ކޯވިޑް-19

ކޯވިޑް-19 : ވެކްސިން ކާމިޔާބުވެއްޖެނަމަ، އެއްބިލިއަން ޑޯޒް އުފަައްދައިދޭނަން: އަސްޓްރާޒެނެކާ


ކޯވިޑް-19އަށް ފަރުވާދޭނެ ވެކްސިނެއް ތައްޔާރުކުރެވިއްޖެނަމަ، އޭގެ އެއްބިލިއަން ޑޯޒް އުފައްދައިދޭން ތައްޔާރަށް ތިބިކަމަށް އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ އަސްޓްރާޒެނެކާއިން ބުނެފިއެވެ.

އަސްޓްރާޒެނެކާއަކީ އެކިކަހަލަ ކެމިކަލް ޑްރަގްސް ތަހުލީލުކުރުމާއި، ބޭސް އުފެއްދުމުގެ ތަޖުރިބާލިބިފައިވާ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭފަދަ ބޮޑު ފާމަސޫޓިކަލް ކުންފުންޏެކެވެ. އެކުންފުނިން މިހާރުވެސް އަންނަނީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތައްފަދަ ބަލިތަކަށް ފަރުވާދިނުމަށް ޚާއްސަ ބޭސް އުފައްދައި، ދުނިޔޭގެ ބާޒާރަށް ވިއްކަމުންނެވެ.

ކޯވިޑް-19އާއި ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މިދަނޑިވަޅުގައި، ކޯވިޑް-19އަށް ވެކްސިނެއް ތަޢާރަފުކުރެވިއްޖެނަމަ، އެ ވެކްސިންގެ ބިލިއަނެއްހައި ޑޯޒް އުފައްދައިދޭން ތައްޔާރަށްތިބި ކަމަަށް އެކުންފުނީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެކުންފުނިން މިހާރުވެސް ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން އުފެއްދުމަށް މަސައްކަތްކުރާ ވެކްސިން ކާމިޔާބުވެއްޖެނަމަ، ވެކްސިންގެ ފުރަތަމަ ސަޕްލައިގެގޮތުގައި 400 މިލިއަން ޑޯޒް އުފައްދައިދޭން އެއްބަސްވެފައެވެ.

އޮކްސްފޯޑުގެ ވެކްސިން ކާމިޔާބުވެއްޖެނަމަ، 300 މިލިއަން ޑޯޒް އުފެއްދުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އެކުންފުންޏަށްވަނީ އޯޑަރުދީފައެވެ. އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސަރވިސަސް، އެޗް.އެޗް.އެސްއިން ބުނެފައިވަނީ ވެކްސިން ޓެސްޓްކުރުމުގެ މަރުހަލާ ނިމި، މިއަހަރުގެ އޮކްޓޯބަރުހާތާނގައި ފުރަތަމަ ޑޯޒް އުފެއްދުމަކީ ކުރާ އުއްމީދެއްކަމަށެވެ.

"އަސްޓްރާޒެނެކާއާއެކު ވެވުނު އެއްބަސްވުމަކީ 2021 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ބާޒާރަށް ކޯވިޑް-19އަށް ފަރުވާދޭނެ ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް. އެމީހުންގެ ތަޖުރިބާއާއެކު މަސައްކަތުގެ ދުވެލި އަވަސްވެގެންދާނެ" އެޗް.އެޗް.އެސްގެ ސެކްރެޓްރީ އެލެކްސް އަޒަރ ބުނެފައިވެއެވެ.

އަސްޓްރާޒެނެކާއިން ބުނީ، ކޯވިޑް-19އަށް ފަރުވާދޭނެ ވެކްސިނެއް ތައްޔާރުކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުން ކުރާ މަސައްކަތުގައި، ވެކްސިންގެ ޓެސްޓްކުރުމުގެ ފުރަތަމަ މަރުހަލާގެ ކަންކަން ކާމިޔާބުވެ، އެދެވޭ ނަތީޖާތަކެއް ފެންނަކަމަށްވާނަމަ، ޓެސްޓްކުރުމުގެ މަރުހަލާގެ ބާކީބައި ފުރިހަމަކުރުމަށް އެކުންފުނިން އެހީތެރިވެދޭނެކަމަށެވެ. އަދި ކާމިޔާބު ވެކްސިނެއް ތައްޔާރުކުރެވިއްޖެނަމަ، ވެކްސިން ޑޯޒް އުފައްދާ ދުނިޔޭގެ ބާޒާރަށް ނެރުމަށް އެމެރިކާގެ ބަޔޯމެޑިކަލް އެޑްވާންސްޑް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން 1 ބިލިއަން ޑޮލަރުގެ އެހީ އެކުންފުންޏަށް ލިބިފައިވާކަމަށްވެސް އަސްޓްރާޒެނެކާއިން ބުނެފައިވެއެވެ.

ކޯވިޑް-19 ފަރުވާދިނުމަށް ޚާއްސަކޮށްގެން ވަކި ވެކްސިނެއް ނުވަތަ ބޭހެއް މިހާތަނަށް ތައްޔާރުކުރެވިފައެއްނުވެއެވެ. އެހެންނަމަވެސް ވެކްސިނެއް ނުވަތަ ބޭހެއް އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައިންސްވެރިންނާއި، މެޑިކަލް ރިސަރޗަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އެ މަސައްކަތުގައި ދުނިޔޭގެ ބޮޑެތި ފާމަސޫޓިކަލް ކުންފުނިތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭގެ ތެރޭގައި އަސްޓްރާޒެނެކާގެ އިތުރުން ޕީފިޒަރ އިންކް، ޖޮންސަން އެންޑް ޖޮންސަން، ސަނޮފީ، އިނޯވިއާ ފާމަސޫޓިކަލްސް، އަދި މޮޑޯނާފަދަ ބޭސް އުފެއްދުމަށް މަޝްހޫރު ކުންފުނިތައް ހިމެނެއެވެ.