ޚަބަރު

11 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ބީލަން މުއްދަތު އިތުރުކޮށްފި


ރާއްޖޭގެ 11 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާންގެ ބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު އަންނަ އޯގަސްޓް މަހުގެ 9 ވަނަ ދުވަހަށް އިތުރުކޮށް، ސުވާލުފޮނުވުމަށް ދީފައިވާ މުއްދަތާއި ބިޑް ހުށަހެޅުމުގެ ތާރީޚަށް ބަދަލު ގެނެސްފިއެވެ.

ބިޑް ޑޮކިއުމަންޓް ވިއްކުމުގެ މުއްދަތު އިތުރުކުރި މަޝްރޫއުތަކުގެ ތެރޭގައި ބ.އަތޮޅުގެ ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހިމެނެއެވެ. އެއީ ދޮންފަނާއި ފެހެންދޫ އާއި ފުޅަދޫ އާއި ކިހާދޫގެ އިތުރުން ކުޑަރިކުލުގައި ގާއިމުކުރަން ހަމަޖެހިފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫއުއެވެ. ދެން ހިމެނެނީ ކ.ތުލުސްދޫ އާއި ނ.ލަންދޫ އާއި ނ.މިލަދޫ އާއި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތެވެ. މީގެ އިތުރުން ނ.މަގޫދޫ އާއި ށ.ނޫމަރާއި ށ.ބިލަތްފަހީގައި ގާއިމުކުރަން ހަމަޖެހިފައިވާ ފެނުގެ ނިޒާމްގެ މަޝްރޫއުވެސް ހިމެނެއެވެ.

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން ބިލްޑް އުޞޫލުން ހިންގާ މި މަޝްރޫއުތަކަށް ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުމުގެ މުއްދަތު މިހާރު ވަނީ އަންނަ އޯގަސްޓް މަހަށް އިތުރުކޮށްފައެވެ. އަދި ބިޑާ ގުޅޭގޮތުން ސުވާލުފޮނުވުމަށް ދީފައިވާ މުއްދަތާއި ބިޑް ހުށަހެޅުމުގެ ތާރީޚަށް ގެނެސްފައިވާ ބަދަލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ވަނީ އާއްމުކޮށްފައިއެވެ.

ބީލަމުގައި ބައިވެރިވުމަށް ދައްކަން ޖެހޭ ރަޖިސްޓްރޭޝަން ފީ ދެއްކުމުގެ މުއްދަތު މިހާރު ވަނީ 9 އޯގަސްޓްއަށް އިތުރުކޮށްފައިއެވެ. މި ފައިސާ ދައްކަން ޖެހޭނީ ފިނޭސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުކޮށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ އޯގަސްޓް 10 ވަނަ ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ފިނޭސް މިނިސްޓްރީން ވިދާޅުވީ 11 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ޑޮކިއުމަންޓް ވިއްކުމުގެ މުއްދަތު އިތުރު ކުރަން ނިންމީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާއި ގުޅިގެން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިންކަމަށެވެ.

ކޮވިޑް19ގެ ބަލި މަޑުކަމާ ގުޅިގެން ރާއްޖޭގައި ހިންގަން ހަމަ ޖައްސާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ވަނީ މަޑުޖެހުމެއް އައިސްފައި އެވެ. އެހެން ނަމަވެސް ފަށާފައިވާ ބައެއް މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްގެންދެ އެވެ.