މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު މާލެއަށް ވަޑައިގެންނެވުމުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައެވެ. ބޮޑުވަޒީރު މާލެ ވަޑައިގެންނެމުން ރަސްމީކޮށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެގޮތުން ސްކޫލުގެ ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްގެ އިތުރުން، 21 ބަޑީގެ ސަލާމެއް ވަނީ އަރުއްވާފައެވެ. އަދި ދިވެހި އަސްކަރިއްޔާގެ ބޭންޑުން ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައެވެ. މީގެ އިތުރުން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ގާޑްއޮފް އޮނަރއެއް އިންސްޕެކްޓް ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، އެމަނިކުފާނަށް ދިވެހި ދަޢުލަތުގެ އިއްޒަތްތެރީން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި މެލޭޝިއާގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުންވަނީ ކުރިއަށްގެންގޮސްފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ މިމަހުގެ 14 އިން 15 އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުންވެސް ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އެގޮތުން ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އަދި ދެޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން ތަރައްޤީގެ އެކި ދާއިރާތަކުން ދެމިގެންވާ ގާތް ރަޙްމަތްތެރިކަމެއް ވަނީ ގާއިމުކުރެވިފައެވެ.