ރިޕޯޓް

އިބްނު ސީނާ - ކަރަންޓީންކުރަން ދަސްކޮށްދެއްވި އިލްމުވެރިޔާ


ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19ގެ ބިރުވެރިކަން ދުނިޔޭގައި ފެތުރެން ފެށިފަހުން އިންޓަނެޓްގައި އެންމެ ގިނައިން މީހުން އެ ބަހެއްގެ މާނަ ހޯދި ބަހަކީ ކަރަންޓީން ނުވަތަ ކޮރަންޓީންއެވެ. ގޫގުލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް19 ފެތުރެން ފެށި ފަހުން ގޫގުލް މެދުވެރިކޮށް "ކަރަންޓީން" ސާޗްކުރި މީހުންގެ އަދަދު ވަނީ 10 ހާސް އިންސައްތަ އިތުރުވެފައެވެ. މިބަހަކީ ކޮބައިތޯ ބަލަން އިންޓަނެޓްގައި މީހުން އަތްފުނާ އަޅަންޖެހުނު މައިގަނޑު ސަބަބަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޚަބަރުފަތުރާ ވަޞީލަތްތަކުގެ ފަލަ ސުރުޚީންވެސް "ކަރަންޓީން"ގެ އަޑު އިވޭލެއް އިތުރުވުމުންނެވެ.

ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް، އަދި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ "ކަރަންޓީން"ކުރުމެވެ.

ކަރަންޓީންކުރުމަކީ ނުރައްކާތެރި ބައްޔަކުން ރައްކާތެރިވުމަށް ވަކި ތަނަކުން އަންނަ ބައެއް، ނުވަތަ ވަކި ތަނެއްގައި ތިބި ބައެއް، ވަކި މުއްދަތަކަށް، ވަކި ތަނެއްގައި އެކަހެރިކުރުމެވެ. ކަރަންޓީން ކުރާނީ ބަލި މީހުންނެއް ނޫނެވެ. ނަމަވެސް ބަލި ޖެހިފައި ތިބެދާނެކަމަށް ބެލެވޭ ބައެކެވެ. ބަލިޖެހިފައި ތިބޭ މީހުން އެކަހެރިކުރުމަށް ކިޔަނީ "އައިސޮލޭޝަން"އެވެ.

ދަތުރުފަތުރުން ދުނިޔޭގެ ހުރިހާ ސަރަޙައްދުތަކެއް ގުޅިލާމެހިފައިވާ ކުޑަކުޑަ މިދުނިޔޭގައި ނުރައްކާތެރި ބައްޔެއް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ކަރަންޓީންކުރުމެވެ. ނަމަވެސް ކަރަންޓީންކުރުމަކީ މިޒަމާނުގެ ސައިންވެރިން ނުވަތަ އިލްމުވެރިން ހޯދި ހޯދުމެއް ނޫނެވެ. އެއީ މީގެ އެތައް ހާސް އަހަރެއް ކުރިން ދުނިޔޭގައި ކުރަމުންދިޔަ ކަމެއްކަން ތާރީހުން އެނގެއެވެ.

ކަރަންޓީންކުރުން ފެށިގެން އައީ ސީދާ ކޮން އިރަކުކަމެއް ތާރީޚް ދިރާސާކުރާ ފަރާތްތަކަށް ބުނެދޭން ނޭގުނަސް އިސްލާމީ ތާރީހް އަދި ބައެއް އެހެން ދީންތަކުގެ ފޮތްތައް ބުނާގޮތުން ކަރަންޓީންކުރުމަކީ، މީލާދީން 980 ވަނަ އަހަރާއި 1037 ވަނަ އަހަރާދެމެދު ދުނިޔޭގައި އުޅުއްވި މަޝްހޫރު މުސްލިމް އިލްމުވެރިއެއްކަމަށްވާ އިބްނު ސީނާ ފެށި ކަމެކެވެ.

އައްބާސީ ދަޢުލަތުގެ ދެވަނަ ދައުރުގައި ފާހަގަވެގެންދިޔަ އިބުނު ސީނާއަކީ ފާރިސީއެކެވެ. އޭނާއަކީ ބޭސްވެރިކަމާއި ބޭހުގެ އިލްމުން ދުނިޔޭގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް އިލްމުވެރިޔާއެވެ. ބޭސްވެރިކަމާގުޅޭ އެތައް ފޮތްތަކެއް އޭނާ ލިޔުއްވިއިރު، އެފޮތްތައް އަދިވެސް ދަނީ ޒަމާނީ ޔުނިވަރސިޓީތަކުގައި ބޭނުންކުރަމުންނެވެ. ބޭސްވެރިކަމުގެ އިތުރުން ފަލަކީ އިލްމުގައިވެސް އިބްނު ސީނާއަކީ ފާހަގަކޮށްލެވޭ އިލްމުވެރިއެކެވެ.

މީގެ ހާހެއްހާ އަހަރުކުރިން، މީލާދީން 1025 ވަނަ އަހަރު އިބްނު ސީނާ ލިޔުއްވި ބޭސްވެރިކަމުގެ މަޝްހޫރު އެކްސައިކޮލޮޕީޑިއާ، "ދަ ކެނޮން އޮފް މެޑިސިން"ގައި އޭނާ ބުނެފައިވަނީ ނުރައްކާތެރި ބަލިތައް ފެތުރެނީ އިންސާނުންގެ ލޮލަށްވެސް ނުފެންނަ ކުދިކުދި އެއްޗެހިތަކެއްގެ ޒަރިއްޔާއިންކަމަށެވެ. އެކަން ވަނީ ޒަމާނީ ސައިންސުން ޓެލެސްކޯޕްގެ ޒަރިއްޔާއިން އޭގެ އެތައް ސަތޭކަ އަހަރެއް ފަހުން ކަށަވަރުކޮށްދީފައެވެ. އަދި މިފަދަ ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށް ކަރަންޓީންކުރަން ވަރަށް ބޮޑަށް އިބުނު ސީނާގެ ފޮތުގައި ބާރު އަޅާފައިވެއެވެ.

ތާރީހް ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށް ކަރަންޓީންކުރަން ފެށުމުގެ ވިސްނުމަކީ އިބްނު ސީނާގެ ވިސްނުންފުޅެކެވެ. އަދި ބައެއް ފަރާތްތަކުން ބުނާގޮތުން "ކަރަންޓީން" މިބަސް އުފެދުނީވެސް އިބްނު ސީނާގެ ފޮތްތަކުންނެވެ. މިގޮތުން އިބްނު ސީނާ ވަނީ ބައެއް ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށް 40 ދުވަސްވަންދެން މީހުން އެކަހެރިކޮށްފައިވެއެވެ. މިކަމަށް އޭރު ދީފައިވާނަމަކީ "އަލްއަރަބައުނިއްޔާ"އެވެ. މާނައަކީ 40 އެވެ.

ކަރަންޓީންކުރަން ފެށުމަކީ އިބްނު ސީނާގެ މަސައްކަތެއްކަމަށް ބުނާ ވާހަކައާ ދެކޮޅު ހަދާ މީހުންވެސް އުޅެއެވެ. އެމީހުން ބުނާގޮތުން ކަރަންޓީންކުރަން ފެށުނީ 14 ވަނަ ޤަރުނާއި 15 ވަނަ ޤަރުނުގައި ފެތުރުނު "ބްލެކް ޑެތް"ގެ ބަލިމަޑުކަމުގެ ތެރެއިންނެވެ.

ކަރަންޓީންކުރުމުގެ ތާރީޚްއާ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނަސް، ހަޤީޤަތަކީ އިބްނު ސީނާއަކީ އޭނާ އުޅުއްވި ޒަމާނާ އަޅާކިޔާއިރު މާކުރީގައި އުޅުއްވި ބޭފުޅެއްކަމެވެ. ޒަމާނީ ބޭސްވެރިކަމުގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެފައި އޮތްއޮތުމަށް ބަދަލެއް ނާންނާނެއެވެ. އިސްލާމީ ބައެއް އެހެން އިލްމުވެރިންނާ އިބްނު ސީނާއާ ތަފާތުވާ ހިސާބަކީ އޭނާގެ މަސައްކަތްތަކަކީ އިސްލާމީ ދުނިޔޭގެ އިތުރުން، ހުޅަނގުގެ ޤައުމުތަކުންވެސް ބަލައިގެންފައިވާ މަސައްކަތްތަކަކަށްވުމެވެ.

އިބުނު ސީނާ ލިޔުއްވި ގިނަ ފޮތްތައް ވަނީ ޔޫރަޕްގެ ބަސްތަކަށް ތަރުޖަމާކޮށްފައެވެ. އެގޮތުން ސްޕެއިންއިން ވަނީ "ދަ ކެނޮން އޮފް މެޑިސިންގ" 12 ވަނަ ޤަރުނުގެ ތެރޭގައި ލެޓިންއަށް ތަރުޖަމާކޮށްފައެވެ. އެ ފޮތަކީ ހުޅަނގުގެ ޤައުމުތަކުގައި ބޭސްވެރިކަން ކުރިއެރުވުމަށް ބޭނުންކުރި އެންމެ މުހިއްމު ފޮތެވެ. މީގެއިތުރުން ޔޫރަޕްގެ އެންމެ ގިނަ ދުވަސްވީ ޔުނިވަރސިޓީކަމަށްވާ، ޔުނިވަރސިޓީ އޮފް ބޮލޮގްނާއިން 13 ވަނަ ޤަރުނުން ފެށިގެން ބޭސްވެރިކަން ކިޔަވައިދިނުން ބިނާކޮށްފައިވަނީ މިފޮތުގެ މައްޗަށެވެ. އޭގެއިތުރުން ބެލްޖިއަމް، ފްރާންސް އަދި ޕޮލެންޑުގެ ޔުނިވަރސިޓީތަކުގައިވެސް ބޭސްވެރިކަން ކިޔަވައިދިނުމަށް އިބުނު ސީނާގެ ފޮތްތައް 13 ވަނަ ޤަރުނާއި 17 ވަނަ ޤަރުނާ ދެމެދު ބޭނުންކޮށްފައިވެއެވެ.

މިއަދު ދުނިޔެއަށް ކޯވިޑް19ގެ ނުރައްކާތެރިން ކުރިމަތިވެފައިވާއިރު، މިބަލިމަޑުކަމުން ރައްކާތެރިވުމަށްވެސް އެންމެ މުހިއްމު ފިޔަވަޅެއްކަމަށް މިޒަމާނުގެ ޑޮކްޓަރުންވެސް ބުނަނީ އިބުނު ސީނާ މީގެ ހާހެއްހާ އަހަރުކުރިން އަޅުގަނޑުމެންނަށް ތަޢާރަފްކޮށްދިން "ކަރަންޓީން"ކުރުމެވެ. ގިނަ މީހުން ތަންތަނަށް ޖަމާނުވެ، އެކަހެރިވެގެން، ސާފުތާހިރުކަންމަތީ އުޅުމަކީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިމިވާ ނުރައްކާތެރި ބަލިމަޑުކަމުން ރައްކާތެރިވުމަށް މިވަގުތަށް އެޅެން އޮތް ހަމައެކަނި ފިޔަވަޅެވެ. ވެކްސިނެއް ލިބެންދެން މިނޫން ގޮތެއް ނެތެވެ.