ޚަބަރު

ކޯވިޑް-19 : "ސިއްޙީ އެހީތެރިން ބޭނުންކުރާ ސޭފްޓީ ސާމާނު އައްޑޫ ހޮސްޕިޓަލްގައި އެބަހުރި"


ކޯވިޑް-19އިން ރައްކާތެރިވުމަށް ސިއްޙީ އެހީތެރިން ބޭނުންކުރާ ސާމާނު އައްޑޫ ސިޓީ ހޮސްޕިޓަލްގައި އެބަހުރިކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތާގުޅޭ މަޢުލޫމާތު ދިނުމަށް ނެޝަނަލް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، އައްޑޫ ހޮސްޕިޓަލްގައި ކޯވިޑް-19 ބަލިން ރައްކާތެރިވުމަށް ސިއްޙީ އެހީތެރިން ބޭނުންކުރާ ސާމާނު ނެތްކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އެކަން ސާފުކޮށްފައިވާކަމަށެވެ. މަސްބްރޫކް ވިދާޅުވީ ހޮސްޕިޓަލްގައި މިވަގުތަށް ދަތި ނުވާވަރަށް މާސްކާއި، ގައުނާއި ސެނެޓައިޒަރ އެބަހުރިކަމަށެވެ.

"އައްޑޫ ހޮސްޕިޓަލްގައި 289ގައުން އެބަހުރި. 115ފޮށި މާސްކް އެބަހުރި، އެއީ 1306 ސަރޖިކަލް މާސްކް. އެން95ގެ 59މާސްކް އެބަހުރި، އާއްމުކޮށް ބޭނުންކުރާ 88ސެނެޓައިޒަރ ފުޅި އަދި އެހެން ބްރޭންޑެއްގެ 45ފުޅި ސެނެޓައިޒަރ ފުޅިވެސް އެބަހުރި." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ގިނަ އުސޫލުތަކެއް ހަދާފައިވާއިރު، އެ އުސޫލުން ކަންކުރުމަށް ސިއްޙީ ޚިދުމަތްދޭ ހުރިހާ އިދާރާއަކަށް އަންގާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ކޯވިޑް-19އަށް ޚާއްސަކޮށްގެން ސިއްޙީ ފަރުވާދިނުމަށް އައްޑޫގައިދަނީ ފެސިލިޓީއެއް ހަމަދަމުންނެވެ. ފެސިލިޓީގެ %90 މަސައްކަތްވަނީ ނިމިފައެވެ.