ރޯދަ

ރަސޫލާގެ ސުންނަތާ އެއްގޮތަށް ރޯދަމަހުގެ ދުވަސްތައް ހޭދަކުރުމަށް މިއީ ފުރުޞަތެއް


މިއަހަރުގެ ރޯދަމަހަކީ ފަހުގެޒަމާނެއްގައި މުސްލިމުންނާ ބައްދަލުކުރި އެންމެ ތަފާތު ރޯދަމަހެވެ. ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާތީ މިއަހަރުގެ ރޯދަމަހުގެ ދުވަސްތައް އަޅުގަނޑުމެން ގުނަން ޖެހިފައި މިވަނީ ފުރަބަންދުގައި، ގޭގައި ތިބެގެނެވެ. ރޯދަމަހެއް އެއްކޮށް ގޭގައި ތިބެގެން ނިންމާލަން ޖެހުމަކީ އަޅުގަނޑުމެންނަށް ފަސޭހަކަމަކަށް ނުވާނެއެވެ. ސަކަރާތާއި މަޖާ ނުނެގެންޔާ ރޯދަމަހަކަށް ނުވެއެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ސަގާފަތެއް ނަމަވެސް، މިއީ ރޯދަމަހުގެ އަސްލު މަޤްޞަދެއް ނޫނެވެ.

ރޯދަމަހަކީ އަޅުކަމުގެ މަހެކެވެ. އަދި ކެތްތެރިކަމުގެ ސިފަ އެންމެ ފުރިހަމައަށް ދައްކުވައިދޭންޖެހޭ މަހެވެ. އެހެން ނޫންނަމަ ރޯދައިގެ ހަޤީޤީ ދަރުމައާއި ސަވާބެއް ނުލިބޭނެއެވެ. އިސްލާމީ އުތްމަތަށް މިނޫނަސް ދަތިއުނދަގޫ ރޯދަމަސްތައް ބައްދަލުކޮށްފައި އެބަހުއްޓެވެ. ބަދުރު ހަނގުރާމަ ހިނގީ ރޯދަމަހުއެވެ. މައްކާ ފަތަހަކުރެއްވީވެސް ރޯދަމަހުއެވެ. ނަމަވެސް ދަތި އުނދަގޫ ޙާލަތުގައިވެސް އަޅުގަނޑުމެންގެ ރަސޫލާ، މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްއާއި ސަހާބީން ގެންދެވީ ދީނީ އަޅުކަންތައް ފުރިހަމައަށް އަދާކުރައްވަމުންނެވެ.
އެހެންކަމުން ދުނިޔޭގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ މިދަނޑިވަޅުގައި، ގޭގައި ތިބެގެން އަޅުގަނޑުމެންގެ ގިނަ ބަޔަކު ރޯދަމަހުގެ ދުވަސްތައް ހޭދަކުރަންޖެހޭއިރު މިއީ ރަސޫލާގެ ސުންނަތާ އެއްގޮތަށް ރޯދަހިފުމަށް ލިބޭނެ ފުރުޞަތެކެވެ.

ރަމަޟާންމަހަށް ތައްޔާރުވުން

އަޅުގަނޑުމެން ރޯދަމަހަށް ތައްޔާރުވުމުގެ ސަޤާފަތަށް ބަލާލާއިރު، ކާބޯތަކެތި ގަނެ އެއްކުރެއެވެ. ގޭގައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުތައް ބަދަލުކުރެއެވެ. ބޮޑެތި މާހެފުންތައް ބާއްވައެވެ.

ރަސޫލާގެ ހަޔާތްޕުޅަށް ބަލާލާއިރު، ރޯދަމަސް އައުމުގެ އެތައް ދުވަހެއްކުރިން ރަސޫލާއާއި ސަހާބީން ތައްޔާރުވެވަޑައިގަންނަވަނީ ރޯދަމަހުގެ ސަވާބާއި ދަރުމަ ހޯއްދެވުމަށެވެ. ރޯދަމަސް ގާތްވާ ވަރަކަށް އެމަހުގެ މާތްކަމާއި އެމަހުގައި ލައިލަތުލްގަދުރްވިލޭރޭ ހިމޭނޭކަމުގެ އުފާވެރި ޚަބަރުތައް ސަހާބީންނަށް ދެއްވައެވެ. އެހެންކަމުން ރޯދަމަސް ފެށޭއިރު ހުރިހާ ސަހާބީންގެވެސް ވިސްނުން އެއްކޮށް ހުއްޓިފައި ހުންނަނީ އަޅުކަމާއި ހެޔޮ އަމަލުތައް ގިނަ ކުރުމަށެވެ.

އަޅުގަނޑުމެން ގޭގައި ތިބޭއިރު ހުސްވަގުތު އިންތިހާއަށް އެބައޮތެވެ. ވިސްނަންވީ އެވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ސޯޝަލް މީޑިއާގައި ބޭކާރު ކަންތައްތަކާ ޒުވާބުކުރުން އުޅުމުގެ ބަދަލުގައި، ހެޔޮގޮތުގައި އެވަގުތުތައް ހޭދަކުރަންވީއެވެ. ޤުރުޢާން ކިޔެވުމާއި ނަމާދުކުރުން އިތުރުކުރަންވީއެވެ.


އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުކުރުން

އާއްމު ގޮތެއްގައި ރޯދަމަހު އަޅުގަނޑުމެންނަށް ބޮޑަށް އިސްކަންދެވެނީ ބޮޑެތި ރޯދަ ވީއްލުންތައް ތައްޔާރުކޮށް، އިޖްތިމާޢީ އިހްތިފާލްތައް ގިނަ ކުރުމަށެވެ. ރޯދަ ވީއްލުމަށްފަހު ކޮފީތަކަށް ދިއުމާއި ސައިކަލާއި ކާރު ބުރުޖެހުމުގައި ވަގުތުތައް ބޭކާރުކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ވަނީ އާދައަކަށް ހަދާފައެވެ. އިޖްތިމާޢީ ގުޅުން ވަރުގަދަ ކުރަންޖެހެއެވެ. ނަމަވެސް ދީނީ ވާޖިބުތައް އަދާކުރުމަށްފަހުއެވެ. އެހެންނޫންނަމަ އެކަމުގެ ފައިދާއެއް ނެތެވެ.
ރަސޫލާ ރޯދަމަސް ހޭދަކުރެއްވި ގޮތަށް ބަލާލާއިރު، ރޯދަ ވީއްލަވަނީ އާއިލާއާއެކު ގޭގައެވެ. ރޯދަ ވީއްލަވަނީ ކަދުރުކޮޅެއް ނުވަތަ ފެންފޮދަކުންނެވެ. ރެސްޓޯރަންޓްތަކުން ފެންނަ ބޮޑެތި ޖާފަތްތަކެއް ނުހުރެއެވެ. ރޯދަ ވީއްލެވުމަށްފަހު ވަގުތު ހޭދަކުރައްވަނީ އާއިލާއެކުއެވެ. ދެން ހުރި ވަގުތުތައް ހޭދަކުރައްވަނީ އަޅުކަމުގައެވެ.

އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައި މިވާ ޙާލަތުގައި، ރަސޫލާ ރޯދަމަސް ހޭދަކުރެއްވި ގޮތަށް ރޯދަމަހުގެ ދުވަސްތައް ހޭދަކުރެވިދާނެއެވެ. ކާބޯތަކެތި ލިބުން ދަތިވެފައިވާއިރު، ލިބެންހުރި މަދު އެއްޗަކުން އާއިލާއަށް ރޯދަ ވީއްލުން ތައްޔާރުކުރަން އާދަކުރަންވީއެވެ. ވަގުތުތައް ކެއުމާއި ބުއިމާއި ސަކަރާތުގައި ހޭދަކުރުމުގެ ބަދަލުގައި، އަޅުކަމާއި ޤުރުއާން ކިޔެވުމާއި ހެޔޮއަމަލުތައް ގިނަކުރަންވީއެވެ.

ގޭގައި ތަރާވީޙް ނަމާދުކުރުން

ތަރާވީޙް ނަމާދަކީ ރޯދަމަހުގެ އެންމެ ޚާއްސަ އެއް އަޅުކަމަށްވާއިރު، ބަލިމަޑުކަމެއް ފެތުރެމުންދާތީ މިއަހަރުގެ ރޯދަމަހު މިސްކިތުގައި ޖަމާޢަތް ހަދައިގެން ތަރާވީޙް ނަމާދު ކުރެވޭނެ ގޮތެއް ނެތެވެ. މިއީ ވަރަށް ގިނަ ބަޔަކު އެކަމާ ކަންބޮޑުވެ، ދެރަވާ ކަމެކެވެ. ނަމަވެސް މިހާލަތުގައި މި ނޫން ގޮތެއް ނެތެވެ. އަޅުގަނޑުމެންނަށް ގޭގައި ޢާއިލާއާއެކު ނަމާދުކުރެވޭނެއެވެ. ތަރާވީޙް ނަމާދުގެ ދަރުމައާއި ސަވާބު ލިބޭނީ ހަމައެކަނި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކޮށްގެނެއް ނޫނެވެ. ރަސޫލާވެސް ގޭގައި ތަރާވީޙް ނަމާދުކުރެއްވިކަން ސުންނަތުން އެނގެއެވެ.

އަމިއްލަ ނަފްސާމެދު ވިސްނަން ވަގުތު ހުސްކުރުން

ޤުރުޢާން ބާއްވާލެއްވުނީ ރަސޫލާ ހިރާ ފަރުބަދައިގެ ހޮހަޅައިގެ އެކަހެރިވެވަޑައިގެން އިންނަވަނިކޮށެވެ. އެހޮހަޚައިގައި އެމަނިކުފާނު އެކަހެރިވެވަޑައިގަންނަވަނީ އަމިއްލަ ނަފްސާއި ވަށައިގެންވާ ކަންކަމާމެދު ވިސްނަވާ ފިކުރު ކުރެއްވުމަށެވެ. ރޯދަމަހު އަމަލުކުރެއްވި ގޮތަށް ބައްލަވާއިރު، ފަހުދިހައިގެ ދުވަސްތައް ހޭދަކުރައްވަނީ މިސްކިތުގައި އިއުތިކާފްގައެވެ.

އަޅުގަނޑުމެންނަށްވެސް ރަސޫލާގެ ދިރިއުޅުއްވުމުން މިސާލު ނަގައިގެން އުޅެވިދާނެއެވެ. އަޅުގަނޑުމެންގެ ގެތަކަކީ މިވަގުތު ހިރާ ފަރުބަދައިގެ ހޮހަޅަ ފަދަ ތަންތަނެވެ. އަމިއްލަ ނަފްސާމެދު ފިކުރުކޮށް، އުޅެވެނީ އެންމެ ރަނގަޅަށްތޯ ވިސްނުމަށް ލައްކަ ވަގުތު އެބައޮތެވެ. ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅައިގެން މަސައްކަތްކުރަން ތައްޔާރުވާން މިއީ ރަނގަޅު ވަގުތެކެވެ.

މިއީ ހަމަޤާއިމުވެސް ތަފާތު ރޯދަމަހެކެވެ. މިފަދަ ރޯދަމަހެއް އަލުން އަޅުގަނޑުމެންނާ ބައްދަލުވުމަކީ ނާދިރުކަމެކެވެ. އެހެންކަމުން މިކަމުގައި ކެތްތެރިކަން އިސްކުރުން މުހިއްމެވެ. މިއީ އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ބޮޑު މިއީ އިމްތިޚާނެއްގެ ގޮތުގައި ދެކިގެން، ކެތްތެރިކަމާއެކު މަސައްކަތްކުރުމަކީ މުސްލިމުންގެ ސިފައެވެ. އަދި ކޯވިޑްގެ ތެރެއިން އަޅުގަނޑުމެންނާ ބައްދަލުކުރި ރޯދަމަހަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ ރޯދަމަހުގެ ދުވަސްތައް ހޭދަކުރެއްވި ގޮތަށް އަޅުގަނޑުމެންގެ އަމަލުތައްވެސް ބެހެއްޓޭތޯ ބަލަން މަސައްކަތް ފަށަންވީ ރޯދަމަހެކެވެ.