ޚަބަރު

އެމްބިއުލާންސްގެ ޚިދުމަތް ދިނުމުގައި ދަތިތަކެއް އެބަހުރި - އައިޖީއެމްއެޗް


އެމްބިއުލާންސްގެ ޚިދުމަތް ހޯދާ މީހުން އިތުރުވެ، އެޚިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗް ހޮސްޕިޓަލްގެ ޑިރެކްޓަރ އޮފް މެޑިކަލް ޑރ.ޢަލީ ނަޒީމް ވިދާޅުވީ އެމްބިއުލާންސްގެ ޚިދުމަތް، ޑިމާންޑާ އެއްވަރަށް ދިނުމުގައި މިހާރު ގިނަ ދަތިތަކެއް ދިމާވަމުންދާކަމަށެވެ. އެގޮތުން ޢާއްމު ދުވަސްތަކުގައި އަމިއްލަ އުޅަނދުތަކާއި، ޓެކްސީތަކުގައި މީހުން ހޮސްޕިޓަލަށް އައިނަމަވެސް މިހާރު ހޮސްޕިޓަލް ޚިދުމަތް ހޯދަން ގިނަ މީހުން ބަރޯސާވާންޖެހެނީ އެމްބިއުލާންސްއަށް ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"ކުރިން 3 އެމްބިއުލާންސް އޮތީ. ނަމަވެސް މިދިޔައަހަރުން ފެށިގެން 5 އެމްބިއުލާސް އެބަ ބޭނުންކުރަން. 5އެމްބިއުލާންސްވެސް ހުރިހާ ވަގުތެއްގައި އެބަ ނެރެން. ޑިމާންޑް ބޮޑުވެއްޖެ. އޭގެ ދަތިތައް އެބަހުރި. މިހާރު ޑައިލަސިސް ހަދަން އަންނަ މީހާވެސް ގެންނަނީ ހަމަ އެމްބިއުލާސްގައި." ޑރ.ޢަލީ ނަޒީމް ވިދާޅުވިއެވެ.

ޑރ.ވިދާޅުވީ ބައެއް ފަހަރު އެމްބިއުލާންސް ފޮނުވުމުގައި ލަސްތަކެއް ދިމާވާ ގިނަ ސަބަބުތައް އެބަހުރިކަމަށެވެ. މިހާރު ކޮންމެ ބަލިމީހަކު ބަލައި ދިޔަނަމަވެސް ތައްޔާރުވެގެންދަނީ، ކޯވިޑް-19ގެ ބަލި މީހަކަށް އެމީހާ ވެދާނެ މީހަކަށް ބަލައިގެންކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ. އަދި އެއްދަތުރު ނިންމާފައިވެސް އަނެއް ޕޭޝަންޓް ނަގަން ދިއުމުގެ ކުރިން، އެމްބިއުލާންސް މުޅިން ޑިސްއިންފެކްޓް ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ މީހަކު ބަލާ ދިޔަޔަސް ތައްޔާރުވަނީ ކޮވިޑް-19ގެ ޕޭޝަންޓެއް ބަލާދާހެން. ދަތުރު ނިންމާ އައިސް ކޮންމެ ފަހަރަކު އެމްބިއުލާސްން ޑިސްއިންފެކްޓްކޮށްފަ، ދެން އަނެއް ޕޭޝަންޓް ނަގަނީ." ޑރ.އަލީ ނަޒީމް ވިދާޅުވިއެވެ.

ޑރ.ވިދާޅުވީ އެމްބިއުލާންސްއެއް ދަތުރެއްގައި ނެތްނަމަ، ބަލިމީހަކު ބަލާ ނުފޮނުވާ ނުހުންނާނެކަމަށެވެ. އެމްބިއުލާންސް ލިބުމުގެ ދަތިކަން މިހާރު އޮތްކަން ހޮސްޕިޓަލްގެ ސަމާލްކަމަށް އައިސްފައިވާކަމަށާއި، އެ ޚިދުމަތް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ޑރ.އަލީ ނަޒީމް ވިދާޅުވިއެވެ.