ކޯވިޑް-19

ކޯވިޑް-19 : ފަރުވާއެއް ހޯދިއްޖެނަމަ ހުރިހާ ޤައުމަކަށް ހަމަހަމަކަމާއެކު ލިބެންވާނެ - މިނިސްޓަރ އަމީން


ކޯވިޑް-19އަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ތައްޔާރުކުރެވިއްޖެނަމަ، ދުނިޔޭގެ ހުރިހާ ޤައުމަކަަށްވެސް އެ ބޭނުންކުރެވޭނެ ފުރުޞަތު ހަމަހަމަކަމާއެކު ހޯދައިދިނުން މުހިންމުކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ، ޑަބްލިޔު.އެޗް.އޯއާއެކު ކޯވިޑް-19ގެ ކަންކަމުގައި ދުނިޔޭގެ ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ކޮސްޓަރިކާއިން އިސްނަގައިގެން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ވާރޗުއަލްކޮށް ބޭއްވި ސޮލިޑަރިޓީ ކޯލް ޓު އެކްޝަންގައި ދިވެހިރާއްޖެ ތަމްސީލް ކުރެއްވުމުގެ ގޮތުން މިނިސްޓަރ އޮފް ހެލްތު ޢަބްދު ﷲ އަމީން ދެއްވި ބަޔާނުގައެވެ.

މިނިސްޓަރގެ މިބަޔާނުގައި ވިދާޅުވީ، ދުނިޔޭގައި އެއްބަޔަކު އަނެއްބަޔަކާއި ގުޅިފައިވާ މިންވަރާއި، ކަންކަމުގައި ބަރޯސާވާންޖެހޭ މިންވަރު ކޯވިޑް-19އާއެކު ވަރަށް ރަނގަޅަށް ވަޒަންކޮށްލެވޭކަމަށެވެ. އަދި ޞިއްޚީ ކުއްލި ނުރައްކަލުގެ ޙާލަތަކަށް ދުނިޔޭގެ ގިނަ ޤައުމުތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ތައްޔާރުނުވާކަމާއި، ޤައުމުތަކުގެ ނާޒުކުކަން މި ބަލިމަަޑުކަމުގެ ތެރެއިން ހާމަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ކޯވިޑް-19ގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކާވުމާއި، ދުނިޔޭގެ ޤައުމުތަކުގެ ޞިއްޚީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމުގެ އިތުރަށް މުޅި ދުނިޔޭގެ ޢިޤްތިޞާދު ހުއްޓުމަކަށް އައިސް އެކަމުގެ ނޭދެވޭ އަސަރު ވަކިވަކި ޤައުމުތަކަށާއި، މުޖުތަމަޢުތަކަށް ކުރަމުންދާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ނުރައްކާ ދުނިޔޭގެ ހުރިހާ ޤައުމަކަށްހެން ފޯރާފައިވާ މި ދަނޑިވަޅުގައި ބައެއް ޤައުމުތަކުގެ ޙާލަތު ކަންބޮޑުވާންޖެހޭ ދަރަޖަށް ގޯސްވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ އަމީން ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި އަދި އުނދަގޫ ޙާލަތުން އަރައިގަނެވޭނީ ހުރިހާ ޤައުމުތައް ގުޅިގެން ކުރެވޭ މަސައްކަތުންކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އެއްވެސް ބައެއްގެ އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެހެން، އެންމެ އަސާސީ ހައްޤުތައް ކަަށަވަރުކޮށްދީ ޞިއްޚީ ފަރުވާ ހޯދުމުން އެއްވެސް ބަޔަކު މަހުރޫމް ނުވާނެހެން ކަންކަން ބަައްޓަން ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަބްދު ﷲ އަމީންގެ ވާހަކަފުޅުގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޚީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާ، ކޯވިޑް-19 އަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ތައްޔާރުކުރެވިއްޖެނަމަ، ތަރައްޤީވެފައިވާ ޤައުމުތަކާއި ވަޞީލަތްތައް މުއްސަނދި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެފަދަ ތަރައްޤީވަމުންއަންނަ ޤައުމުތަކަށްވެސް އެފަރުވާ ނުވަތަ ވެކްސިން ލިބެންވާނެކަމަށް ވިދާޅުވިއެވެ.

މިކަމުން އަރައިގަނެވޭނީ ހަމައެކަނި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދީގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހުރިހާ ޤައުމުތަކަކުން ގުޅިގެން ހެލްތު ޓެކްނޮލޮޖީގެ ބޭނުން ހިފޭނެގޮތްހެދުމަށާއި، މަޢުލޫމާތު ބަދަލުކޮށް، ކޯވިޑް-19ގެ ކަންކަމުގައި އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމަށް މިނިސްޓަރ އަމީން ގޮވާލެއްވިއެވެ.

މި ސޮލިޑަރިޓީ ކޯލް ޓު އެކްޝަންއަކީ ކޮސްޓަރިކާއިން އިސްނަގައިގެން ޑަބްލިޔު.އެޗް.އޯއާއި އެކު ކޯވިޑް-19ގެ ކަންކަމުގައި ހެލްތު ޓެކްނޮލޮޖީސްގެ ގްލޯބަލް ރިސޯސް ޕޫލެއް އެކުލަވާލައި، އެއަށް ހުރިހާ ޤައުމުތަކަށް އެކްސެސްވެވޭނެ ގޮތަކަށް ހެދުމަށް ގޮވާލާ ގޮވާލުމެކެވެ. މި ކޯލް ޓު އެކްޝަންގައި ޤައުމުތަކުގެ ބޮޑުވަޒީރުންނާއި، ސިއްޙަތާއިބެހޭ ވަޒީރުންނާއި، ދުނިޔޭގެ ޞިއްޚީ ދާއިރާއާއި ފަންނީ އެހެން ދާއިރާތަކުގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ކޯލްގައި މިހާތަނަށް ދުނިޔޭގެ 34 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.