ކޯވިޑް-19

ޓްރީޓޮޕް ހޮސްޕިޓަލް - ކޯވިޑް ޓްރީޓްމަންޓް ފެސިލިޓީއެއްގެ ގޮތުގައި ކާމިޔާބު 1 މަސް


ކޯވިޑްއަށް ޚާއްސަ ހޮސްޕިޓަލެއްގައި ގޮތުގައި އޮޕަރޭޓްކުރަން ފެށިފަހުން މިހާތަނަށް ކޯވިޑް ޖެހިފައިވާ 28 މީހަކަށް ކާމިޔާބުކަމާއެކު ފަރުވާ ދީފައިވާކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި 1 މޭގައި ކޯވިޑް ޓްރީޓްމަންޓް ފެސިލިޓީއަކަށް އެ ހޮސްޕިޓަލް ބަދަލުކޮށްގެން މަސައްކަތް ފެށިފަހުން 28 މީހަކަށް ފަރުވާ ދީފައިވާއިރު، އޭގެތެރޭގައި 3 ކުޑަކުދިންވެސް ހިމެނޭކަމަށެވެ. އަދި މިވަގުތު ކޯވިޑް ޖެހިފައިވާ 13 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާކަމަށްވެސް ޓްރީޓޮޕް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި މިވަގުތު ފަރުވާދެމުންދާ 13 މީހުންގެ ތެރެއިން 5 މީހެއްގެ ހާލު ބޮޑުވެގެން ވެންޓިލޭޓަރަށް ލާންޖެހުނެވެ. ނަމަވެސް އޭގެތެރެއިން 2 މީހެއްގެ ހާލު ރަނގަޅުވެގެން ވެންޓިލޭޓަރުން ނަގާފައިވާކަމަށްވެސް ޓްރީޓޮޕް ހޮސްޕިޓަލުން މަޢުލޫމާތުދެއެެވެ. މީގެއިތުރުން ޓްރީޓޮޕުން ފަރުވާ ދިން މީހުންގެ ތެރެއިން އިތުރު ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުންނަށް ބޭނުންވާ ފަރުވާގެ އިންތިޒާމްވެސް އެ ހޮސްޕިޓަލުން ވަނީ ހަމަޖައްސާފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ކޯވިޑް ޖެހިފައިވާ މީހުންނަށް ޚާއްސަ ހޮސްޕިޓަލަކަށް މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށްފައިވާއިރު، އެ ހޮސްޕިޓަލުން އިތުރު ޚިދުމަތެއް ނުދެއެވެ. ނަމަވެސް ޓްރީޓޮޕް ހޮސްޕިޓަލްގެ އިމަންޖެންސީ ކްލިނިކެއް ވަނީ ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކޮށްފައެވެ.

ސަރުކާރާއި ޓްރީޓޮޕް ހޮސްޕިޓަލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޯވިޑް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުން އެއްވެސް އަގެއް ނުނަގާނެއެވެ. އަދި ކޯވިޑް ޓްރީޓްމަންޓް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށްވެސް ޓްރީޓޮޕް ހޮސްޕިޓަލުން އަގެއް ނުނަގާނެއެވެ.

މި ނާޒުކު ދަނޑިވަޅުގައި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ޑިރެކްޓަރުން ބޯޑުން ދެކޭކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

2018 ވަނަ އަހަރު ޚިދުމަތްދޭން ފެށި ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން، އެންމެ ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތްތައް ލިބޭ ޓާޝަރީ ހޮސްޕިޓަލެވެ.