ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށްދާ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީގެ 24 ވަނަ ޖެނެރަލް ކޮންފަރެންސް އަދި އެއާއި ގުޅުންހުރި ބައްދަލުވުންތަކުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ބައިވެރިވެއްޖެއެވެ. މިމަހުގެ 24އިން ފެށި މިބައްދަލުވުން މާދަމާގެ ނިޔަލަށް ކުރިޔަށްދާނެއެވެ.
ދިވެހިރާއްޖެއަކީ އޭއައިބީޑީގެ ފުރިހަމަ މެންބަރު ޤައުމަކަށްވާއިރު، އެ ޖަމިއްޔާގައި ރާއްޖެ ތަމްސީލުކުރަނީ ޕީއެސްއެމްއިންނެވެ. މީގެ އިތުރުން، ޕީއެސްއެމްއަކީ މިހާރު އޭއައިބީޑީ ޖެނެރަލް ކޮންފަރެންސްގެ ނައިބު ރައީސްވެސްމެއެވެ. މިއީ، ސަރަހައްދީ ބްރޯޑްކާސްޓިންގ އަދި މީޑިއާ ތަރައްޤީ ކުރުމުގައި ރާއްޖޭގެ ދައުރު އިތުރަށް ވަރުގަދަވެގެންދާ ކަމެކެވެ.
މި ކޮންފަރެންސަކީ، އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ބްރޯޑްކާސްޓަރުންނާއި މީޑިއާ އިދާރާތައް އެއްތަނަކުން ބައްދަލުވެ، ބްރޯޑްކާސްޓިންގ ދާއިރާއަށް ކުރިމަތިވަމުންދާ މުހިންމު ކުރިއެރުންތަކާއި، ގޮންޖެހުންތަކުގެ އިތުރުން ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ކޮންފަރެންސްގެ ތެރެއިން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަކީބް ވަނީ، 2026 ވަނަ އަހަރު ރާއްޖޭގައި ބޭއްވި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް، އޭއެމްއެސް އިންތިޒާމުކޮށް ބޭއްވުމުގައި ރާއްޖެއިން ހޯދާފައިވާ ތަޖުރިބާތަކާއި، އެފަދަ ސަރަހައްދީ މީޑިއާ ހަރަކާތެއް ކާމިޔާބުކަމާއެކު ބޭއްވުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުންތަކުގެ ސަބަބުން ޕީއެސްއެމްއަށް ސަރަހައްދީ ބްރޯޑްކާސްޓަރުންނާ ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަޤުވާމީ ބައިވެރިންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި އޭޝިއާ-ޕެސިފިކް ސަރަހައްދުގެ މީޑިއާއާއި، ބްރޯޑްކާސްޓިންގ ދާއިރާގެ މުސްތަޤުބަލާ ގުޅޭގޮތުން ކުރާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ފަހިވެގެންދެއެވެ.
މި ކޮންފަރެންސްގައި ސްޓްރެޓީޖިކް ޕްލޭން ޓީމުގެ 3ވަނަ ބައްދަލުވުމާއި، އޭއައިބީޑީ އެގްޒެކެޓިވް ބޯޑު، އެކްސްބޯގެ ބައްދަލުވުންތަކާއި ގާލާ ޑިނަރގެ އިތުރުން ޚާއްސަ އެކްސްކާޝަންތައްވެސް ކުރިއަށްދާނެއެވެ.