ދީން

އިމާމުން މޮނިޓަރކުރާނެ ޒަމާނީ ނިޒާމެއް ޤާއިމުކުރަނީ


މިސްކިތްތަކުގައި އިމާމުންގެގޮތުގައި މަސައްކަތް ކުރާ ފަރާތްތައް މޮނިޓަރކުރެވޭނެ ޒަމާނީ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ބައެއް އިމާމުންގެ ފަރާތުން، އާއްމުކޮށް ބަންގި ގޮވަންޖެހޭ ގަޑިތަކަށް ވުރެ ލަސްކޮށް ބަންގިގޮވުމާއި، ނަމާދުގެ ޖަމާޢަތްފެށުން ލަސްކުރުން ފަދަ ޝަކުވާތައް އާއްމުންގެ ފަރާތުން އެމިނިސްޓްރީއަށް ހުށަހަޅަމުންދާކަމަށެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެފަދަ އިމާމުންގެ އަމަލުތައް ވިހާވެސްގާތުން މޮނިޓަކުރެވޭނެ ނިޒާމެއް މިނިސްޓްރީން އެކުލަވާލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ، ބައެއް މިސްކިތްތައް ބަލަހައްޓަންވާ މިންވަރަށް ނުބެލެހެއްޓުމުގެ ސަބަބުން، އާއްމު ސާފުތާހިރުކަމުގެ ފެންވަރު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން، މިސްކިތައް ނަމާދުކުރަންދާ ފަރާތްތަކަށް ބައެއް ކަހަލަ ތަކުލީފުތައް އުފުލަންޖެހޭކަމަށާއި، އެފަދަ މައްސަލަތައް ހައްލުކޮށް، މިސްކިތްތަކުގެ ޙުރުމަތް އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.