ރާއްޖެއިން ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ޗައިނާގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ރާއްޖެއަށް މި ދަނޑިވަޅުގައި ބޭނުންވާނެތަކެތީގެ ލިސްޓެއް އެކުލަވާލައި އެހީތެރިކަން ފޯރުކޮށްދޭންފަށާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޗައިނާގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަން ހާމަކުރައްވާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލީ ޖޮންގް ކުރައްވާފައިވާ ޓުވީޓްތަކެއްގައި ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވެއްޖެ ކޮންމެ ޙާލަތެއްގައި ޗައިނާ އިތުބާރު ހިފޭ ބައިވެރިއެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ. އަދި ރާއްޖޭގައި އެކި މަޝްރޫޢުތައް ހިންގަމުންދާ ޗައިނާގެ ކުންފުނިތަކުން އެކި މަސައްކަތްތަކަށް އެހީތެރިވެ އެހީގެ ސާމާނު ފޮނުވަން ނިންމާފައިވާކަން ޗައިނާ ސަފީރު ފާހަގަކުރެއްވިއެވެ.
ވެލާނާ އިންޓަނޭޝަންލް އެއަރޕޯޓްގެ ކޯޑް އެފް ރަންވޭ ތަރައްޤީކުރި ބެއިޖިންގް އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީން ދިނުމަށް ނިންމާފައިވާ އެހީތެރިކަމުގެ ތަފްސީލް ހިއްސާކުރެއްވިއެވެ. އެގޮތުން މީގެ ކުރިން އެ ކުންފުނިން އެއަރޕޯޓްގައި މަސައްކަތްކުރާ އެމްއޭސީއެލްގެ ސްޓާފުންނަށް 50 އިލެކްޓްރޯނިކް މާސްކް ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން މިހާރު މިވަނީ ބީޔޫސީޖީ ކުންފުނީގެ 40 މުއައްޒަފުން ހުޅުމާލޭގައި ތަރައްޤީކުރާ އައު ކަރަންޓީން ފެސިލިޓީގެ ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގައި ބައިވެރިކޮށްފައެވެ. މި ކަރަންޓީން ފެސިލިޓީއަކީ، 327 އެނދުގެ ފެސިލިޓީއެކެެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ހަތް ހާސް ހައުސިންގް ޔުނިިޓް ތަރައްޤީކުރި، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕްއިންވެސް ވަނީ ރާއްޖެއަށް އެހީވުމަށް ނިންމާފައެވެ. އެގޮތުން އެ ކުންފުނީގެ 100 މުއައްޒަފުން ރާއްޖޭގައި އަލައް ތަރައްޤީކުރާ 800 އެނދުގެ ކަރަންޓީން ފެސިލިޓީ ތަރައްޤީކުރުމުގައި ބައިވެރިވާނެކަން ހާމަކޮށްފައެވެ. އަދި މި ފެސިލިޓީ އިމާރަތްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ނިންމާފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ ކުންފުނިތަކުން ރާއްޖެއަށް އެހީވުމަށް ނިންމާފައިވާއިރު، ކޯވިޑް-19އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ފުރަތަމަ ބެޗް ރާއްޖެއާއި ވަނީ ޙަވާލުކޮށްފައެވެ. މިއެހީގެ ދަށުން ޗައިނާ ސަރުކާރުން ވަނީ، ދިހަ ހާސް އަށްޑިހަ، މެޑިކަލް ޕްރޮޓެކްޓިވް މާސްކާއި ތިރީސްހާސް ސާޖިކަލް މާސްކާއި ދިހަ ހާސް ސިންގަލް ޔޫސް އަންގިއާއި ފަސް ސަތޭކަ ސްޓެސްކޯޕާއި، ދުއިސައްތަ ގޮގްލް އަދި ރައްކާތެރިވުމަށް އަޅާ ފޭރާމުގެ ފަސް ސަތޭކަަ ފޭރާމެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ފުރަތަމަ ބެޗް ރާއްޖެއާއި ހަވާލުކޮށްފައިވާއިރު، ޗައިނާގެ އަލީބާބާ ކުންފުނިންވެސް ރާއްޖެއަށް އެހީވެދޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. ރާއްޖެ ހިމެނޭހެން އޭޝިއާގެ ދިހަ ޤައުމަށް ޖުމްލަ 1.8 މިލިއަން މާސްކާއި، 210 ހާސް ޓެސްޓް ކިޓާއި، 36 ހާސް ޕްރޮޓެކްޓިވް ސޫޓުގެ އިތުރުން ވެންޓިލޭޓަރާއި ތަމޯމީޓަރުތައް ހަދިޔާކުރުމަށް ނިންމާފައިވާކަމަށް ޖެކް މާ ވިދާޅުވެފައިވެއެވެ.
ރާއްޖެއާއި އަވައްޓެރި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުން ދަނީ ރާއްޖެއިން ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.