ޚަބަރު

ކޯވިޑް-19 : ވެކްސިނެއް ލިބެންދެން ދުނިޔޭގެ ފަތުރުވެރިކަމަށް އަންނާނެކަމަށް ބެލެވޭ ބަދަލުތައް!


ބައިނަލްއަޤްވާމީ ފެންވަރެއްގައި ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާ، ފަތުރުވެރިކަން އަލުން އެކުގައި ފެށޭނެ ސީދާ ތާރީހެއް ބުންނަން އަދި ނޭމގެއެވެ. ނަމަވެސް ކޯވިޑް-19 އަށް ވެކްސިނެއް ނުލިބޭހާ ހިނދަކު ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުތައް އަލުން ހުޅުވާލިއަސް، މިކަންކަމުގައި ބޮޑެތި ބަދަލިތަކެއް އަންނާނެކަމަށް ތަޖުރިބަކާރުން ބުނެއެވެ. މިގޮތުން ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރަށް އަންނާނެކަމަށް ބެލެވެނީ ކޮންކަހަލަ ބަދަލުތަކެއްތޯ ގިނަބައެއް ސުވާލު އުފައްދާނެއެވެ.

* އެއަރޕޯޓްތަކަށް އަންނާނެކަމަށް ބެލެވޭ ބައެއް ބަދަލުތައް

ތަޖުރިބާކާރުން ބުނާގޮތުގައި ކޯވިޑް-19ގެ ސަަަބަބުން ދެން އެއަރޕޯޓުތަކުގައި ދަތުރުފަތުރުކުރުން ފަށާއިރު ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާވާނެއެވެ. އަދި އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތުވެސް އިތުރުވުމަކީ އެކަށީގެން ވާކަމެކެވެ. އެއީ ގިނަ އެއަރޕޯޓުތަކުން މީހުންގެ ހުން ބެލުމާއި، ޑިސްއިންފެކްޓްކުރުމާއި އެހެން ކަންކަން ތައާރަފްކުރުމުން މިފަދަ ކަންތައްތަކަށް ވަގުތު ހޭދަވާނެތީއެވެ.

މިހާރުވެސް ލަންޑަންގެ ބައެއް އެއަރޕޯޓުތަކުގައި ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކޮށް ކިޔަމަންވާން ގިނަ އުސޫލުތަކެއް ވަނީ ކަނޑައެޅިފައެވެ. މިގޮތުން އެކުގައި ދަތުރުކުރާ ފަރާތްތައް ފިޔަވައި އެހެން މީހުންނާއި ގައިދުުރުކަން ބެހެއްޓުމާއި، އެއަރޕޯޓަށް ވަންނައިރާއި، އެއަރޕޯޓުގެ އެތެރޭގައި ގިނަގިނައިން އަތް ސެނަޓައިޒްކޮށް އަތް ދޮވުން ހިމެނެއެވެ.

އެމެރިކާއަށް ބަލާއިރު އެއަރޕޯޓަށް ވަންނައިރު އަދި އެއަރޕޯޓު ތެރޭގައި ކޮންމެ މީހަކުވެސް ގިނަގިނައިން އަތްދޮވުމަށް ދަނީ ބާރުއަޅަމުންނެވެ.

ހޮންކޮން އިންޓަރނޭޝަނަލް އެއަރޕޯޓަށް ބަލާއިރު، މުޅި މީހާ އެކުގައި ޑިސްއިންފެކްޓްކުރާ މެޝިނެއް ތައަރަފްކުރުމަށް ދަނީ ޓެސްޓުކުރަމުންނެވެ. މިމެޝިން މެދުވެރިކޮށް 40 ސިކުންތުތެރޭގައި މީހާ އެކުގައި ޑިސްއިންފެކްޓް ކުރެވޭނެކަމަށް އެއަރޕޯޓުގެ އޮފިޝަލުން ބުނެއެވެ. ހޮންކޮން އެއަރޕޯޓު ސާފުކުރުމުގައިވެސް ދަނީ ހާއްސަ އޮޓޮމެޓިކް ރޮބޮޓުވެސް ބޭނުންކުރަމުންނެވެ. މިއީ ވައިރަސް ނައްތާ ރޮބޮޓްތަކެކެވެ.

އަނެއްކޮޅުން އޮޓޮމެޓިކް ޗެކިން ސިސްޓަމްތައް ހުންނަ އެއަރޕޯޓުތަކުން ދަނީ މީހުން އެކަކު އަނެކަކާ މުއާމަލާތްކުރާ މިންވަރު މަދުކުރުމަށްޓަކާ ވީހާވެސް ގިނައިން އެފަދަ މެޝިންތަކުގެ ބޭނުންކުރުމަށް ފަސިންޖަރުންނަށް ބާރުއަޅަމުންނެވެ.

އެމިރޭޓްސް އިން ދަނީ ދުބާއީ އެއަރޕޯޓުގައި ފަސިންޖަރުންނަށް ކޯވިޑް-19 އަށް 10 މިނެޓުތެރޭގައި ޓެސްޓުކުރާ ރެޕިޓް ބްލަޑް ޓެސްޓިންގެ ހިދުމަތް ދެމުންނެވެ.
މިނޫނަސް ދުނިޔޭގެ ގިނަ އެއަރޕޯޓުތަކުގައި މިފަދަ އެކި ބަދަލުތައް ފެންނަމުންދާނެއެވެ.

*ފްލައިޓްތަކުން ފެނިގެންދާނެ ބަދަލުތައް

ކޯވިޑް-19 އަށް ވެކްސިނެއް ތައަރަފް ނުކުރެވެނިސް ފްލައިޓްތަކުގައި ދަތުރުކުރާނަމަ ގިނަ ބަދަލުތަކެއް ފެނިގެން ދިއުން އެކަށީގެންވެއެވެ. މިގޮތުން ހުރިހާ ފްލައިޓްތަކެއްގެ ކެބިން ކްރޫއިންވެސް މާސްކު އަޅާނެކަމަށް ބެލެވެއެވެ. އަދި ފްލައިޓްގައި ދަތުރުކުރާ ފަސިންޖަރުންނަށްވެސް މާސްކު އެޅަންޖެހުން އެކަށީގެންވެއެވެ.

އެއަރލައިންތަކުގެ ފްލައިޓްތައް ޑިސްއިންފެކްޓްކުރުންވެސް ދެން ވާނީ މަޖުބޫރުކަމަކަށެވެ. މިއީ ފްލައިޓްގެ އެއްވެސް ތަނެއްގައި ވައިރަސް ހަރުލާފައި ހުންނާނެތީ ސާފުކުރުމަށް ބާރުއެޅުުމުގެ ގޮތުން އެޅޭ ފިޔަވަޅެކެވެ.

ކޮރެއަން އެއަރ ފަދަ ބައެއް އެއަރލައިންތަކުގައި ފްލައިޓްގައި ހަރަކާތްތެރިވާ ކްރޫއިން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީޕީއީ ލައިގެން ތިބޭނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަދި ބައެއް އައަރލައިންތަކުން ފްލައިޓްކުގެ ދަތުރުކުރާނީ ފަސިންޖަރުން މަދުކޮށެވެ. އެއީ ފްލައިޓް ފުލްކޮށް ބުކްކޮށް، މީހުން ފުރާލުމަށް ފުރުސަތު ނުދިނުމަށެވެ. މީގެއިތުރުން ބައެއް ފްލައިޓްތަކުގައި ޖެހިޖެހިގެން ތިން ސީޓު އިންނައިރު މެދު ސީޓު ހުސްކޮށް ބެހެއްޓުމަށްވެސް އެއަރލައިންތަކުން ވިސްނަމުންނެވެ. މިކަމުގެ ސަބަބުން އެއަރލައިންތައް އޮޕަރޭޓްކުރަންޖެހޭނީ ގެއްލުމުގައި ކަމަށްވިޔަސް، މިއީ ކޯވިޑް-19 އަށް ވެކްސިނެއް ތައަރަފްކުރެވި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރެވެންދެން އަމަލުކުރަންޖެހޭ ގޮތްކަަމަށް ބެލެވޭކަމަށް އެއަރލައިންތަކުން ބުނެއެވެ.

*މަންޒިލްތަކަށް އަންނާނެކަމަށް ބެލެވޭ ބަދަލުތައް

އާންމުކޮށް ބީޗްތައް ހުންނަ މަންޒިލްތަކުގައި ކުރިޔަށް އޮތްތާގައި ގިނަ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ކުރިން ކައިރި ކައިރީގައި ބީޗް ގޮނޑިތައް ޖަހާފައި ހުއްޓަސް ދެން ފެންނާނި އެކުގައި އުޅޭ ބައެއް ގްރޫޕްތައް ނޫންނަމަ ދުރުދުރުގުއި ތިބޭ ގޮތަށް ގޮނޑިއާއި ކުޑަ ޖަހާފައި ހުންނަ މަންޒަރުކަމަށް ބެލެވެއެވެ.

މިފަދަ ބަދަލުތައް އިޓަލީގެ ބައެއް ބީޗުތަކަށްވެސް ގެންނަން ވިސްނަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ބައެއް ޔޫރަޕްގެ މަންޒިލްތަކުގަައި ހޮޓާތަކުގައި ކައިރި ކައިރީގައި ކޮޓަރި ހުންނަނަމަ މީހުން ބައިތިއްބާނީ ދެކޮޓަރިން އެއްކޮޓަރީގައިކަމަށްވެސް ބުނެއެވެ.
އަދި ރެސްޓޯރެންޓުފަދަ ތަންތަނުގައިވެސް މޭޒުތަކުގެ ދޭތެރެ ދުރުކޮށް، މީހުން އެކަކު އަނެކަކާއި ކައިރީގައި ތިބެން ނުޖެހޭނެ ފަަދައިން ހިދުމަތްތައް ބަދަލުކުރާނެކަމަށް ބެލެވެއެވެ. އަދި ވަކިވަކި ޤައުމުތަކުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ދޫކުރާ ރޫމްތައް ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށް ހާއްސަ އުސޫލުތަކެއްވެސް ކަނޑައަޅާނެއެވެ. މިނޫނަސް، ފަތުރުވެރިކަމުގެ މަންޒިލްތަކުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ދަނީ ޕޮލިސީ ލެވެލްގައި ޤައުމުތަކުގެ ކަމަބެހޭ ފަރާތްތަކުން މަޝްވަރާކުރަމުންނެވެ.

*މިބަދަލުތަކަކީ ފަތުރުވެރިކަމުގެ މުސްތަޤްބަލްތަ؟

ބެލެވޭގޮތުގައި ކޯވިޑްއާ ގުޅިގެން ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތަކަކީ ދާއިމީ ފިޔަވަޅުތަކެކެވެ.. އަދި ކޯވިޑް-19 ގެ ކުރިން ދަތުރުފަތުރުކޮށް، ފަތުރުވެރިކަން ތަޖުރިބާކުރިގޮތަށް ކޯވިޑްގެ ކަންތައްތައް ހައްލު ނުވަނީސް އަލުން އެކަން ނުކުރެވިދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މީގެން ބައެއް ބަދަލުތަކަކީ އާންމު ސިއްހަތާއި ރައްކާތެރިކަމަށް ރަނގަޅު ބަދަލުތަކެކެވެ.