މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 96 މީހުންގެ ތެރޭގައި 7 މަހުގެ ތުއްތު ކުއްޖެއް ހިމެނިއްޖެއެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ މަޢުލޫމާތުމާތު ހާމަކޮށް ޑޭޝްބޯޑުގައި ވާގޮތުން ޕޮޒިޓިވް ވެފައިވާ 7 މަހުގެ ތުއްތު ތުއްތު ކުއްޖަކީ ރާއްޖެއަށް ނިސްބަތްވާ ފިރިހެން ކުއްޖެކެވެ. މީގެއިތުރުން މިއަދުވަނީ 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި، 7 އަހަރުގެ ކުޑަ އަންހެން ކުއްޖެއްވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވި ގިނަ މީހުންނަކީ އުމުރުން 20 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. މިއަދު ޕޮޒިޓިވްވި އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މާލޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު ކުޑަކުދިންނަށް ބަލިޖެހޭ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ. މިބަލީގައި މާބަނޑު އަންހެނަކަށްވެސް ޓްރީޓްޕް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
މިއަދު މާލެއިން ޕޮޒިޓިވްވި 96 މީހުންނާއިއެކު މިޢަދަދު ވެފައިވަނީ ރާއްޖެއިން އެއްދުވަހެއްގައި މިހާތަނަށް ދެވަނައަށް އެންމެ ގިނަޢަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަށެވެ. ރާއްޖެއިން އެންމެ ގިނަޢަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއިން ވަނީ 179 މީހަކު ކޯވިޑް-19އަށް ޕޮޒިިވްވެފައެވެ. ރާޢްޖެއިން ކޯވިޑް-19އަށް މީހުން ޕޮޒިޓިވް ވުން އިތުރު ވެފައިވަނީ މާލެއިން މިދިޔަ މަހުގެ 15ވަނަ ދުވަހު މީހަކު ޕޮޒިޓިވް ވުމާއިއެކުއެވެ.
އޭޕްރީލް މަހުގެ 15ވަނަ ދުވަހު މާލެއިން ކޯވިޑް 19 ފެނުނު ފަހުން މިވީ 25 ދުވަހުގެ ތެރޭގައި ވަނީ 732 މީހަކު އެބައްޔަށް ޕޮޒިޓީވްވެފައެވެ. މާލެއިން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު މިހާރު ހުރި ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. އަދި ކުރިއަށް އޮތް 2 ހަފްތާއަކީ ރައްޖެ ޕީކަށްދާނެ ދެހަފްތާކަމަށް ބަލާއިރު މިދެހަފްތާގައި އިތުރު ފިޔަވަޅުތަކެއް އަޅައި ރައްޔިތުން މިކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.