ޚަބަރު

ރަމަޟާން މަސް ވަކިވިނަމަވެސް، އަޅުކަމަށް ގެނައި ހެޔޮ ބަދަލު ދަމަހައްޓަމާ


ބަރަކާތްތެރި ރަމަޟާން މަސް ނިމި ޝައްވާލުމަހުގެ 6 ރޯދައާއި ކުރިމަތިލީއެވެ. ނިމިގެންދިޔަ މާތް މައްސަރާއި ވަކިވުމުގެ ހިތްދަތިކަން އީމާންކަމުގެ ވަރުގަދަ ރޫޙުގައި އަޅުކަމުގައި ޝާމިލުވި ހިތްތަކުގައިވާ ޙާލުގައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކާއި ކުރިމަތިލުމަށް ރަމަޟާން މަހުގައި އަށަގަންނެވި ރިވެތި އާދަތަކާއެކު ދެންވެސް ގަދައަޅައި މަސައްކަތް ކުރަންވީ އީމާންތެރިކަން ދެގޮތެއްނުވެ ހަރުދަނާކުރުމަށެވެ. އަދި ރަމަޟާން މަހާއި ބައްދަލުވީ މީހާއަށްވުރެ ދުނިޔަވީ އަދި އުޚްރަވީގޮތުންވެސް ހަރުދަނާ މީހަކަށްވުމުގެ ޢަޒުމް އައުކުރަންވީއެވެ.

ރަމަޟާން މަހަކީ ރޫޙާނީގޮތުން މުސްލިމުންގެ ބާރުގަދަވެ، އަޅުކަމުގައި ޙަރަކާތްތެރިކަން އެހެން މަސްމަހަށްވުރެ އިތުރުވާ މަހެކެވެ. ކީރިތިﷲ އެމަހުގައި ލައްވާފައިވާ އެތައް ބަރަކާތަކާއި އެކުގައެވެ. އެހެންކަމުން އެހެން މަސްމަހަށްވުރެ އަޅުކަމުގައި ޝާމިލުވެ އުޅޭ މީހުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިތުރުވާ މަންޒަރު ފެނެއެވެ. ހިތާމައަކީ ބަރަކާތްތެރި ރަމަޟާން މަސް ނިމުމާއެކު އެރޫޙު ގެއްލި އަޅުކަމާއި ދުރުހެލިވެވޭކަމެވެ.

ރަމަޟާން މަހު އަޅުކަމުގައި ހީވާގިވީހެން އެހެން މަސްމަހަށް ތައްޔާރުވަމާ

ރަމަޟާން މަހު ރޭއަޅުކަން ކުރުމުގައި ނަފްސުތައް ހޭލައްވަމުއެވެ. އަދި ކީރިތި ޤުރުއާން ޚަތިމްކޮށް އެޤުރުއާނުގެ ބަރަކާތް ލިބިގަތުމަށް އެކަކު އަނެކަކާއި ވާދަކުރަމެވެ. ނަމާދުތައް ގަޑިން ގަޑިއަށް ކުރުމަށް ސަމާލުވެ، ފަރުޟު ނަމާދުގެ އިތުރުން ސުންނަތް ނަމާދުތައް ކުރުމަށް ގިނަ ބަޔަކު އިސްކަންދެއެވެ. ދަރުސްތަކާއި ދީނީ ޢިލްމު ލިބިގަތުމުގައި ޒަމާނީ ވަޞީލަތްތަކުގެ ބޭނުންވެސް ކުރަމެވެ.

މިކަން އެންމެ ބޮޑަށް ފެނިގެންދާނެ އެއް ތަނަކީ މިސްކިތްތަކެވެ. މިސްކިތްތަކުގައި ނަމާދުގެ ސަފުތައް ގިނަވުމާއި، ފަހު ދިހައިގެ ރޭއަޅުކަމުގައި މިސްކިތްތައް ފުރިގެންދާ ދިޔުމުންނެވެ. އެހެންނަމަވެސް އެމަސް ވަކިވެގެން ދިޔުމާއެކު މި އަޅުކަންކަމުގައި ހޭދަކުރި ވަގުތުތައް ދުނިޔަވީ އެހެނިހެން ކަންކަމުގައި ހޭދަކޮށް އަޅުކަމާއި ދުރުހެލިވެއެވެ. މިސްކިތްތައް ފަޅުވެ، ކީރިތި ޤުރުއާނުގެ މުސްޙަފްތަކަށް ހިރަފުސް ބުރައެވެ. ނަތީޖާއަކަށްވަނީ ކުށްފާފަތަކަށް އަރައިގަތުމުގެ ދޮރުތައް ހުޅުވިގެން ދިޔުމެވެ.

ރަމަޟާން މަހަކީ ރަޙުމަތުގެ މައްސަރެވެ. ދިންނެވުމުގެ މައްސަރެވެ. ޢަފޫކުރެއްވުމުގެ މައްސަރެވެ. އެމައްސަރާއި ބައްދަލުވާއިރު ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ތިމާއަކީ ރޫޙަނީގޮތުން ބަދަލުވެ ހެޔޮ މަގަށް ވާޞިލުވެފައިވާ އަދި ހެޔޮކަންކަމުގައި ކުރިއަށްވުރެ ހޭލުންތެރި މީހެއް ކަމުގައިވުމަށް ކޮންމެ މީހަކުމެ މަސައްކަތް ކުރަންޖެހެއެވެ. މިހެން ކަންވާނަމަ ރަމަޟާން މަސް އެމީހަކާއި ވަކިވެގެންދާއިރު، އޭނާގެ ކިބައިން އޭނާއަށްވެސް އަދި އޭނާގެ ވަށައިގެންވާ މީހުންނަށްވެސް ތަފާތު ފެންނާނެއެވެ. ބަދަލުގެ އިޙްސާސްކުރެވޭނެއެވެ.

ރަމަޟާން މަސް ނިމިގެންދާއިރު ޢާއްމު ގޮތެއްގައި މީހާއަށް ބަދަލު ނައިސް އަނބުރާ އިހުގެ އުޅުމަށް އިޔާދަވެވެނީ އެމީހާގެ އީމާންތެރިކަން ބަލިކަށި މީހުންނެވެ. އެހެންކަމުން އީމާންތެރިން ވަރުގަދަކޮށް ދެއްވުމަށް އެދި ގިނަ ގިނައިން ދުޢާކުރަންޖެހެއެވެ. އެކުވެރިންނާއި ޢާއިލާ ތެރޭގައި ރަމަޟާން މަސްނިމިގެންދާއިރު އަޅުކަމާއި ދުރުހެލިވެވޭ މީހަކު ފާހަގަވާނަމަ އަޅުކަމާއި ގާތްވުމަށް ހިތްވަރުވެސް ދޭންޖެހެއެވެ.

އެކަކު އަނެކަކަށް އަބަދުވެސް ހަނދާންކޮށްދޭންޖެހޭ އެއް ޙަގީގަތަކީ، ސުވަރުގެ ދެވޭނީ ޙަވާނަފްސުގެ އެދުންތަކާއި ދުރުހެލިވެ މާތްﷲ އަށް ބިރުވެތިވާ މީހާއަށްކަމަށެވެ. ރަސޫލުﷲގެފާނު އަންގަވާފައިވާގޮތުން ނަރަކަ ވަށައިލެވިގެންވަނީ ޝަހުވަތްތަކުންނެވެ. އެއީ އިންސާނާގެ ޙަވާނަފްސު އެދޭ ކަންތައްތަކެވެ. އަދި ސުވަރުގެ ވަށައިގެންވަނީ އިންސާނާ ނުރުހުންތެރިވާ ކަންތަކުންނެވެ. އެއީ ދަތިއުނދަގޫ އެކަންކަމަށް ކެތްތެރިވާންޖެހޭ ކަންކަމެވެ.

އެހެންކަމުން ރަމަޟާން މަސް ނިމިގެންދާއިރު މި މައްސަރުގެ މާތްކަމާއި ބަރަކާތުން ދެން ހުރި މަސްމަހުގައިވެސް ތިމާގެ ނަފްސު އަޅުކަމުގައި ހީވާގިކުރުވުމުގެ މަތިވެރި ޢަޒުމް އައުކޮށް މަސައްކަތް ކުރަންވީއެވެ. ނާމާދު ނޭޅުމަށާއި، ކީރިތި ޤުރުއާނާއި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޢަޒުމްވެސް އައުކުރަންވީއެވެ. ކޮންމެ ރެއަކުކުރަން ދަތިވާނަމަ ހަފްތާގެ ވަކި ރޭތަކެއް، ރޭއަޅުކަމަށް ޚާއްސަކުރުމަކީވެސް ކުރެވިދާނެކަމެކެވެ.