ތަރައްްޤީ

ނ. ހެނބަދޫ ބަނދަރުގެ މަސައްކަތް ސެޕްޓެމްބަރުމަހަށް ނިންމާލެވޭނެ - އެމް.ޓީ.ސީ.ސީ


ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ހާމަކޮށްފިއެވެ.

ހެނބަދޫ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފަައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ހެދުމަށް ބޭނުންވާ ޕްރީ ކާސްޓެޑް ކީ-ވޯލް ބޮލްކްތައް އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށް އެމް.ޓީ.ސީ.ސީން ހާމަކުރެއެވެ.

އެގޮތުން 203 މީޓަރުގެ ކީ-ވޯލް ހެދުމަށް ބޭނުންވާ ޕްރީ ކާސްޓެޑް ބްލޮކްތައް ކ.ތިލަފުށީ ސައިޓުން މިހާރު ހެނބަދޫއަށް ގެންގޮސްފައިވާ ކަމަށާއި، މިހާތަނަށް މުޅި ޕްރޮޖެކްޓުގެ ގާތްގަނޑަކަށް 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ އެމް.ޓީ.ސީ.ސީން ހާމަކުރެއެވެ.

ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ފަޅުން 4.46 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައި 259 މީޓަރުގެ ބޭރު ތޮށްޓެއްލުމާއި، 86 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި 203 މީޓަރުގެ އެއްގަމު ތޮށްޓެއްލާ، ބަނދަރުގެ 1015 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާއި މަގުބައްތި ޖެހުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢަށް 26.6 މިލިއަން ރުފިޔާ ޚަރަދުވާއިރު، މި މަޝްރޫޢުގެ މަސައްކަތް ނިންނުމަށް އެމް.ޓީ.ސީ.ސީއަށް ދީފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ.