ޚަބަރު

ހެރިޓޭޖް މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ މިދާއިރާގެ ކަންބޮޑުވުންތައް ޙިއްސާކޮށްފި


ކޯވިޑް 19ގެ ސަަބަބުން ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު ރާއްޖޭގެ ސަޤާފަތާއި ތަރިކައިގެ ދާއިރާއާއި، ފަންނުވެރިންގެ މަސައްކަތްތަކަށް ބޮޑެތި ހީނަރުކަމެއް އައިސްފައިވާ ކަމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ 130 ޤައުމެއްގެ ހެރިޓޭޖް މިިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި ޔުނިސްކޯގެ ބައްދަލުވުމުގައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 8 ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި 130 ޤައުމުންވަނީ ކޯވިޑް 19ގެ ސަބަބުން އެ ޤައުމުތަކުގެ ސަޤާފަތާއި ތަރިކަ ކުރިއެރުވުމާއި ފަންނުވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ޙިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވީ ދިވެހިރާއްޖެއަކީ މުޅިންހެން ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމެއްކަމަށާއި، ރާއްޖޭގެ ސަޤާފަތާއި ތަރިކައާއި ފަންނުވެރިކަމުގެ ދާއިރާވެސް އެންމެ ބޮޑަށް ގުޅެނީ ފަތުރުވެރިކަމާ ކަމަށެވެ.

ލޮކްޑައުންއާއި ގުޅިގެން މުޅި ދަތުރުފަތުރުގެ ނިޒާމު ހުއްޓި، ފަތުރުވެރިކަމަށް އައިސްފައިވާ ލޮޅުން، މުޅި މިދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ އާމްދަނީއާއި ގުޅިފައިވާކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

"އާސާރީ ސައިޓްތަކާއި، މިއުޒިމްތައްވަނީ ބަންދުކޮށްފައި. އަރޓިސްޓުންގެ މަސައްކަތްތައްވަނީ ހުއްޓިފައި. މިކަންކަމާއި ގުޅޭ ކުދި ވިޔަފާރިތައްވަނީ ހުއްޓުމަށް އައިސްފައި. ނަމަވެސް ސަރުކާރުން ދަނީ އާޓިސްޓުންނާއި މިފަދަ ވިޔަފާރިކުރާ މީހުންނަށް ބައިވެރިވެވޭގޮތަށް ސްޓިމިއުލަސް ޕެކޭޖުތަކާއި، ރިލީފް ޕެކޭޖުތަކުން މާލީ އެހީތެރިކަން ދިނުމަށް މަސައްކަތް ކުރަމުން." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިން ބާއްވަމުން އައިގޮތަށް، ހެރިޓޭޖް ސައިޓްތަކަށް ޒިޔާރަތް ކުރުމާއި، އަރޓިސްޓުންގެ ޝޯވތައް ނުބޭއްވުނުނަމަވެސް، ވެވެންއޮތް މިންވަރަކުން އޮންލައިންކޮށް އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދާކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރިކައާއި ސަޤާފަތާއި ގުޅޭ މަޢުލޫމާތު އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޙިއްސާކުރުމާއި، އަދި އަރޓިސްޓުންވެސް އެމީހުންގެ މަސައްކަތްތައް އޮންލައިންކޮށް ދައްކަމުންދާކަމަށެވެ. އަދި ކުރެހުންތެރިން، އެމީހުންގެ ހުނަރުތައް އޮންލައިން ޕްރޮގްރާމްތަކުގެ ގޮތުގައި ދަސްކޮށްދެމުންދާކަމަށެވެ.

މި ބައްދަލުވުމުގައިވަނީ މިޙާލަތުން އަރައިގަނެ މި ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޤައުމުތަކުން ކުރެވޭނެ މަސައްކަތްތައް ޙިއްސާކުރައްވާފައެވެ. އަދި އެއްޤައުމު އަނެއް ޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް މަޢުލޫމާތު ޙިއްސާކުރައްވާފައިވެއެވެ.

މީގެއިތުރަށް މިނިސްޓަރ ޔުމްނާ ވަނީ ކޯވިޑް 19ގައި ރާއްޖޭގެ ޙާލަތު އޮތްގޮތާއި، މިކަމުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ޤައުމުތަކާ ޙިއްސާކުރައްވާފައެވެ.