ޚަބަރު

ރޯމާއިން ފަސޭހަ ކަމާއެކު ފިއޮރެންޓީނާ ބަލިކޮށްފި


  • މިމެޗު ރޯމާއިން ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު ސުން ލަނޑުން

އިޓާލިއަން ސެރީއާގައި އޭއެސް ރޯމާ އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ރޯމާއިން ކާމިޔާބު ކޮށްފިއެވެ.

ރޯމާގެ ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު ސުން ލަނޑުންނެވެ. 67 ހާސް 598 ކުޅިބެލުންތެރިން ކުރިމަތީ ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ.

މިމެޗުގައި ރޯމާގެ ދެ ކުޅުންތެރިންކަމަށްވާ ޑޮންޔެލް މާލެން އާއި ޕައުލޯ ޑިބާލާގެ ފަރާތުން ތަފާތު ދެ ހެޓްރިކެއް ފެނިގެންދިޔައެވެ. މިގޮތުން މިމެޗުގައި ތިން ލަނޑު ޖަހައިގެން މާލެން ހެޓްރިކް ހެދިއިރު މާލެން ކާމިޔާބު ކުރި ތިން ލަނޑު ޖެހުމަށް އެސިސްޓް ކޮށްދީގެން ޑިބާލާވަނީ ހެޓްރިކް ހަދާފައެވެ.

އެންމެ ފަހުން ސެރީއާގެ މެޗެއްގައި ޓީމުގެ އެއް ކުޅުންތެރިޔަކަށް ތިން އެސިސްޓް ދީފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހު ބޮލޯނިއާ އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގައި ބޮލޯނިއާގެ އެމަނުއެލް ވިގްނާޓޯ އެޓީމުގެ ރޮޑްރިގޯ ޕަލާސިއޯއަށެވެ.

މިމެޗުގައި ރޯމާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާލެންއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިތާ 7 މިނެޓް ފަހުން މާލެންވަނީ ރޯމާގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މާލެން އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުގައި ރޯމާގެ ފަހު ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނިކޯލޯ ޕަސިލީއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރޯމާގެ ކޯޗު ޖިއާން ޕިއޭރޯ ގަސްޕެރީނީ ބުނީ މާލެން އާއި ޑިބާލާގެ މެދުގައިވަނީ ދުނިޔޭގެ ފެންވަރުގެ ޕާޓްނަރޝިޕެއް ކަމަށެވެ. ގަސްޕެރީނީ ބުނީ ޑިބާލާއަކީ އަބަދުވެސް މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއަށް ދިމާވެފައިވާ މައްސަލަ އަކީ މާގިނައިން އަނިޔާވުން ކަމަށެވެ. އަދި މާލެން އަށް ބަލާލާއިރު އޭނާގެ ފަރާތުން ފެންނަމުންދާ ކުޅުމަކީ ހައިރާން ވާންޖެހޭކަމެއް ނޫންކަމަށާއި މާލެން ރޯމާގައި ކުޅެމުންދަނީ ވަރަށް ކުޅޭ ހިތުން ކަމަށާއި މިއީ އޭގެ ނަތީޖާ ކަމަށެވެ.

މިދިޔަ ސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއިން ރޯމާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވި މާލެންވަނީ މިދިޔަ ސީޒަންގައިވެސް 20 މެޗުގައި 15 ލަނޑު ޖަހައިދީފައެވެ. އަދި މިސީޒަން މާލެން ފަށާފައިމިވަނީ މިދިޔަ ސީޒަން ނިންމާލި ހިސާބުންނެވެ.

މިމުބާރާތުގައި ލާޒިއޯ އާއި ބޮލޯނިއާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލާޒިއޯއެވެ. ބޮލޯނިއާގެ ސްޓާޑިއޯ ރެނާޓޯ ޑަލްއާރާގައި ކުޅުނު މިމެޗުގައި ލާޒިއޯއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ފްރަޓޭސީއެވެ.

މިދެ މެޗާއި އެކު ސެރީއާގެ އާސީޒަންގެ ފުރަތަމަ ބުރުގެ ކުޅުން މިވަނީ ނިމިގެން ގޮސްފައެވެ. އަދި ކޮންމެ ޓީމެއް އެއް މެޗު ކުޅެފައިވާއިރު 9 ޓީމުންވަނީ ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. އަދި ދެޓީމެއް މެޗު އެއްވަރު ކުރިއިރު 9 ޓީމެއްވަނީ ބަލިވެފައެވެ. ފުރަތަމަ ބުރުގެ މެޗުތަކަށް ބަލާލާއިރު ޗެމްޕިއަން އިންޓަރގެ އިތުރުން ދެން މިލީގުގައި ފާހަގަ ކޮށްލެވޭ ހުރިހާ ޓީމެއްވެސް ވަނީ މެޗު ކާމިޔާބު ކޮށްފައެވެ.