ޚަބަރު

ހެޔޮގޮތުގައި ވަގުތުތައް ހޭދަކުރުން


ކޯވިޑް 19 ގެ ބަލިމަޑުކަން ފެތުރެމުންދާ މިދަނޑިވަޅުގައި އަޅުގަނޑުމެންގެ ދިރިއުޅުމަށް މިވަނީ ބައްދަލުތަކެއް ގެންނަންޖެހިފައެވެ. ގިނަ ވަގުތު ގޭތެރޭގައި ހޭދަކުރަން މިވަނީ ޖެހިފައެވެ. ދިރިއުޅުމުގައި ތަފާތު މަސައްކަތްތަކުގައި، މަސްއޫލުވެ އުޅުމަށްފަހު މިފަދަ ޙާލަތެއް މެދުވެރިވުމުން ހިތަށް ނުތަނަވަސްކަން ކުރިމަތިވާނެއެވެ. ދިރިއުޅުމުގެ ވަގުތުތައް ތަފާތު ކަންތައްތަކުން ފުރާލެވިފައިވާ ޙަޔާތެއް އެހެން ގޮތަށް ދީލާލަންޖެހުމުން، ނާއުންމީދީ ޝުޢޫރުތަކެއް ވެރިވުން ގާތެވެ.

އެހެންނަމަވެސް މުސްތަޤްބަލާ ދޭތެރޭ ވިސްނަންވާނީ އުއްމީދީ ގޮތަކަށެވެ. މާޔޫސްވުމެއް ނެތި ހިތްވަރާއެކު، ދިމާވާ ދަތިތަކާ ގޮންޖެހުންތަކާ ކުރިމަތިލުމަކީ ދިރިއުޅުމުގެ އަގުމާތްވި ޖައުހަރުން ދަސްކޮށްދޭ ފިލާވަޅެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ވަގުތުތައް ހޭދަކުރެވޭނެ ރަނގަޅު ގޮތްތަކެއް އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަށަގެންނެވުން މުހިއްމެވެ. ރަގަޅު އާދަތަކުގެ މައްޗަށް އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރެވޭތޯ ބަލަންޖެހެއެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ހެޔޮގޮތުގައި ވަގުތުތައް ހޭދަކުރުމަށް ނުހަނު ބޮޑަށް ބާރު އަޅައެވެ. ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް ޢަމަލީގޮތުން ދަސްކޮށްދެއްވާފައިވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިއްމުކަމެވެ. ވަގުތަކީ އިންސާނާގެ ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައި ވަރަށް މުހިއްމު ބަހާއެކެވެ. ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވާ ގޮތުގައި ސިއްޙަތު ސަލާމަތުން ހުރުމާއި، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ ގިނަ ބަޔަކު ފަރުވާކުޑަ ކުރާ ދެ ނިޢުމަތެވެ. އިސްލާމްދީނުގައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރު އަޅާފައިވާ މިންވަރު ހާމަކޮށްދޭ އެއްކަމަކީ، ބައެއް ވަގުތުތައް ގަންދެއްވައި ކީރިތި ޤުރުއާނުގައި މާތް ﷲ ބަސް ވަޙީކުރައްވާފައިވުމެވެ.

ވަގުތަކީ އިންސާނުންނަށް މާތް ﷲ ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. ގިނަ ފަހަރު އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތެއްގެ މުހިއްމުކަން އިޙްސާސްކުރެވެނީ އެ ނިޢުމަތެއް އަޅުގަނޑުމެންގެ އަތުން ބީވެ ދިއުމުންނެވެ. ދެބަސްވެވެން ނެތް ޙަޤީޤަތަކީ، ހުސް ވަގުތުގެ ބޭނުން އޭގެ ހެޔޮގޮތުގައި އަޅުގަނޑުމެންނަށް އަދާ ނުކުރެވިއްޖެނަމަ، މާޔޫސްކަން ހިތަށްވެރިވުމުގެ އިތުރުން ކަންނެތް ކަމުގެ ބަލި އަށަގަތުން ގާތެވެ. އެކަމަކީ އަޅުގަނޑުމެންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ބަލިކަށިކަން ކުރިމަތި ކުރުވާނެ ކަމެކެވެ.

މާޔޫސްކަމާއި ހާސްކަން އެއްކިބާކޮށް، ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރުމުގައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އާދަކުރުމަކީ ބޭނުންތެރިކަމެކެވެ. އަޅުގަނޑުމެންގެ މިކުޑަ ކުޑަ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ މުރާލިކަމާއެކު ކަންކަމާ ކުރިމަތިލުމުގެ ބުންވަރު ދައްކަމުން އައިސްފައިވާ ބައެކެވެ. އެބައިމީހުންގެ ކަށިން ހިތްވަރުނެރެ ދަތިތަކުން އަރައިގަތުމަށް ކެތްތެރިކަމާއެކު މިސާލު ދައްކާފައިވާ ބައެކެވެ. އެހެންކަމުން، ހެޔޮ ނަމޫނާގައި ހިފައި، އަޅުގަނޑުމެން ވަގުތުތައް ހޭދަކުރަންޖެހެއެވެ. ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރަންޖެހުމަކީ، ކަންނެތްވުމަށް ހުޅުވާލެވޭ ދޮރަކަށް ހެދިއްޖެނަމަ، އަޅުގަނޑުމެން ހުށަހެޅިގެން އެދަނީ އަބާއްޖަވެރިކަމުގެ ޙަޔާތަކަށެވެ. ވެއްޓިގެން އެދަނީ ދެރައާއި ހިތާމައިގެ އަނދަވަޅަކަށެވެ.

މި ހިނދުކޮޅަކީ އަޅުގަނޑުމެންގެ ލަނޑުދަނޑިތަކަށް ވާޞިލުކުރުމަށްޓަކައި، އުޖާލާ ފަތިހަކަށް އަލިވިލުމަށްޓަކައި މަސައްކަތްކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއްކަމުގައި ދެކި، އުއްމީދު އާލާކުރަންޖެހެއެވެ. ގޭތެރޭގައި ތިބޭއިރު، ބޭނުންތެރި އަދި ފައިދާކުރުވަނިވި ކޮންމެވެސް ކަމެއް ކުރުމަށް ދަސްކުރުމަށް ސަމާލުކަން ދިނުން މުހިއްމެވެ. ހަމައެކަނި ޓީވީ ޑްރާމާއާއި ފިލްމު ބެލުމަށް، ބޭނުމެއް ނެތްގޮތުގައި ޓީވީ ސްކްރީންތަކުގެ ކުރިމަތީގައި އަގުހުރި ވަގުތުތައް ނަގާލުމުގެ ބަދަލުގައި، ގިނަގިނައިން ފޮތް ކިޔުމާއި، ލިޔުންތެރިކަން ކުރިއެރުވުމާއި، ކުރެހުމާއި ޑިޒައިންކުރުންފަދަ ފަންނުތައް ކުރިއެރުވުމުގައި ވަގުތުތައް ހޭދަކުރެވިދާނެއެވެ.

ގޭތެރޭގައި ހޭދަކުރާ ވަގުތުތައް، ރޭވުންތެރިކަމާއެކު ބަހާލައި، ދީނީ އަޅުކަންތައް ވަގުތުން ވަގުތަށް އަދާކޮށް، ޤުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި ވަގުތުގެ ބޭނުން ހިފިދާނެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ކުރަންޖެހޭ ބުރަ މަސައްކަތްތަކުގެ ސަބަބުން ޢާއިލާއާއިއެކު ހޭދަކުރުމަށް ގިނަފަހަރު އޮންނަނީ ވަގުތު ނުލިބިއެވެ. ނަމަވެސް މިއީ އާއިލާއާއިއެކު ހެޔޮގޮތުގައި ވަގުތު ހޭދަކޮށްލުމަށް ލިބުނު ރަނުގެ ފުރުޞަތެއްކަމުގައި ދެކޭށެވެ.

ދަރިންނަކީ އަޅުގަނޑުމެންނާ ޙަވާލުކުރެވިފައިވާ މަތިވެރި އަމާނާތެކެވެ. އަޅުގަނޑުމެންގެ ލޮލުގެ ނޫރުކަމުގައިވާ، ހިތުގެ ފިނިކަން ކަމުގައިވާ، ދަރިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު މަސައްކަތްތަކުގެ ފަންނުތައް އަށަގެންނެވުމަށް ޢަމަލީގޮތުން ހަރާކާތްތަކެއް ހިންގިދާނެއެވެ. އެކި ކުދިން ޝައުޤުވެރިކަން ހުންނާނީ އެކިކަންކަމަށެވެ. އެކުދިންގެ ޤާބިލިއްޔަތުކަން ބިނާވެފައިވާނީވެސް ތަފާތު ކަންކަމުގެ މައްޗަށެވެ. ކެއްކުމާއި، ތަފާތު ބުއިންތައް ތައްޔާރުކުރުމުގެ ހުނަރު ދަސްކޮށްދެވިދާނެއެވެ. ޑިޒައިންކުރުމާއި ކުރެހުމުގެ ހުނަރުތައް ދަސްކޮށްދެވިދާނެއެވެ. ގޭތެރޭގައި ކަސްރަތުގެ ހަރާކާތްތަކާއި، ހިތްހަމަ ޖައްސާލުމަށް ތަފާތު ކުޅިވަރުތައް ކުޅެވިދާނެއެވެ.

ދިރިއުޅުމުގެ މުހިއްމު ޙާލަތްތަކާބެހޭ އަމަލީ ތަޖުރިބާ ވާހަކައިގެ ސިފައިގައި ހިއްސާކުރެވިދާނެއެވެ. ކުދިކުދި ޑްރާމާތަކާއި ތަމްސީލްތައް ރާވައި ކުޅެވިދާނެއެވެ. އެކުގައި ނަމާދުކޮށް، ޤުރުއާން ކިޔަވައި ހެދިދާނެއެވެ. ދަރިންނަށް ހެޔޮލަފާ ޞާލިޙް އުޅުމެއް އުޅެން ދަސްކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ މަތިވެރި އުފަލެއްކަމުގައި ނުވާނެތޯއެވެ. ބޮޑެތި މީހުންނަށް އިޙްތިރާމްކުރުމާއި ވެރިންނަށް ކިޔަމަތްތެރިވުމާއި ދުރުސުލް އަޚްލާޤްގެ މަތިވެރި ސިފަތައް އަށަގެންނެވުމަށް މިވަގުތުގެ ބޭނުން ހިފަމާތޯއެވެ.

ގޭތެރޭގެ އަދަބުތަކާއި، ކެއުމުގެ އަދަބުތަކާއި، މަގުމަތީގެ އަދަބުތައް ދަސްކޮށްދީ، ދިރޭތަކެއްޗަށް އޯގާތެރިކޮށް ހިތުމަށް ދަސްކޮށްދެމާ ހިނގާށެވެ. މާތް ﷲ ގެ ރަޙްމަތްފުޅުން، މިބަނަ ދުވަސްތައް އަޅުގަނޑުމެން ދޫކޮށްދާއިރު، ބިނާކުރުވަނިވި ކޮންމެވެސް މަސައްކަތެއް ދަސްވެފައި އޮވެއްޖެނަމައޭގެ ފައިދާ މުސްތަޤްބަލުގައިވެސް ކުރާނެއެވެ. އެހެންކަމުން، ޙަޔާތުގެ މައިދާނުގައި ހުރި ކަންކަމަށް އެކުދިން ހޭނުވުމަށް މަސައްކަތްކުރަމާ ހިނގާށެވެ. މިދުވަސްތަކަކީ ބޭކާރު ގޮތުގައި ވަގުތައް ހޭދުކުރާ ދުވަސްތަކެއްގެ ބަދަލުގައި ފައިދާހުރި ރަގަޅު ކަންކަން ކުރުމަށް ލިބުނު ފުރުޞަތެއްކަމުގައި ބަލައިގެން، ހިތްވަރާއެކު ކުރިއަށް ދަމާ ހިނގާށެވެ.