ޚަބަރު

ކޯވިޑް-19 : ޢިމާރާތްކުރުމުގެ ޞިނާޢަތަށް 817 މިލިއަން ރުފިޔާގެ ގެއްލުން


ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތާއެކު ރާއްޖޭގެ ޢިމާރާތްކުރުމުގެ ޞިނާޢަތަށް 817 މިލިއަން ރުފިޔާގެ ގެއްލުން ވާނެކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން ލަފާކޮށްފިއެވެ. މަސީން ވަނީ ޢިމާރާތްކުރުމުގެ ޞިނާޢަތުގައި މަސައްކަތްކުރުމަށް "ހެލްތު އެންޑް ސޭފްޓީ ގައިޑްލައިން"އެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ.

ވީޑިއޯ ކޮންފަރެންސްއަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙްވަނީ ކޯވިޑް-19ގެ ސަބަބުން ޢިމާރާތްކުރުމުގެ ޞިނާޢަތަށް ކުރާ އަސަރުތައް ބަޔާންކޮށް އެ އެސޯސިއޭޝަނުން ތައްޔާރުކުރި ދިރާސާ ކަރުދާހެއް ތަޢާރަފްކޮށްފައެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތަކީ ކޮންސްޓްރަކްޝަން ދާއިރާ ކަމުގައިވާއިރު، މި ޞިނާޢަތަށް ބޮޑެތި ލޮޅުންތަކެއް އައިސްފައިވެއެވެ.

އެގޮތުން މި ދަނޑިވަޅަކީ ޢިމާރާތްކުރުމުގެ ހުރިހާ މަސައްކަތްތެއް މުޅިންހެން ހުއްޓިފައިވާ ދަނޑިވަޅަކަށް ވާއިރު، ކޮންޓްރެކްޓަރުންނަށް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާކަން މަސީން ފާހަގަކުރައެވެ. އެގޮތުން މަސީގައި ރަޖިސްޓްރީވެފައިވާ 384 ކޮންޓްރެކްޓަރުންނަށް މި ދަނޑިވަޅުގައި 817 މިލިއަން ރުފިޔާގެ ގެއްލުން ވާނެކަމަށް އެފަރާތުން ވަނީ ލަފާކޮށްފައެވެ. މިޢަދަދަކީ މުވައްޒަފުންގެ އެކޮމޮޑޭޝަނާއި މުސާރައަށް އެއްވެސް ފައިދާއެއް ނެތި، ކުރަންޖެހޭ ޚަރަދުގެ ސަބަބުން ލިބޭ ގެއްލުމުގެ ޢަދަދުކަމަށް މަސީން ބުނެއެވެ.

މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވިގޮތުގައި މިދަނޑިވަޅުގައި ކުރިއަށްގެންދާނީ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން އެވޯޑް ކުރެވިފައިވާ މަސައްކަތްތައް އެކަންޏެވެ. މިމަސައްކަތްތައް ކުރުމުގައި ސަލާމަތީގޮތުން ރައްކާތެރި ފިޔަވަޅު އެޅުން މުހިންމުކަން ޖަނާ ވަނީ ފާހަގަކުރައްވާފައެވެ.

މަސީއިންވަނީ މިހާރު ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްކުރުމަށް ހެލްތް އެންޑް ސޭފްޓީ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިކަން ޖަނާ ފާހަގަކުރެއްވިއެވެ. މި ގައިޑްލައިން އެޗްޕީއޭއިން އެންޑޯޒްކުރުމުން ހުންބެލޭނެ އިންތިޒާމާއި، ސަލާމަތީ ފޭރާން އަޅަންޖެހިއްޖެ ހާލަތެއްގައި އެކަންކުރުން ފަދަ އިންތިޒާމު ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހަމަޖެއްސުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ ޢަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާއިރު، މި ދަނޑިވަޅުގައި މިލޯޑް ކުޑަކުރުން މުހިންމުކަން ޖަނާހް ފާހަގަކުރެއްވިއެވެ. އެގޮތުން ފަންސާސް ހާހެއްހައި ބިދޭސީން މިދާއިރާގައި މަސައްކަތް ކުރާއިރު، މީގެ ތެރެއިން ވިހި ހާހެއްހައި ބިދޭސީން މިވަގު އަނބުރާ ޤައުމަށް ފޮނުވާލުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.