ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ބޯހިޔާވަހިކަން ބޭނުންވާ 136 މީހަކަށް މިހާތަނަށް ބޯހިޔާވަހިކަން ހަމަައްސައިދީފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. މިހާރުވެސް 89 މީހުން ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވަގުތީހިޔާތަކުގައި ތިބިކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ޖެންޑަރ މިނިސްޓްރީގެ ބެލުމުގެދަށުގައި ތިބި މީހުންގެތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުންނެވެ. އެފަދަ 20 މީހަކަށް ބޯހިޔާވަހިކަން ދެމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމެއްނެތި މަގުމަތީގައި އުޅެމުންދިޔަ 16 މީހުންނާއި، ބޭސް ފަރުވާއަށް އައިސް ފުރަބަންދާއި ގުޅިގެން ނުދެވި ތިބި 14 މީހުންނާއި، ރިސޯޓުތަކުން އައިސްފައިވާ މީހުންގެތެރެއިން ނުފުރި ތިބި 13 މީހުންނާއި، ޖަލު ބަންދުން ދޫކޮށްލި 11 މީހަކުވެސް މިނިސްޓްރީއިންދަނީ ބަލަހައްޓަމުންނެވެ.
އަދި އެހެނިހެން ބޭނުންތަކުގައި މާލެއަށް އައިސް އަންބުރާ ނުފުރި ތިބި 9 މީހުންނާއި، ގެއިން ނެރުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ 6 މީހުންނަށްވަނީ ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިމުގެ ކަންކަންވެސް ހަމަޖައްސައިދީފައެވެ.
ކޯވިޑް-19ގެ ހާލަތައި ގުޅިގެން އެންމެ ގިނަ މީހުން މިހާތަނަށް ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވަނީ ދަތުރުފަތުރުގެ އިންތިޒާމް ހަމަނުޖެހުމާއި ގުޅޭ މައްސަލަތަކުގައި ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި 76 މީހަކު ހުށަހަޅާފައިވެއެވެ. އަދި ކާބޯތަކެތީގެ އެހީއަށް 4 މީހަކު އެދިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ބޯހިޔާވަހިކަމަށް އެދޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭ ޣާޒީ ސްކޫލާއި، ރެހެންދި ސްކޫލްދަނީ ބޭނުންކުރަމުންނެވެ. އަދި ހުޅުމާލޭގައި ހަދާފައިވާ ފުޓްބޯލް ސްކޫލްގައިވެސްވަނީ މިފަދަ މީހުންނަށް ބޭނުންކުރުމަށް 24 ކޮޓަރީގެ އެކަމަޑޭޝަނެއް ހަދާފައެވެ.
ގެއިންނެރުމާއި، މަގުމަތިވާމީހުންނާއި އެހެނިހެން އެހީތަކުގައި ޖެންޑަރ މިނިސްޓްރީއަށް ގުޅަން ޖެހެނީ މިނިސްޓްރީގެ ހޮޓްލައިން 1412އަށެވެ.
ދިވެހިންގެ އިތުރުން ހާލުގައިޖެހިފައިވާ ބިދޭސީންނާއި، ތޮއްޖެހިގެން އެއްތަނެއްގައި ދިރިއުޅޭ ބިދޭސީން އެ ތަންނަތުނުން މަދުކޮށް އެމީހުނަ ޚާއްސަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްވެސް ސަރުކާރުން ދަނީ ހިންގަމުންނެވެ. އެގޮތުން މިހާރުވެސް ހުޅުމާލޭގައި ހަދާފައިވާ ބައެއް ތަންތަނަށް ވަނީ ބިދޭސީން ބަދަލުކޮށްފައެވެ. އަދި ހުޅުމާޅޭ ދެވަނަ ފިޔަވައްސާއި، ގުޅީފަޅުގައިވެސް ދަނީ ބިދޭސީންނަށް ޚާއްސަ ފެސިލިޓީއެއް ހަދަމުންނެވެ.