ޚަބަރު

އޮންލައިންކޮށް ޒަކާތް ބަލައިގަންނަވާނީ މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް


މި އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަވާނީ މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވެއްޖެއެވެ.

ފިޠުރު ޒަކާތް ބަލައިގަންނަވަން ފެށްޓެވީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް އޮންލައިން އެކި ވަޞީލަތްތަކުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުއްވައިލެއްވީ ރަމަޟާން މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ. އޭގެފަހުން އޮންލައިންކޮށް ފިޠުރުޒަކާތް ދެއްކުމުގެ ފުރުޞަތު އޮތީ ހަމައެކަނި ބަނޑޭރި ޕޭ މެދުވެރިކޮށެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަންނަވާނީ މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ގޮވާމުން ފިޠުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30 އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައިކަމަށެވެ. އެމިނިސްޓްރީން ވަނީ އިއްޔެއިން ފެށިގެން ގޮވާމުން ޒަކާތް ބައްސަވަންވެސް ފަށްޓަވައިފައެވެ. ގޮވާމުން ޒަކާތް ބެހުންވެސް ކުރިއަށްދަނީ މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައި މިއަދުގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް 2700 އަށްވުރެ ގިނަ މީހުން ގޮވާމުން ޒަކާތް ދައްކާފައިވާ ކަމަށެވެ. ޒަކާތް ބައްސަވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ފިތުރު ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ފިތުރު ޒަކާތް ދައްކަންޖެހެނީ އެ ބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. މިގޮތުން ރާއްޖޭގައި ޒަކާތް ދައްކަންޖެހޭނެ މިންވަރުތައް އިސްލާމިކް މިނިސްޓްރީން ވަނީ ޢާއްމުކޮށް އަންގަވައިފައެވެ.