ޚަބަރު

ރަމަޟާން މަހަކީ ނުރަނގަޅު އާދަތައް ދޫކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް


ރަމަޟާން މަހަކީ އެމަހެއްގައި މުސްލިމުންގެ ހިތްތައް ސާފުވެ، އެމަހުގެ ރަޙުމަތާއި ބަރަކާތުގެ ތެރެއިން މީހާއަށް ހެޔޮ ބަދަލު ގެނުވާ މައްސަރެކެވެ. މިފަދައިން އަޅުގަނޑުމެންގެ ޙަޔާތާއި ބައްދަލުވާނެ ފަހު ރަމަޟާން މަހަށް މިމަސްވުމަކީ ކައިރީގައި އޮތްކަމެކެވެ. އެހެންކަމުން ލިބިފައިވާ މިރަނުގެ ފުރުޞަތުގެ ބޭނުން ކޮންމެ މީހަކުވެސް ކުރަންޖެހެއެވެ.

ރަމަޟާން މަހަކީ މާތްﷲގެ ރަޙުމަތް އެހެން މަސްމަހަށްވުރެ އިތުރުވެގެންވާ މަހެކެވެ. އެމަހެއްގައި 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ "ލައިލަތުލްޤަދުރި ވިލޭރޭ" ލައްވަވާ، މުސްލިމުންގެ ހިތްތަކުގައި އެރޭ ހޯދުމުގެ ޝައުގުވެރިކަން ލައްވާފައިވާ މައްސަރެކެވެ. ދީނީ ކަންކަމުގައި ޢާއްމުކޮށް ނޫޅޭ މީހުންވެސް މި މައްސަރުގައި ދީނީ ކަންކަމުގައި ޝާމިލުވެ ހެޔޮ ކަންކަން އިތުރަށް ކުރެވޭތޯ ގަދަ އަޅައި މަސައްކަތްކުރެއެވެ.

ބަރަކާތުން ފުރިގެންވާ މިފަދަ މައްސަރެއްގައި ތިމާގެ ކިބައިގައިވާ ނުރަނގަޅު އާދަތައް ދޫކޮށްލުމުގެ ޢަޒުމު އައުކުރަން ވާނެއެވެ. އެންމެ ފުރަތަމަވެސް މިކަމުގައި އުއްމީދު އޮންނަންވާނެއެވެ. މާތްﷲގެ ރަޙުމަތާއި މެދު ޔަޤީންކަން އޮންނަ ފަދައިން އެކަލާނގެ ފުއްސެވުމާއި ދިންނެވުން އޮތީ ތިމާ އެކަމަށް އެދުނު މިންވަރަކަށްކަން ހަނދާނުގައި އަބަދުމެ ބަހައްޓަންވާނެއެވެ. ތިމާއަކީ އިންސާނެއްކަމާއި، ކުށްކުރެވުމަކީ އިންސާނުންގެ ފިޠުރަތުކަމާއި، މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވަނީ ގިނަގިނައިން ތައުބާވާ އެކަލާނގެ އަޅުތަކުންނާއި މެދުކަން ވިސްނުމުގައި ބަހައްޓަންވާނެއެވެ.

ތިމާގެ ކިބައިގައިވާ ނުރަނގަޅު ކަމެއް ބަދަލުކުރެވޭނީ، އެފަދަ ކަމެއް ހުރިކަން ޤަބޫލުކޮށްގެންނެވެ. އެހެންކަމުން ފުރަތަމަ އަމިއްލަ ނަފްސު ހިސާބު ކުރުން މުހިއްމެވެ. ތިމާގެ ކިބައިގައި ހުރީ ދީނުގައި އަންގަވާފައިވާ ކަންކަމުގެ ތެރެއިން ކޮންކޮން ސިފަތަކެއްކަމާއި، އާދަތަކެއްކަން ވިސްނާށެވެ. ޢާއިލާއާއި އެކުވެރިންގެ ތެރެއިން އިތުބާރު ކުރެވޭ ހެޔޮ އެދޭ މީހުން ގާތު މިކަމުގައި އެހީތެރިކަމަށްވެސް އެދެވިދާނެއެވެ.

ޢާއްމުގޮތެއްގައިވެސް މުޖުތަމަޢުގެ ތެރެއިން ފެންނަ ބައެއް އާދަތަކުގެ ތެރޭގައި ދީނުގައި ވާޖިބު ކުރައްވާފައިވާ އަޅުކަން އަދާނުކުރުމާއި، މީހުންގެ ވާހަކަ ދެއްކުމާއި، ތިމާގެ ދުލާއި ނަފްސުން އެހެން މީހުން ހިތްދަތިކުރުމާއި، އެކި ކަންކަމުގައި އިސްރާފުކުރުން ހިމެނެއެވެ. އަދި ވަގުތު ބޭކާރުކުރުމާއި، ޢާއިލާއާއި އެކު ވަގުތު ހޭދަ ނުކުރެވުމަކީވެސް ދޫކޮށްލަންޖެހޭ އާދަތަކެވެ. މިފަދަ އެތައް ކަމެއް މީހުންގެ ކަށީގައި ހިފާފައި ހުންނަތަން ފެނެއެވެ. މިއީ ބޮޑެތި ކަންކަމުގެ ގޮތުގައި މީހުން ޤަބޫލުނުކުރިނަމަވެސް އޭގެ ނުރައްކާ ވަރަށް ބޮޑު އާދަތަކެވެ. އެހެންކަމުން މިކަންކަމުން ދުރުހެލިވުމަށް މިމަހުގެ ބޭނުން ކުރަންވީއެވެ.

ސައިންސްގެ އަލީގައި ހޯދިފައިވާގޮތުގައި ކަމެއް އެއްކޮށް ދޫކޮށްލުމަށްވުރެ އެއާދައެއް އެހެން އާދައަކަށް ބަދަލުކުރުން ފަސޭހައެވެ. އެހެންކަމުން ވަގުތު ބޭކާރު ކުރުމަށް މާގިނައިން ޓީވީ ބެލުމާއި، ފޯނާއި ކުޅެވޭނަމަ، އެކަން ދޫކޮށް ފޮތް ކިޔުމާއި، ޤުރުއާން ކިޔަވާ ވަގުތެއްގެ ގޮތުގައި އެގަޑިތައް ހެދިދާނެއެވެ.

ތިމާގެ އުޅުން ބިނާވާނީ ތިމާގެ ވަށައިގެންވާ މާޙައުލަށެވެ. އެކުވެރިންގެ ގޮތުގައި ހެޔޮލަފާ ރަނގަޅު މީހުން ޚިޔާރުކުރުމަށް ދީން ބާރުއަޅަނީ މި ސަބަބަށްޓަކައެވެ. އެހެންކަމުން އަޅުކަންތަކާއި ހެޔޮ ޢަމަލުކުރުމަށް ބާރުއަޅާ ފަދަ އެކުވެރިން ހޯދާށެވެ. މިފަދަ ބައެއް ކަންކަން ކޮށްގެން މިމަސް ނިމިގެންދާއިރު ބަދަލެއް މާތްﷲގެ ރަޙުމަތުން ގެނެވިދާނެއެވެ.

މިޒަމާޒުގެ ޢިލްމީ ހޯދުންތަކުން ފެންނަން އޮތް ޙަޤީޤަތަކީ އާދައެއް ބަދަލުކޮށްލުމަށް އެންމެ އެކަށީގެންވާ މުއްދަތަކީ 30 ދުވަސްކަމެވެ. އެހެންކަމުން އެފަދަ އާދައެއް ތިމާގެ ކިބައިގައިވާނަމަ އެކަމެއް ފާހަގަކޮށް އެއާދައަކާއި ދުރަށް ދިޔުމަށް ޢަޒުމް ކަނޑައަޅައި ހިތްވަރާއެކު މަސައްކަތް ކުރަންވީއެވެ.