ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް19 ބަލިމަޑުކަމާ ގުޅިގެން އިޤްތިސާދަށް އެންމެ ނުރަނގަޅު އަސަރުކުރާނެ ޤައުމުތަކުގެ ތެރެއިންވެސް ރާއްޖެފަދަ އެއް ސިނާޢަތަކަށް އިޤްތިޞާދު ބަރޯސާވެފައިވާ ޤައުމަކަށް ލިބޭނެ ގެންލުން ބޮޑުކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ފަތުރުވެރިކަމުން އެންމެ ބޮޑު އާމްދަނީއެއްހޯދާ މި ރާއްޖޭގެ އިޤްތިސާދަށް މިހާރުވެސްމިވަނީ ބޮޑެތި ލޮޅުންތަކެއް އައިސްފައެވެ. މި ބަލިމަޑުކަމާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރަން ޖެހި، އޮން އެރައިވަލް ވިސާދޫނުކުރަން ނިންމި ނިންމުމާއެކު ރާއްޖެއަށް ފަތުރުވެރިން އައުންމިވަނީ ހުއްޓިފައެެވެ.
ރާއްޖޭގެ މާލީ ވަޒީރު އިބްރާހީމް އަމީރު ސިފަކުރައްވަނީ މިހާލަތުގައި ކުރިމަތިވެފައިވާ ލޮޅުންތަކާއެކު، ރާއްޖޭގެ އިޤްތިޞާދު "ވެންޓިލޭޓަރު"ގެ އެހީއަށް ބޭނުންވެފައިވާކަމަށެވެ. އަދި މިހާލަތުގައި ރާއްޖޭގެ ސިއްޙީ ދާއިރާއަށް 1.6 ބިލިޔަންރުފިޔާ ޚަރަދުވާނެކަމަށް މާލީ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ބައިނަލްއަޤްވާމީ މާލީ އިދާރާތައި ޤައުމުތަކުންވެސް ހިލޭއެހީއާއި، އިންޓްރެސްޓް ރޭޓްކުޑަކޮށް ލޯނުހޯދުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ. މިމަސައްކަތުގައި ފިނޭންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ ގުޅިގެން ކުރާ މަސައްކަތްތަކުން މިހާތަނަށްވެސް ރާއްޖެއަސްވަނީ ގިނަ އެހީތަކެއް ލިބިފައެވެ. އަދި ބައެއް ޤައުމުތަކުގެ އިސް ފަރާތްތަކާއި މަޝްވަރާކޮށް ރާއްޖެއަށް ބޭނުްނވާ އެހީތަކަށް ސަރުކާރުގެ ފަރާތުން ޚާރިޖީވަވީރުވެސްވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން އަވައްޓެރި ޤައުމުތަކުގެ ސަރުކާރުތަކުންނާއި، ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ އިތުރުން ރާއްޖޭގައި އިންވެސްޓުކުރާ ބޭރުގެ ބޮޑެތި ކުންފުނިތަކާއި ހެޔޮއެދޭ އިދާރާތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުންވެސް މިވަގުތަށް ރާއްޖެއަށް ކޮންމެހެން ބޭނުންވާ ސާމާނުތައް، ޚާއްސަކޮށް ކޯވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންވާ ތަކެތިވަނީ ހަދިޔާކޮށްފައެެވެ.
ރާއްޖެއަށް އެންމެ ބޮޑު އެހީތަކެއް ފޯރުކޮށްދޭ ޤައުމުތަކުގެ ތެރެގައި އަވައްޓެރި އިންޑިއާ، ބަންގްލަދޭޝް، ޗައިނާ ސިންގަރޕޫރު އެމެރިކާ ފަދަ ޤައުމުތަކާއި، އެޤައުމުތަކުގެ ވިޔަފާރިވެރިން ހިމެނެއެެވެ.
މިދަނޑިވަޅުގައި އެކި އެކި ވިޔަފާރި ކުންފުނިތަކުންވެސް ރާއްޖެއަށް އެހީގެގޮތުގައި ތަކެތި ފޯރުކޮށްދެމުންދެއެވެ. އޭގެތެރޭގައި ކޯވިޑް-19 އަށް ޓެސްޓްކުރާ ކިޓްތަކާއި، ވެންޓިލޭޓަރާއި، ޕީޕީއީގެ އިތުރުން ސަރޖިކަލް ފޭސް މާސްކާއި އަންގިފަދަ ސާމާނު ހިމެނެއެވެ.
އަލީބާބާގެ ވެރިޔާ ޖެކް މާ އަދި ސިންގަޕޫރުގެ ވިޔަފާރިވެރިންނާއި، ޗައިނާގެ ވިޔަފާރިތަކުންވެސް ވަނީ ރާއްޖެއަށް އެހީގެ ތަކެތި ހަދިޔާކޮށްފައެެވެ. މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުރާ އަދި ހިއްސާއޮންނަ ކުންފުނިތަކުންވެސް މިހަލަތަށް ބޭނުންވާ އެހީގެތަކެތި ދަނީ ހަދިޔާކުރަމުންނެވެ. ރާއްޖޭގައި ރިސޯޓް ހިންގާ ކުންފުނިތަކުގެ އޯނަރުންނާއި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކާއި ދިވެހި ބޮޑެތި ކުންފުނިތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއަށް މިހާތަނަށް އެހީވެފައިވާ ފަރާތްތައް ނިސްބަތުން މަދެވެ.
ވެލާ ރިސޯޓުގެ އޯނަރުންގެ އެހީއާއި، ރާއްޖޭގައި ފުޅާދާއިރާއެއްގައި އިންވެސްޓްކުރާ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް އަދި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރުގެ ފަރާތުންދީފައިވާ އެހީގެ އިތުރުން މޯލްޑިވްސް ޓްރެވަލް އެކްސްޕާޓްގެ ކޮންސަލްޓިން މެނޭޖަރުގެ ފަރާތުން އެހީލިބިފައިވެއެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ އެހީތެރިކަންވެސް ދަނީ ލިބެމުންނެވެ. އަދި ބައެއް ވިޔަފާރިތަކުން އެވިޔަފާރިތަކުން ހިންގާ ރިސޯޓުތައް ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ސަރުކާރަށް ދޫކޮށްފައޮވެއެވެ. އަނެއްބައި ވިޔަފާރިތަކުން ބައެއް ވަޞީލަތްތަކައި އެހެނިގެން ޚިދުމަތްތައްވެސް މިޙާލަތާ ގުޅިގެން ފޯރުކޮށްދީފައިވެއެވެ.
ކޮންމެއަކަސް ރާއްޖޭގައި 150 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓުކުރާއިރު ކޯވިޑް-19ގެ މިޙާލަތު އައުމާހަމައަށް އެއީ ކޮންމެ މަހަކު މިލިޔަނުން ޢާމްދަނީ ހޯދަމުންދިޔަ ވިޔަފާރިތަކެކެވެ. ގިނަ ރަށްތަކުގެ ރައްޔިތުން ބަރޯސާވަމުން އައީ އެ ރިސޯޓުތަކުގައި މަސައްކަތްކުރަމުންދިޔަ އާއިލާގެ މެންބަރުންނަށް ލިބެމުންދިޔަ އާމްދަނީންނެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބައެއް ރިސޯޓުތަކުން މުވައްޒަފުންނާމެދު އިހުމާލުވަމުންދާކަމަށްބުނެ ބައެއް އާންމުން ދަނީ ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކަށް ފާޑުކިއުން އަމާޒުކުރަމުންނެވެ. ރަށްރަތުން ހޯދި ފައިދާއަށްޓަކައިވެސް މި ހިތްދަތި ޙާލުގައި މިރަށްތަކުގެ ޙިމާޔަތަށްޓަކައި އެއްވެސް ޒިންމާއެއް ނެތީތޯ ޢާއްމުން ދަނީ ސުވާލުކުރަމުންނެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަތުރުވެކަމުގެ ދާއިރާއިން އެންމެ އުސްމިންތަކަށް ގޮސްފައިވާއިރު، ރާއްޖޭގައި ދުނިޔޭގެ އެންމެ މަގްބޫލުކަން ހޯދާފައިވާ ބްރޭންޑްތަކުން ރިސޯޓްތައް ހިންގައެވެ. އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެފައިވާ މި ނާޒުކު ދަނޑިވަޅުގައި އެހީތެރިކަންފޯރުކޮށްދޭ ފަރާތްތައް މަދެވެ. މިދަތި ދަނޑުވަޅުގައިވެސް ރިސޯޓް ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި، ވަޒީފާއިން ވަކުކުރުން މިހާރުވަނީ ޢާންމުވެފައެވެ.