ޚަބަރު

ކޯވިޑް-19: އިތުރު ދެމީހަކު ދަރުމަވަންތައަށް ބަދަލުކޮށް، އެކަކަށް އޮކްސިޖަން ދޭންފަށައިފި


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 2 މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަމަށާއި، އެތަނުގައި ފަރުވާދެމުންދާ ޕާކިސްތާނު މީހަކަށް އޮކްސިޖަން ގުޅައިގެން ފަރުވާދެމުންދާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރައްވަމުން ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި 226 މީހުންގެ ތެރެއިން ފަރުވާދެމުންދަނީ 209 މީހުންނަށް ކަމަށާ، ތިން މީހަކު އިތުރު ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށެވެ.

މީގެތެރޭގައި ހިމެނެނީ ކުރިންވެސް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ 80 އަހަރުގެ ދިވެހި ފިރިހެން މީހާއާއި ފާކިސްތާނުގެ 48 އަހަރުގެ ފިރިހެނަކާއި، 68 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. ޑރ.އަފްޒަލް ވިދާޅުވީ އޭގެތެރެއިން ޕާކިސްތާނު މީހާއަށް އޮކްސިޖަން ގުޅާފައިވާކަމަށާ، ދެންތިބި ދެ ދިވެހިންގެ ޙާލުވެސް ރަނގަޅުކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންގެ ޢަދަދު އިތުރުކަން ފާގަކޮށްލެވެއެވެ. އެގޮތުން ޕާކިސްތާނު 2 މީހަކު މިހާތަނަށް ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ބަންގްލަދޭޝްގެ 105 މީހަކާއި، އިންޑިއާ 13 މީހެއްގެ އިތުރުން ސްރީލަންކާގެ 2 މީހަކުވެސް މިހާރު ފަރުވާ ދެމުންދާ މީހުންގެތެރޭގައި ހިނެއެވެ.