ކުޅިވަރު

މެޑެއްޔާއެކު އެޑަމް އާއި ކާއްޓޭ ކޮލިފިކޭޝަން ނިންމާލައިފި


ސްރީލަންކާގައި ކުރިއަށް ދިޔަ ކޮމަންވެލްތު ބީޗް ވޮލީބޯޅަ ކޮލިފައިންގައި ރާއްޖެއިން ވާދަކުރި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ)ގެ ޕެއާއިން ރިހި މެޑައްޔާއެކު ކޮލިފައިން ނިންމާލައިފިއެވެ.

ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމުން އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ)ގައި ޓީމު ބައިން ވަނީ ރިހި މެޑަލް ހޯދައިފައެވެ. އަދި އިންޑިވިޖުއަލް ބައިން އެޑަމާ އާއި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ)ގެ ޕެއާއިން ވަނީ ލޯ މެޑަލް ހޯދާފައެވެ.

ކޮމަންވެލްތު ކޮލިފިކޭޝަނުގައި މި ސަރަހައްދުން ބައިވެރިވެފައިވަނީ ރާއްޖެ، ލަންކާ، މެލޭޝިއާ އަދި ސިންގަޕޫރެވެ. ކޮމަންވެލްތު ގޭމްސްއަށް ކޮލިފައިވަނީ ފައިނަލުން ކުރިހޯދާ ޓީމެވެ.
ލަންކާ ޓީމުން ރާއްޖޭގެ މައްޗަށް ކުރިހޯދާފައިވަނީ ސީދާ ދެ ސެޓުންނެވެ.
ލަންކާގެ އަޝެން އާއި މަލިންތާގެ ޕެއާއިން މެޗުގެ ސެޓުތައް ގެންދިޔައީ 21-13 އަދި 21-13 އިންނެވެ.

އެޑަމް އާއި ކުޑަކާއްޓެ ޕެއާއެއްގެ ގޮތުގައި އެންމެ ފުރަތަމަ މުބާރާތެއް ކުޅުނީ މިދިޔަ މަހު ލަންކާގައި ބޭއްވި ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގަ އެވެ.

މިއީ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗުކަމަށް ގެނައި ބްރެޒިލްގެ މަތީ ފެންވަރުގެ ކޯޗު ވިނީޝިއުސް މާޓިން ގެނައި ފަހުން ގައުމީ ޓީމުގެ ދެ ވަނަ މުބާރާތެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ބީޗް ވޮލީބޯޅަ ޓީމަށް ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ) އިން ހަމަޖައްސައިދިން ކޯޗު ވިނީޝިއުސް ހުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައެވެ.