޓަރެއް ހެދިވާހަކަ އަޑުއިވުމުން އެމަސައްކަތް ބަލައި ހިއްވަރުލިބިގެންކަމަށާއި، ވެންޓިލޭޓަރު ހަދާފައިވަނީ ރަށުގެ ކުނިގޮނޑަށް އުކާލާފައި ހުރި އިލެކްޓްރޯނިކް އާލާތްތަކުގެ ބައެއް ބައިތައް ބޭނުންކޮށްގެންކަމަށް އަޝްހަމް ވަނީ ޕީ.އެސް.އެމް ނިއުސްއަށް ކިޔާދީފައެވެ.

ވެންޓިލޭޓަރު އުފެއްދުމަށް ބޭނުންވާ ބައެއް ސާމާނު ހޯދުމަށް ދަތިތަކެއް ކުރިމަތިވިކަން އަޝްހަމް ފާހަގަކޮށްފައިވެއެވެ. އެގޮތުން ގިއަރ މޯޓަރު ނުލިބުމުން އެކަންކުރީ އޭސީގެ ގިއަރމޯޓަރު ޑީސީއަށް ބަދަލުކުރަން މޮޑިފައިކޮށްގެންނެވެ. އަދި މި މަސައްކަތަށް ބޭނުންވާ ބައެއް މައުލޫމާތު ޔޫޓިބުން ހޯދިކަމަށާއި ނަމަވެސް ސަރކެޓްތައް ހަދަން އެއިންވެސް ޚިޔާލު ނުލިބުމުން ސަރކެޓްވެސް އަޝްހަމް އެހީ އަމިއްލައަށެވެ. ގިނަ ވަގުތުތަކެއް ހޭދަކޮށްގެން އުފެއްދި މި ވެންޓިލޭޓަރު ހަދާފައިވަނީ ސިއްޙީ ފަރުވާދޭ ތަނުގައި މިހާރުވެސް ބޭނުންކުރެވޭނެފަދަ ގޮތަކަށް ތަފާތު ފީޗާސްތައް ހިމަނައިގެން ކަމަށް އޭނާ ބުންޏެވެ.

އަމިއްލަ ގޭގައި ހުރި ވޯކްޝޮޕުގައި އަޝްހަމް ހެދި މި ވެންޓިލޭޓަރު ވަނީ ގައިދޫ ސިއްޙީ މަރުކަޒަށް ގެންގޮސް އެތަނުގައި ހުރި ޑޮކްޓަރުވެސް ބަލައި ޓެސްޓްކޮށްފައެވެ. އެ ވެންޓިލޭޓަރަކީ ބަރާބަރަށް މަސައްކަތްކުރާ އެއްޗަކަށްވުމުން ވެންޓިލޭޓަރެއް ކޮންމެހެން ބޭނުންވެއްޖެ ހާލަތުގައި މިވަގުތުވެސް ބޭނުންހިފޭނެކަމަށް ޑޮކްޓަރާއި ހަވާލާދީ އަޝްހަމް ބުނެފައިވެއެވެ. އަދި ވެންޓިލޭޓަރު ހަދިޔާކުރާނީ ސިއްޙީ މަރުކަޒަށްކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ސާމާނު ލިބިއްޖެނަމަ ވެންޓިލޭޓަރުތައް ހަދަން ޝައުގުވެރިވާކަމަށް ޕީ.އެސް.އެމް ނިއުސްއަށް ދިން އިންޓަރވިއެއްގައި އަޝްހަމް ވަނީ ބުނެފައެވެ.