ޚަބަރު

ކޯވިޑް-19 : ކުރިއަށް އޮތީ އެންމެ ގޮންޖެހުންބޮޑު 2 ހަފްތާ


ކޯވިޑް-19 ގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު އޭޕްރީލް މަހުގެ 19ވަނަ ދުވަހުން މިމަހުގެ 3 ވަނަ ދުވަހާއި ހަމަޔަށް 500 އަށްވުރެ މައްޗށް ވަނީ އަރާފައެވެ. މިބަލީގެ ޙާލަތު އެންމެ ގޯސްވެދާނެކަމަށް ލަފަކުރެވޭ 2 ހަފްތާއާ ކުރިމަތިލާފައިވާއިރު އަދަދު މަދުކުރުމަށް ވަރަށްބޮޑަށް ސަމާލުވެ ޢަމަލުތައް ބެހެއްޓުމަށް މިވަނީ ޖެހިފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް އެންމެފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މާޗް މަހުގެ 7ވަނަ ދުވަހުއެވެ. މާލެއިން ބަލި ފެނުމުގެ ކުރިން ރާއްޖޭގައި ވަރަށްބޮޑަށް ބަލި ކޮންޓްރޯލްކޮށް ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޭޕްރީލް މަހުގެ 15ވަނަ ދުވަހު މާލެ އިން ބަލިފެނުމާއެކު ބަލި ފެތުރި މަދު ދުވަސްތަކުގެ ތެެރޭގައި ވަރަށްގިނަ ބަޔަކަށް ވަނީ ބަލިޖެހިފައެވެ. ތޮއްޖެހިފައިވާ މާލެއިން ބަލި ފެނިއްޖެނަމަ ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް މީގެކުރިންވެސް ޞިއްޙީ ދާއިރާގެ ބޭފުޅުންދިޔައީ ވިދާޅުވަމުންނެވެ. މާލެއިން ބަލި ފެނުނުތާ 4ވަނަ އަށްވީ ދުވަހުން ފެށިގެން މިހާތަނަށް ފާއިތުވެގެން މިދިޔަ 2 ހަފްތާ ވެގެން ގޮސްފައިވަނީ ރެކޯޑް ޢަދަދަކަށް ރާއްޖެއިން ބައްޔަށް މީހުން ޕޮޒިޓިވްވެގެންދިޔަ ދުވަސްތަކަށެެވެ.

ބަލީގެ ޙާލަތާއެކި މާލެ ސަރަހައްދުގައި އެތަކެއް ތަނެއް ވަނީ ކަރަންޓީނު ކޮށްފައެވެ. ރިސްކުބޮޑު ސަރަޙައްދުތައް ދެނެގަނެވި އެތަންތާގައި ދިރިއުޅޭ މީހުންގެ ސާމްޕަލްތައް ދަނީ ނަގަމުންނެވެ. އަދި ހައިރިސްކުގެ ގޮތުގައި ބެލެވޭ ސަރަހައްދުތައް ފާހަގަކޮށް އެސަރަހައްދުތަކުގައި ރެންޑަމްކޮށްވެސް ދަނީ ސާމްޕަލްތައް ނަގަމުންނެވެ.

ބަލި ކޮންޓްރޯލްކުރުމަށް އެޗްޕީއޭއާއި، ކަމާއިގުޅުންހުރި އިދާރާތަކުން 24 ގަޑިއިރު ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖެއިން ބަލިޖެހޭ މީހުން ކޮންޓްރޯލް ނުވެ އިތުރުވާނަމަ އެއީ ވަރަށްބޮޑު ގޮންޖެހުމަކަށްވާނެއެވެ.

"އެހެންވީމާ، މިކަމުގައި ތިޔަ ލޮބުވެތި ރައްޔިތުން މިހާތަނަށްވެސް ދެއްވަމުން އައި އެއްބާރުލެއްވުން، އެއަށް ވުރެވެސް ފުރިހަމައަށް ދެއްވުމަށް އަޅުގަނޑު ގޮވާލަން. ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުތަސް، އިޖްތިމާޢީ ގައިދުރުކަމަށް އިސްކަން ދެއްވައިގެން އުޅުއްވުމަކީ ވަރަށް މުހިންމު ކަމެއް. ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ، ލަސް ނުކުރައްވައި، ކަމާ ބެހޭ ފަރާތްތަކަށް އެންގެވުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެއް. މިހާރު ކުރިމަތިވެފައިވާ ދަތިތަކާ އެކުގައިވެސް، ތިޔަ ބޭފުޅުން މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވާ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިން، އަވަދިނެތި މަސައްކަތް އެކުރައްވަނީ، ތިޔަ ބޭފުޅުންގެ ރައްކަލަށްޓަކައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.

މާލެ ސަރަހައްދުން ބަލި ފެނުނުތާ 2 ހަފްތާގެ ތެރޭގައި ގިނަބަޔަކު ޕޮޒިޓިވްވުމަކީ ކުރިއަށް އޮތް 2 ހަފްތާއަށް އޮތް ނުރައްކާ ހާމަވާކަމެކެވެ. ރާއްޖެއިން ބަލި ފެނުނު ފަހުން އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވަނީ އޭޕްރީލް މަހުގެ 30ވަނަ ދުވަހުއެވެ. އެދުވަހު 179 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ ރާއްޖެއިން ރެކޯޑް ޢަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަސްވެސްމެއެވެ. ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ.