ކޯވިޑް-19

ކޯވިޑް-19 : މޮޑޯނާގެ ވެކްސިން ޓެސްޓްކުރުމުގެ ފުރަތަމަ މަރުހަލާ ކާމިޔާބުވެ ވެކްސިން އުފެއްދޭނެކަމުގެ އުއްމީދު ބޮޑުވެއްޖެ


އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުންޏެއްކަމަށްވާ މޮޑޯނާއިން ކޯވިޑް-19އަށް ފަރުވާދިނުމަށް އުފައްދާ ވެކްސިން ޓެސްޓްކުރުމުގެ ފުރަތަމަ މަރުހަލާ ކާމިޔާބުވެ، ވެކްސިނެއް އުފެއްދިދާނެކަމުގެ އުއްމީދު ބޮޑުވެފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

މޮޑޯނާއިން ކޯވިޑް-19އާއި ދެކޮޅަށް އުފައްދާ ވެކްސިނަށް ދީފައިވާނަމަކީ އެމް.އާރް.އެން.އޭ-1273 އެވެ. މޮޑޯނާއަކީ ކޯވިޑް-19އަށް ފަރުވާ ދިނުމަށްޓަކައި އިންސާނުންގެ މެދުގައި އެކްސްޕެރިމެންޓަލް ވެކްސިނެއް ޓެސްޓްކުރި ފުރަތަމަ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ.

މި ވެކްސިން ޓެސްޓްކުރުމުގެ "އިންޓެރިމް ފޭސް" ނުވަތަ ފުރަތަމަ މަރުހަލާ ކާމިޔާބުވެފައިވާއިރު، މި ވެކްސިން ޓެސްޓްކުރި ފުރަތަމަ 8 މީހުންގެ ހަށިގަނޑުންވެސް ކޯވިޑް-19 ބަލި ޖައްސާ ނޮވެލް ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ހަނގުރާމަކޮށްދޭނެ އެންޓިބޮޑީސް ފެނިފައިވާކަމަށް މޮޑޯނާއިން ބުނެފައިވެއެވެ.

ވެކްސިންގެ ޓެސްޓްކުރުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން، ކޯވިޑް-19 ޖައްސާ ވައިރަހާ ދެކޮޅަށް ހަނގުރާމަކުރުމަށް ހަށިގަނޑުގެ ދިފާޢީ ނިޒާމް ތަމްރީންކޮށްދިނުމުގައި މި ވެކްސިން އެހީތެރިވެދޭކަން ވަނީ ހާމަވެފައެވެ. އަދި އަސްލު ވައިރަސް އިންފެކްޓްވެފައިވާ މީހުންގެ "އިމިއުން ރެސްޕޯންސް"އާއި ދާދި އެއްގޮތް ކަންތައްތަކެއް ދެނެގަނެވިފަައިވާކަމަށްވެސް މޮޑޯނާއިން ބުނެފައިވެއެވެ.

އެމް.އާރް.އެން.އޭ-1273 ތަރައްޤީކޮށްފައި ވަނީ ކޮރޯނާ ވައިރަސްގެ "ޖެނެޓިކް ކޯޑް" ނުވަތަ ވިރާސީ ބައެއް މާއްދާތައް ބޭނުންކޮށްގެންނެވެ. މި ވެކްސިން އިންޖެކްޓްކުރުމުން އެއްވެސް ކަހަލަ އިންފެކްޝަނެއް ނުވަތަ ކޯވިޑް-19ގެ ޢަލާމާތެއް ހަަށިގަނޑަކުން ނުފެންނާނެއެވެ. ނަމަވެސް އިންސާނާގެ ދިފާޢީ ނިޒާމު މި ވައިރަހާއި ދެކޮޅަށް ހަރަކާތްތެރިވުމަށް މި ވެކްސިން އެހީތެރިވެދޭނެއެވެ. މި ވެކްސިން ޓެސްޓުކުރުމުގެ މަސައްކަތް މޮޑޯނާއިން ކުރިއަށްގެންދަނީ އެމެރިކާގެ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އިންފެކްޝިއަސް ޑިޒީސަސް އާއި ގުޅިގެންނެވެ.

މި ވެކްސިން ޓެސްޓްކުރުމުގެ މަރުހަލާގައި 45 މީހަކު ބައިވެރިވާއިރު، އެކި މީހުންނަށް ވެކްސިން ޑޯޒްދީފައިވަނީ އެކި މިންވަރަށެވެ.

އޭގެތެރެއިން ސައިޑް އިފެކްޓްސްތައް ފެނިފައިވަނީ އެންމެ މަތީ ޑޯޒްދިން މީހުންގެ ކިބައިންނެވެ. އަދި ވައިރަސްއާއި ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީސް އުފައްދާކަން ފާހަގަވެފައިވަނީ 8 މީހުންގެއެވެ. ނަމަވެސް ވެކްސިން ޑޯޒް އެންމެ މަދުން ދިން މީހުންގެ ގައިންވެސް ކޯވިޑް-19އިން ފަސޭހަވެފައިވާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް ހުރި މިންވަރާއި ދާދި އެއްވަރެއްގައި އެންޓިބޮޑީސް ހުރިކަން ފާހަގަކުރެވުނުކަމަށް މޮޑޯނާއިން ބުނެފައިވެއެވެ.

މޮޑޯނާއިން ތަރައްޤީކުރާ ވެކްސިންގެ ފުރަތަމަ މަރުހަލާ ޚާއްސަކޮށްފައި ވަނީ ވެކްސިނުން ހަށިގަނޑަށް އެއްވެސް އަސަރެއް ކުރޭތޯ ބެލުމަށްވުރެ ބޮޑަށް މިއީ ރައްކާތެރި ވެކްސިނެއްތޯ ދެނެގަތުމަށެވެ. ފުރަތަމަ މަރުހަލާގައި ލިބުނު ކުރިއެރުންތަކާއެކު މިއަށްވުރެ ބޮޑުކޮށް ވެކްސިން ޓެސްޓްކުރުމުގެ ކަންކަން ޖުލައިމަހުގެ ތެރޭގައި ފެށުމަށް އެކުންފުނިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ވެކްސިން ޓެސްޓްކުރުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން އެއްކުރެވުނު ޑާޓާތަކުން ކޯވިޑް-19އާއި ދެކޮޅަށް ހަނގުރާމަކުރުމުގެ ޤާބިލުކަން އެމް.އާރް.އެން.އޭ-1273 ވެކްސިނަށް ލިބިފައިވާކަން ދެނެގަނެވިފައި ވާއިރު، މި ވެކްސިންގެ "ޕިވޮޓަލް ޓްރައަލްސް" ނުވަތަ ކާމިޔާބުތޯ ބެލުމަށް ހަދާ ޓެސްޓުތަކުގައި ވެކްސިން ޑޯޒްދޭނެ މިންވަރު އިޙްތިޔާރުކުރުމަށްވެސް މިހާރު ފަސޭހަވެގެންދާނެކަމަށް މޮޑޯނާއިން ބުނެއެވެ. ޖުލައިމަހުގެ ތެރޭގައި ވެކްސިން ޓެސްޓްކުރުމުގެ އިތުރު މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން ދާއިރު، މި ވެކްސިން ކާމިޔާބުވެއްޖެނަމަ، ބާޒާރަށް ނެރެވޭވަރަަށް ވެކްސިން އުފެއްދޭނެގޮތްތައްވެސް ބަލަމުންދާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މޮޑޯނާގެ މި ވެކްސިންގެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގެ މަސައްކަތްތަކަށާއި، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން، އެފް.ޑީ.އޭގެ ލައިސެންސް ހޯދުމަށް 483 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް އެ ޤައުމުގެ ބަޔޯމެޑިކަލް އެޑްވާންސްޑް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީން ވަނީ އެއްބަސްވެފައެވެ.