އިންގްލިޝް ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއަށް ކުޅޭ އިންގްލަންޑްގެ ފޯވަޑް އޮލީ ވޮޓްކިންސް ކްލަބްގެ ފަރިތަކުރުންތަކަށް އެނބުރި އައިސް ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުން މައާފަށް އެދިއްޖެއެވެ.
ވޮޓްކިންސްވަނީ އޭނާ ވިލާ ދޫކޮށް ދާން ބޭނުންވާކަން ހާމަކުރުމާއެކު އެޓީމުގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިނުވެފައެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު އިންގްލިޝް ޕްރިމިއަރ ލީގުގެ އައު ސީޒަންގައި ވިލާ ކުޅުނު ފުރަތަމަ މެޗުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އަތުން 4 ލަނޑު ސުން ލަނޑުން ބަލިވި މެޗަށްފަހު އޭނާވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ.
ނިމިގެންދިޔަ ސީޒަން ޔުއޭފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށް މިފަހަރުގެ ޗެމްޕިއަންސް ލީގުންވެސް ޖާގަހޯދާފައިވާ ވިލާއިން ސީޒަން ފެށުމުގެ ކުރިންވަނީ އެޓީމުގެ އެންމެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ޔޫރީ ޓިއެލެމަންސް އާއި މޯގަން ރޮޖަރސް ލީގުގެ ވާދަވެރި ދެޓީމަށް ވިއްކާލައިފައެވެ.
ވޮޓްކިންސް ވިލާ ދޫކޮށްދާން ބޭނުންވާކަން ހާމަކޮށްފައިވާއިރު އޭނާ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްއިންވަނީ ހަތަރުވަނަ ފަހަރަށް ވިލާއަށް ބިޑް ހުށަހަޅައިފައެވެ. ނަމަވެސް ވިލާއިންވަނީ އެންމެ ފަހުގެ ހުށަހެޅުން ކަމަށްވާ 45 މިލިއަން ޕައުންޑްގެ އަގުވެސް ގަބޫލް ނުކޮށްފައެވެ.
ބްރައިޓަން މެޗަށްފަހު ވިލާގެ ކޯޗު އުނާއި އެމްރި ކައިރިން މިމެޗުގައި ވޮޓްކިންސް ފެނިގެން ނުދިޔައީ އޭނާ ކުޅެން ބޭނުން ނުވުމުންތޯ އެހުމުން އޭނާވަނީ އެސުވާލަށް ޖަވާބުދޭން ދެކޮޅު ހަދައިފައެވެ. އެމްރީ ބުނީ ތިއީ ވޮޓްކިންސް އާއި ކުރަން ޖެހޭ ސުވާލެއް ކަމަށާއި އެސުވާލަށް އޭނާއަށް ޖަވާބު ނުދެވޭނެ ކަމަށެވެ. އެމްރީ ބުނީ ވޭތުވެދިޔަ ތިން އަހަރުވެސް ޓްރާންސްފަރ މާކެޓް ނިމޭއިރު މިހާރު މިދިމާވެގެން އުޅޭ މައްސަލަ ދިމާވާކަމަށެވެ.
ވިލާއިންވަނީ އެޓީމުގައި ވޮޓްކިންސް ބަހައްޓަން ބޭނުންވާކަން ހާމަކޮށް އޭނާގެ ކޮންޓްރެކްޓް 2030 ވަނަ އަހަރާއި ހަމައަށް އައު ކުރުމަށް ނިންމާފައެވެ. ނަމަވެސް ވޮޓްކިންސް އެޓީމު ދޫކޮށްދާނަމަ ވިލާއިން މިހާރުވަނީ އެމަގާމަށް ގެންނާނެ ކުޅުންތެރިންގެ ލިސްޓެއް އެކުލަވާލައިފައެވެ. މިލިސްޓުގެ އެންމެ ކުރީގައި އުޅެނީ ނިކޮލަސް ޖެކްސަންއެވެ. އޭގެ އިތުރުން އޭސީ މިލާނަށް ކުޅޭ ރަފައެލް ލިއާއޯއަށް ވެސް ވިލާއިންވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މިލިސްޓުގައި ކްރިސްޓަލް ޕެލަސްއަށް ކުޅޭ ޖޮން ފިލީޕޭ މަޓޭޓާވެސް ހިމެނެއެވެ.