މުނިފޫހިފިލުވުން

ކިރަން ކުމާރު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


70ގެ އަހަރުތަކާއި 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމްތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކިރަން ކުމާރު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކަށް މަޢުމޫމާތުދެމުން ކިރަން ބުނެފައިވަނީ އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މެޑިކަލް ޗެކްއަޕެއް ހެދުމަށް ހޮސްޕިޓަލަށް ދިއުމުން، އެތަނުގައި ކޯވިޑް-19އަށް ޓެސްޓްކުރުން ލާޒިމްކޮށްފައިވާތީ ނެގި ސާމްޕަލް ޕޮޒިޓިވްވުމުންކަމަށެވެ. ސާމްޕަލް ނެގިއިރާއި މިހާރުވެސް ބަލީގެ އެއްވެސް ޢަލާމާތެއް ނެތްކަމަށާއި، އޭނާ ހުރީ ގޭގައި އަމިއްލައަށް އެކަހެރިވެގެންކަމަށް ކިރަން ބުނެފައިވެއެވެ.

އެގޮތުން އޭނާގެ އާއިލާ ގޭގެ 2 ވަނަ ބުރީގައި އުޅޭއިރު، އޭނާ މިވަގުތު ދިރިއުޅެނީ ގޭގެ 3 ވަނަ ބުރީގައިކަމަށް ކިރަން ބުންޏެވެ. އަދި މިމަހުގެ 26 ނޫނީ 27 ހާތާނގައި ދެވަނަ ޓެސްޓެއް އޭނާ ހަދާނެކަމަށްވެސް މީޑިއާތަކަށް އޭނާ މަޢުލޫމާތުދީފައިވެއެވެ.

1960 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ކިރަން ކުމާރު ބެލުންތެރިންގެ މެދުގައި ބޮޑަށް މަޤުބޫލުވެފައިވަނީ ނުބައިބައި ރޯލުތައް ކުޅުމަށް ކުޅަދާނަ އެކްޓަރެއްގެ ގޮތުގައެވެ.

ކިރަންގެ އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ބޯލް ރާދާ ބޯލް"، "ތެޒާބް"، "ހަސީނާ އޯރް ނަގީނާ"، "ބްރަދާސް"، "ބޮބީ ޖަސޫސް" ފަދަ ފިލްމްތައް ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ ގިނަ އަދަދެއްގެ ޓީވީ ޑްރާމާތަކުންވެސް ފެނިގެންގޮސްފައެވެ.