ޚަބަރު

ކޯވިޑް-19 : ފުރަބަންދުގައި ލުއިތަކެއް ދިނަސް ވައިރަހުގެ ނުރައްކާ ކުޑައެއް ނުވޭ


ސަރުކާރުގެ މިސްރާބު މިހާރު ހުރީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މިހާރު މިއޮތް ފުރަބަންދުގެ ހާލަތުގައި ލުއިތަކެއް ދިނުމަށެވެ. އެގޮތުން ބޭރަށް ނިކުތުމާއި އޮފީސްތައް ހުޅުވުމާއި ކިޔަވައިދިނުން އަލުން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް މިއީ ކުރީގެ ދިރިއުޅުމަށް އަލުން އެނބުރި ދެވެނީ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ނުރައްކާ ބޮޑު މިދަނޑިވަޅަކީ ވައިރަހާއި ދެކޮޅަށް ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ވަގުތެވެ.

ފުރަބަންދަށް ލުޔެއްދިނުމަށް ސަރުކާރުން މިނަގަނީ ނުރައްކާތެރި ބޮޑު ފިޔަވަޅެއް ނަމަވެސް އެއްކޮށް ހުއްޓިފައިވާ ރާއްޖޭގެ އިގްތިސާދަށާއި ގާތްގަނޑަކަށް ހުއްޓިފައިވާ ރާއްޖޭގެ ހިންގުމާއި ލޮކްޑައުންގެ ސަބަބުން 2 މަސްދުވަހު ބަންދުވެގެން ތިބި މީހުންނަށް ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް އިތުރު މަގެއް ފަހިކޮށްދޭން ޖެހިފައިވެއެވެ. އެކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާ އޮތީ އަނެއްކާވެސް ޢާއްމުންގެ އަތްމަތީގައެވެ. ކުރިއަށް އޮތީ ނިއު ނޯމަލްއަށް ދިޔުންކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވާއިރު އެ ޙާލަތު ދެތިން މަހަށް ދިގުދެމިގެން ދިޔުންވެސް އެކަށީގެންވާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންކަމުން މިނިއުނޯމަލްގައިވެސް ތިމާ އާއި ތިމާގެ ޢާއިލާގެ ރައްކަލަކަށް ފިޔަވަޅުތަކެއް އަޅަން އަމިއްލައަށް އެބަޖެހެއެވެ.

މިވަގުތު ކޮންމެ މީހަކުވެސް ހަނދާނުގަ ބަހައްޓަންވީ ކަމެއް އެބައޮތެވެ. އެއީ ފުރަބަންދުގެ ޙާލަތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ސަރުކާރުން ނިންމި ނަމަވެސް ވައިރަހުގެ ނުރައްކާ އަދިވެސް އެންމެ ތަންފުކެއްވެސް ކުޑަ ނުވާކަމެވެ. ވައިރަހަށް އަދިވެސް އެކަށީގެންވާ ފަރުވާއެއް ހޯދިފައި ނެތްކަމެވެ.. އެހެންކަމުން މިއީ އަދިވެސް ނުރައްކާތެރި ދަނޑިވަޅެކެވެ. ލޮކްޑައުންއަށް އެންމެ ފުރަތަމަ ދާންޖެހުނީ ކީއްވެގެންކަންވެސް ހަނދާންކުރަން އެބަޖެހެއެވެ. ކަމާ ގުޅުންހުރި ފަރާތްތަކުން ރާއްޖޭގެ ހިންގުން އެއްހަމައެއްގައި ހިފަހައްޓައިގެން ފުރަބަންދަކަށް ނުގޮސް ވައިރަހުން އަރައިގަތުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. އޭރުވެސް ދެއްވި ނަސޭޙަތް މިއަދު މިވަނީ އަލުން ތަކުރާރުވެ އަލުން އަޑު އަހަން ޖެހިފައެވެ. ކުރީގެ ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެނައުމަށް މިހާރުމިވަނީ މަޖުބޫރުވެފައެވެ.

އެގޮތުން ލޮކްޑައުންއަށް ލުއިތަކެއް ދީގެން ބޭރަށް ދިޔުމުގެ ހުއްދަ ކޮންމެވެސް ވަރަކަށް ލިބުނު ނަމަވެސް އިޖުތިމާޢީ ގައިދުރުކަން ކަށަވަރުކުރުމަކީ ކޮންމެ މީހަކުކުރަން މަޖުބޫރުކަމެކެވެ. އެހެން މީހެއްގެ ފަރާތުން ތިމާއަށް ވައިރަސް އެރުން ހުއްޓުވާ ތިމާގެ ސަބަބުން އެހެން މީހަކަށް ވައިރަސް އެރުން ކޮންޓްރޯލްކުރުމަށްޓަކައެވެ. އަދި ގެއިން ބޭރަށް ދިޔުމަށް ލުއި ލިބުނުނަމަވެސް އެއްވެސް ބޭނުމެއް ނެތި މަގުމަތީ އުޅުމާއި ބޭރުގައި މީހުންނާ ބައްދަލުކޮށް ކެފޭ ރެސްޓޯރެންޓުތަކަށް ދިޔުމަކީ އަދިވެސް ނުރައްކާ އިތުރުވާނެ ޢަމަލުތަކެވެ. އެކަކު އަނެކަކާއި އަތާއަތް ޖޯޑުކޮށް ސަލާމްކުރުމާއި ގައިދުރުކަން ނުހުންނަ ގޮތަށް ވާހަކަދެއްކުމަށް ހުއްޓިގެން ތިބުމާއި ގުޅުން ބަދަހިކުރުމަށް ބައްދަލުކޮށް ގޭގެއަށް ދިޔުން އަދިވެސް ރައްކަލެއް ނޫންކަންވެސް ހަނދާންކުރަންއެބަޖެހެއެވެ. ކޮންމެހެން ދާންޖެހޭ ޙާލަތުގައިވެސް ބޭރަށް ދާއިރު މީހުންއެއްވެ މަސްހުނި ނުވާނެ ގޮތަކަށް ވިސްނުމާއި ޢަމަލު ބަހައްޓަންޖެހެއެވެ. ފިހާރަތަކާއި ހޮޓާތަކާއި މަގުމަތީގައިވެސް ތޮއްޖެހިގެން ތިބުން އެއްކޮށް ހުއްޓަން އެބަޖެހެއެވެ.

މިއީ ހަމައެކަނި މާލޭގެ ވާހަކައެއް ނޫނެވެ. ރަށްރަށުގައިވެސް މިކަން މިގޮތަށް ދަމަހައްޓަން ޖެހެއެވެ. ފިހާރަތަކާއި ފިނިހިޔަލުގައިއާއި އަތިރިމަތީގައި އަދި މަސް މާރުކޭޓުތަކާއި އެނޫންވެސް ތަންތަނުގައި އުޅޭއިރު އެކަކު އަނެކަކާއި 6 ފޫޓުގެ ދުރުމިނެއް ބަހައްޓަން އާދަކުރަން އެބަޖެހެއެވެ. މިސްކިތްތަކަށް ދާން ހުއްދަ ދެވިފައިވާ ރަށްރަށުގައިވެސް މިސްކިތްތަކުގައިވެސް އެކަކު އަނެކަކާ ދުރުމިން ބަހައްޓަން އެބަޖެހެއެވެ. ނިއުނޯމަލްއަށް ތައްޔާރުވުމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކުން ކުރަމުން އަންނައިރު މިކަން ތަންފީޒުކުރުމުގައި ޢާއްމުންގެ އެއްބާރުލުންވެސް ދޭންޖެހެއެވެ.

އެހެންނޫންނަމަ ވައިރަސް ފެތުރޭ މިންވަރު އިތުރުވެ ސިރިއަސް ޙާލަތަށް ދާމީހުންގެ ޢަދަދު އިތުރުވެ ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންނާއި ޓެސްޓުކުރާ މެޝިންތަކާއި ވެންޓިލޭޓަރާއި އައިސީޔޫގެ އެނދުތަކަށް ނުކަތާވަރަށް ބަލިމީހުން އިތުރުވެ ފަރުވާ ދިނުމަށް އިސްކަން ދޭންޖެހޭ މީހާ ގުރުއަތުލައިގެން ހަމަޖައްސަން ޖެހިދާނެއެވެ. ތިމާގެ ސަބަބުން ތިމާ ލޯބިވާ މީހަކަށް ގެއްލުމެއް ދިނުމަށް އެއްވެސް މީހަކު ބޭނުމެއްނުވާނެއެވެ. އެތައް ބަޔަކު ގެއާއި އަނބިދަރިންނާއި މައިންބަފައިންނާ ދުރުގައި ރެއާ ދުވާ ހޭދަކުރަނީ ވައިރަހުން އަރައިގަތުމަށެވެ. އެހެންކަމުން ތިމާއަކީ ވައިރަސް ފަތުރާ ޒަރީއާއަށް ނުވަމާތޯއެވެ. އެކަން އެގޮތަށް ކުރެވޭނީ ގޭގައި ތިބެގެންނެވެ. ލޮކްޑައުން ލުއިކޮށް ދިންނަމަވެސް ގޭގައި ތިބެގެން ނޫނީ މިނުރައްކާތެރި ބަލިމަޑުކަމުން އަރިގަނެވޭކަށް އަދި ނެތެވެ.