ކޯވިޑް-19

ކޯވިޑް-19 : ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް އިންސްޓޯލްކޮށްފި


ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި އަލަށް ހަދާ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

މި މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯގެ ފަރާތުންނެވެ. އެސް.ޓީ.އޯއިން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމުގެ އިތުރުން އެތަނަށް ބޭނުންވާ މެޑިކަލް ސާމާނާއި، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީ ވެސް ސަޕްލައިކޮށްދީފައިވާކަމަށެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކަކީ އެތަނުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށް ރައްކާތެރި، ސާފުތާހިރު މާޙައުލެއްގައި ބަލިމީހުންނަށް ފަރުވާދެވޭނެހެން ޤާއިމުކޮށްފައިވާ ވަޞީލަތްތަކެއްކަން އެސް.ޓީ.އޯއިން ފާހަގަކުރައްވައެވެ. އަދި މި ފެސިލިޓީއަށް ބޭނުންވާ ވަޞީލަތްތައް ހަމަވެގެން ދިއުމަކީ ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްގެ ގޮތުގައިވެސް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ޤައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށުން ތަރައްޤީކުރަން ފެށި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އިމާރާތުގެ މަސައްކަތް ނިންމާ އެތަން އައި.ޖީ.އެމް.އެޗްއާއި ޙަވާލުކޮށްފައިވަނީ މިދިޔަމަހުގެ 24 ވަނަ ދުވަހުއެވެ. މިތަން ތަރައްޤީކޮށްފައިވަނީ 5 ބުލޮކް ހިމެނޭ ގޮތަށެވެ.

އެގޮތުން 4 ބުރި ހިމެނޭ "ބުލޮކް އޭ" އިމާރާތް ތަރައްޤީކޮށްފައިވަނީ 222 އެނދު ހިމެނޭ ގޮތަށެވެ. އެއްބުރި އިމާރާތެއްގެ ގޮތުގައި ހަދާފައިވާ "ބުލޮކް ބީ" ގައި 68 އެނދު ހިމެނޭއިރު، "ބުލޮކް ސީ" ތައްޔާރުކޮށްފައި ވަނީ ސިއްޙީ ޚިދުމަތްދޭ މުވައްޒަފުންގެ އެކޮމޮޑޭޝަން އިމަރާތެއްގެ ގޮތުގައެވެ. އަދި "ބުލޮކް ޑީ" ސަރވިސް ބިލްޑިންގއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާއިރު، މި ބިލްޑިންގައި ހިމެނެނީ ލޯންޑްރީއާއި، އޮފީހާއި މީޓިންގ ރޫމެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ 5 ވަނަ ބުލޮކް ކަމަށްވާ އެއްބުރިއަށް ހަދާފައިވާ "ބުލޮކް އީ" ގައި ހިމެނެނީ ހިނަވާގެޔަކާއި އޮޓޯކްލޭވް މެޝިނެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިތަން ތަރައްޤީކުރުމުގައި ސިފައިން އިސްކޮށް ހަރަކާތްތެރިވިނަމަވެސް، ފެނަކަ ކޯޕަރޭޝަނާއި، ޕްލޭނިންގ މިނިސްޓްރީއާއި، ލިއޯ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ދެއްވާފައެވެ.