ވިޔަފާރި

ކޯވިޑް-19: އިއްޔެވެސް 201 ފިހާރައަކަށް ކާޑުގެ ބާވަތްތައް އެސްޓީއޯއިން ޑެލިވަރކޮށްދިން


މާލޭ ސަރަޙައްދުގެ ފިހާރަތަކަށް ކާޑުގެ ބާވަތްތަކަށް ޑެލިވަރީކުރުމަށް އެސްޓީއޯއިން ކުރަމުންދާ މަސައްކަތުގައި އިއްޔެ އެކަނިވެސް 201 ތަނަކަށް ކާޑުގެ ބާވަތްތައް ޑެލިވަރކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ނޭޝަނަލް އެމެރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ އެސްޓީއޯއިން އިއްޔެ 2454 ހަނޑޫ ބަސްތާ، 1289 ބަސްތާ ފުށް އަދި 949 ބަސްތާ ހަކުރު ފިހާރަތަކަށް ޑެލިވަރ ކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށަށް ކާޑުގެ ބާވަތްތައް ފޮނުވުމަށް 48 ބޯޓަކަށް ޑެލިވަރީކޮށްފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެސްޓީއޯއިން ދަނީ ހަނޑޫ، ހަކުރު، ފުށް މަލޭގެ ސުޕަރމާކެޓްތަކާއި، ކަންމަތީ ފިހާރަތަކުގެ އިތުރުން، ރަށްރަށަށް ގެންދިއުމަށް މުދާ ބަރުކުރަމުންދާ އޮޑިދޯނިފަހަރާ ހަމައަށް ގެންދިއުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުންކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. އަދި ވިޔަފާރިތަކަށާއި އާންމުންނަށް އެސްޓީއޯގެ ފިހާރަތަކުން ގަންނަން ބެނުންވާ ތަކެތި އެސްޓީއޯގެ އޮންލައިން ޕޯޓަލް އީސްޓޯ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ތަކެތި ޑެލިވަރ ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ.

އެސްޓީއޯއިން ބުނީ އޯޑަރުތައް ގިނަވުމުން އީ-ސްޓޯރއިން ވަގުތީގޮތުން އޯޑަރުތައް ނެގުން މެދު ކަނޑާލާފައިވީ ނަމަވެސް، ވީ އެންމެ އަވަހަކަށް އީ-ސްޓޯރ އަލުން ހުޅުވާލާނެކަމަށެވެ.

އެސްޓޯއިން ގަންނަ ތަކެތި ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސިފައިން ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި މީގެ އިތުރުން ޑެލިވަރީގެ ޙިދުމަތްދޭ ބަޔަކާ ގުޅިގެން އެސްޓީއޯއިން ދަނީ ޑެލިވަރީގެ ކަންތައްތައް އަވަސްކުރުމަށް މަސައްކަތްތައް ކުރަމުންނެވެ.