ޚަބަރު

ވާދަނުކުރެވުނަސް ބައިނަލްއަގުވާމީ އުފެއްދުންތަކަށް ވަކި ޑިސްޓްރިކްޓެއް


  • ވާދަކުރުމުގެ ބައިގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް

  • މިޑިސްޓްރިކްޓާއެކު ދިވެހި ވިޔަފާރިތައް ބާރުވެރިކުރެވޭނެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި އިންޓަނޭޝަނަލް ޑިސްޓްރިކްޓެއް ހިމެނުނު ނަމަވެސް، އެ ފަރާތްތަކަށް ވާދަކުރުމުގެ ބައިގައި ބައިވެރިނުވެވޭނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ވާދަކުރުމުގެ ބަޔަކީ ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭގޮތަށް ހިމަނާފައިވާ ވަކި ބައެކެވެ.

މިއަަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި އިތުރު 2 ޑިސްޓްރިކްޓެއް ހިމެނޭހެން މުޅި ޖުމުލަ 7 ޑިސްޓްރިކްޓެއް ފެނިގެންދާނެއެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ވިޒިޓަރ އިކޮނުމީ ޑިސްޓްރިކްޓާއި، ބޭރުގެ އުފެއްދުންތައް ދައްކާލުމަށް ހާއްސަކޮށްފައިވާ އިންޓަނޭޝަނަލް ޑިސްޓްރިކްޓެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ކައުންޑައުން ޝޯގައި ވާހަކަދައްކަވަމުން އިގުތިޞާދީ ތަރައްޤީއާ، ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒް ވިދާޅުވީ، މިދިޔަ އަހަރު ބޭއްވިގެންދިޔަ އުފެއްދުންތެރިންގެ މައުރަޒުގައިވެސް ބައިނަލްއަގުވާމީ ކުންފުނިތައް ބައިވެރިކޮށްފައިވާނެ ކަމަށެވެ.

އެހެންނަމަވެސް މިއަހަރުގެ މައުރަޒުގައި މިކަމަށް ވަކި ޚާއްސަ ޑިސްޓްރިކްޓެއް ކަނޑައަޅާފައިވަނީ ވަރަށް މުހިންމު މަގުސަދެއްގައި ކަމަށް ޝިޔާޒް ވިދާޅުވިއެވެ. އެގޮތުން ދިވެހީންގެ އުފެއްދުންތެރިކަން އަދި އުފެއްދުންތެރީން ބާރުވެރިކުރުމާއި އެމީހުންނަށް އައު ފުރުސަތުުތަކެއް ހޯދައިދިނުމަކީ މީގެ މައިގަނޑު ބޭނުން ކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މާނައަކީ ދިވެހިންނަށް އެބަ އައިޑިއާސް ކްރިއޭޓްވާންޖެހޭ. ގުޅުންތައް ގާއިމުވާންޖެހޭ. މީގެ އެންމެ ބޮޑު ބޭނުމަކީ ބައިނަލްއަގުވާމީ އުފެއްދުންތެރިންނާ ރާއްޖޭގެ އުފެއްދުންތެރިންނާ ދެމެދު ގުޅުން ގާއިމުކުރުން. އަދި ދިވެހީންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެފަރާތްތަކުން ހޯދަންޖެހޭ އެހީތެރިކަން ހޯދާ، އެ ފަރާތްތަކާ ދެމެދު އަޅާލެވޭ ބްރިޖެއް މިއީ،" ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މި ޑިސްޓްރިކްޓުގައި ރާއްޖޭގެ އުމްރާނީ ތަރައްޤީގައި އެންމެ ބޮޑު ރޯލެއް އަދާކުރަމުންދާ ކުންފުނިތައްވެސް ހިމެނޭ ކަމަށެވެ. އަވަށްޓެރި އިންޑިއާ، ޗައިނާ އަދި ޔޫއޭއީގެ ބައެއް ކުންފުނިތަކުންވެސް މި މައުރަޒުގައި ބައިވެރިވެއެވެ. އެހެންނަމަވެސް މިއީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކަށްވުމުން، ވާދަކުރުމުގެ ބައިގައި އެ ފަރާތްތަކަށް ބައިވެރިނުވެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ އުފެއްދުންތަކަށް ޚާއްސަ ޑިސްޓްރިކްޓުގައި އެންމެ ބޮޑަށް ފެނިގެންދާނީ ޓެކްނޮލިޖީގެ އައު އީޖާދުތައްކަން ފާހަގަކުރައްވާ، މީގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އަދި ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.