ކޯވިޑް-19

ނިއުޔޯކް ޓައިމްސްގެ ކަވަރ ޕޭޖު ކޯވިޑްގައިި މަރުވި 1000 މީހެއްގެ ނަމުން ފުރާލައިފި


ނިއުޔޯކް ޓައިމްސްއިން އާދިއްތަ ދުވަހު ނެރުނު އެނޫހުގެ ޢަދަދުގެ ކަވަރ ޕޭޖު ކޯވިޑް-19ގައި އެމެރިކާއިން މަރުވި 1000 މީހެއްގެ ނަމުން ފުރާލައިފިއެވެ.

ނިޔުޔޯލް ޓައިމްސްއަކީ އެމެރިކާގައި ނެރޭ އެންމެ ދުވަސްވީ އެއް ނޫސް މަޖައްލާއެވެ. އެމެރިކާގެ ސިޔާސީ މަޝްރަހުގައި ހިނގާ މުހިއްމު ކަންތައްތަކާއި، ޢިޖްތިމާޢީ، ވިޔަފާރި، ހަމައެހެންމެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދިނުމުގައި 160 އަށްވުރެ ގިނަ އަހަރު ހޭދަކޮށްފައިވާ ނިއުޔޯކް ޓައިމްސްއަކީ މިހާރުވެސް އެމެރިކާގައި ނެރޭ އެންމެ މަޤުބޫލު އަދި އެންމެ ގިނަ ބަޔަކު ކިޔާ ނޫސް މަޖައްލާއެވެ.

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިފައިވަނީ އެމެރިކާއަށެވެ. އެމެރިކާގައި މި ބަލި ފެތުރޭ މިންވަރު އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. ދުވަހެއް ދުވަހަކަށް ބަލި ޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ ޢަދަދުތައް ދަނީ އިތުރުވަމުންނެވެ.

ކޯވިޑް-19ގެ ސަބަބުން އެމެރިކާ ކުރިމަތިލާންޖެހިފައިވާ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ނިއުޔޯކް ޓައިމްސްއިން މިމަހުގެ 24 ވަނަ ދުވަހު ނެރުނު އެނޫހުގެ ޢަދަދުގެ ކަވަރ ޕޭޗު ނުވަތަ މޫނުމަތި ޚާއްސަކުރީ ކޯވިޑް-19ގައި އެމެރިކާއިން މަރުވި 1000 މީހެއްގެ ހަނދާން އައުކުރުމަށެވެ. ނިއުޔޯކް ޓައިމްސްއިން ނެރޭ ޢަދަދުތަކުގެ ކަވަރ ޕޭޖުން ބޮޑެތި ސުރުޚީތަކާއި، އިޝްތިޙާރު އެޑްތަކާއި، ފޮޓޯ އާއްމުގޮތެއްގައި ފެނިގެންދެއެވެ. ނަމަވެސް އާދިއްތަދުވަހު ނެރުނު ޢަދަދުގެ ލޭއައުޓް މުޅިން ތަފާތެވެ.

ކަވަރ ޕޭޖުގައި ހިމަނާފައިވަނީ އެންމެ ސުރުޚީއެކެވެ. އެއީ "އެމެރިކާގައި މަރުވި މީހުން 100،000 އާއި ގާތްކޮށްފި، މިއީ ގުނާ ޢަދަދު ނުކުރެވޭހާ ބޮޑު ގެއްލުމެއް" މިފަދައިންނެވެ. އެމެރިކާގެ އެކި ސަރަޙައްދުތަކުން މަރުވި 1000 މީހެއްގެ ނަން ކަވަރ ޕޭޖުގައި ޖަހާފައިވާއިރު، އެއީ "ހަމައެކަނި ލިސްޓެއްގައި ހިމެނޭ ނަންތަކެއް ނޫންކަމަށާއި، އެއީވެސް އަހަރުމެންގެ ތެރެއިން ބައެއް" މިފަދައިން ބުނެފައިވެއެވެ.

ކަވަރ ޕޭޖާއި އެތެރޭގެ 3 ޕޭޖު ހިމެނޭހެން މި 1000 މީހުންގެ ނަމާއެކު އެމީހުންގެ އުމުރާއި، ސިޓީ އަދި އެމީހެއްގެ ހަޔަތާއި ގުޅޭ ކުރު ޖުމްލައެއް ވަނީ ހިމަނާފައެވެ. މިއީ އެމެރިކާއިން ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އެންމެ އެކެއް އިންސައްތައެވެ. މި 1000 މީހުންގެ މަޢުލޫމާތު އެއްކޮށްފައިވަނީ އެކި ދުވަސްމަތިން އެމެރިކާގެ އެކި މީޑިއާތަކުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލައިގެންކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެފައިވެއެވެ.

380 މިލިއަނަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އެމެރިކާގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. އެގޮތުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޢަދަދު 1.6 މިލިއަނަށްވުރެ މައްޗަށް އަރައެވެ. އޭގެތެރެއިން 99 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 17 ހާހަށްވުރެ ގިނަ މީހުން ސީރިއަސް ޙާލަތުގައި މިހާރުވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ. ބަލިން ރަނގަޅުވި މީހުންގެ ޢަދަދު އުޅެނީ 4 ލައްކައަށްވުރެ މަތީގައެވެ.

އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 99 ހާހަށްވުރެ މައްޗަށް އަރާފައިވާއިރު، މި ޢަދަދު މިއަށްވުރެވެސް އިތުރުވާނެކަމަށް ބެލެވޭކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެއީ އެކަށީގެންވާ ފަރުވާ ނުލިބި އަމިއްލަ ގޭގައިވެސް ބަޔަކު މަރުވުމާއި، އެ ނޫންވެސް ސަބަބުތަކާހުރެ މި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަސްލު ޢަދަދު ކަށަވަރުކުރެވިފައިނުވާތީކަމަށް އެފަރާތްތަކުން ބުނެއެވެ.