ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ރިސޯޓް ވޮލީ ލީގުގެ ސައުތު މާލޭ ޒޯން ފަށައިފިއެވެ.
ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްއިން ހޯސްޓް ކުރާ މި މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި ކަނޑޫމާ ރިސޯޓެވެ. މި ދެ ޓީމު ބައްދަލުކުރި މެދު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސަން ސިޔާމް އޮޅުވެލިންނެވެ. ސައުތު މާލެ ޒޯންގެ މުބާރާތް ކުރިޔަށްދާނީ މިމަހުގެ 10 އަކާއި ހަމަށެވެ.
ސައުތު މާލެ ޒޯންގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮޅުވެލީގައި ބޭއްވިއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބުދުއްރައްޒާގް އިބްރާހިމްއެވެ.
މިރަސްމިއްޔާތުގައި ސަން ސިޔާމް އޮޅުވެލީގެ ޖެނެރަލް މެނޭޖަރ ހަސަން އާދިލް އާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ދެ ނައިބުންކަމުގައިވާ އަހުމަދު މުންތަގިމް އާއި މުހައްމަދު އިސްމާއިލް އަދި އެމްއޯސީގެ ޖެނެރަލް ސެކެޓްރީ ތަމޫހު އަހުމަދާ ވޮލީބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އާއިދާ އަބުދުލް ހަކީމް އާއި އެސޯސިއޭޝަންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.
ސައުތު މާލޭ ޒޯންގައި މިއަހަރު ވާދަކުރާ ރިސޯޓްތަކަކީ އޮޅުވެއްޔާ ކަނޑޫމާ މޯލްޑިވްސްގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓާއި އަމިއްލަ މޯލްޑިވްސްއެވެ.
މި މުބާރާތުގެ ދެވަނަ މެޗު އޮންނާނީ މިމަހުގެ 8 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ވަލްޑޯޕް އެސްޓޯރިއާ އިތާ ފުއްޓާއި ކަނޑޫމާ މޯލްޑިވްސްއެވެ.
ރިސޯޓް ވޮލީ ލީގުގައި ޖުމްލަ 17 ޓީމަކުން ބައިވެރިފައިވެއެވެ. މިއީ ހަމައެކަނި ރިސޯޓުތަކުގެ މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މުބާރާތެކެވެ.
ސައުތު މާލޭ ޒޯންގެ މެޗުތަކަށްފަހު ދެން އޮނާނީ ނޯތް މާލޭ ޒޯނުގެ ރިސޯޓުތަކުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މުބާރާތެވެ. އެ މުބާރާތް އޮންނާނީ އޮގަސްޓްގައެވެ.
މިދިޔަ އަހަރު ރިސޯޓް ވޮލީ ލީގު ބޭއްވީ ދެ ޒޯނެއްގައެވެ. އެއީ ބ އަދި މާލެޒޯނެވެ. މިދިޔަ އަހަރު މި މުބާރާތުގައި ބައިވެރިވީ 9 ރިސޯޓަކުންނެވެ.