ވޮލީ

މަޑަގަސްކަރަ އަތުން ރާއްޖޭގެ އަންހެން ވޮލީ ޓީމް ބަލިވެއްޖެ


ގައުމީ އަންހެން ވޮލީ ޓީމް ތަފާތު ބޮޑުކޮށް ސީދާ ތިން ސެޓުން މަޑަގަސްކަރަ
އަތުން ބަލިވެއްޖެ. 

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މަޑަގަސްކަރައާ
ވާދަކޮށް ގައުމީ އަންހެން ޓީމް ބަލިވެފައިވާއިރު، ކޮންމެ ސެޓެއްގައިވެސް
ދިހަވަރަކަށް ޕޮއިންޓްގެ ފަރަގެއް އޮތްކަން ފާހަގަކޮށްލެވެއެވެ. ފުރަތަމަ ސެޓްގެ
ކުރީކޮޅުގައި ރާއްޖޭގެ ޓީމުން ވަރަށް ރަގަނޅަށް ކުޅުނެވެ.
ނަމަވެސް ހެދުނު ގޯސްތަކެއްގެ ސަބަބުން ރާއްޖޭގެ ޓީމްއަތުން ފުރަތަމަ
ސެޓް ގެއްލުނީ 14، 25ންނެވެ. 

ދެވަނަ ސެޓް މަޑަގަސްކަރަ ގެންދިޔައީ 25-12އިން، އަދި
މެޗްގެ ފަހު ސެޓް މަޑަގަސްކަރަ ގެންދިޔައީ 25-16އިން ނެވެ.  މެޗަށްފަހު ގައުމީ އަންހެން ވޮލީ ޓީމްގެ
ކޯޗް އިބްރާހީމް ޖަލީލްބުނީ މަޑަގަސްކަރައިގެ ކުޅުންތެރިން ދިގުވުމުން
އެކުޅުންތެރިންގެ ސޮޓްތަށް ބުލޮކް ކުރުމަށް އުދަގޫވިކަމަށެވެ.



"ރާއްޖެ ވަރަށް ރަގަނޅަށް ކުޅުނު ނަމަވެސް އެޓީމްގެ ކުޅުންތެރިން
ދިގުވުމުން ބުލޮކް ކުރަންވެސް އުދަގޫވި އަދި  އެމީހުން ޖަހާ ސޮޓްތަށްވެސް ވަރަށް ބާރު.
ހުރިހާވެސް މައްސަލައަކީ ރަގަނޅަށް ޕްރެކްޓިސް ނުކުރެވުން. ގިނަ  ރަޙްމަތްތެރިކަމުގެ މެޗްތަށް ކުޅެވުނަމަ
މިއަށްވުރެއް ރަގަނޅު ނަތީޖާއެއް ހޯދޭނެކަން ހަމަޔަގީން." ޖަލީލް ބުންޏެވެ.



ގައުމީ އަންހެން ޓީމް ކެޕްޓަން ޝައްފަބުނީ ސެޓްތަކުގެ ތަފާތުބޮޑުވީ
މަޑަގަސްކަރަ ޓީމްގެ ކުޅުންތެރިން ދިގުވުމުން ކަމަށެވެ. "މިއަށްވުރެއް ރަގަނޅު ނަތީޖާއެއް
ނެރެވުނީސް ގިނަ ދުވަސްވަންދެން ޕްރެކްޓިސް ކުރެވުނުނަމަ" ޝައްފަ ބުންޏެވެ.