ޚަބަރު

ޢަރަބިއްޔާ ސްކޫލް އައު އިމާރާތުގެ ފިނިޝިން މަސައްކަތްތައް ފެށުމަށް ތައްޔާރުވަނީ


  • އައު އިމާރާތުގެ %77 މަސައްކަތް ވަނީ ނިންމިފައި

  • އަންނަ ދިރާސީ އަހަރަށް އައު އިމާރާތުގައި ކިޔަވައިދޭން ފެށުމަކީ އަމާޒެއް

އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ %77 މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތް ކުރަމުން އަންނަނީ އާރްސީސީންނެވެ. އާރްސީސީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބާލާއިރު ކޮންކްރީޓްގެ %95 މަސައްކަތް ވަނީ ނިންމާފައެވެ.

އާރްސީސީން ހާމަކުރި ގޮތުގައި އިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަން އަދި ފިނިޝިން މަސައްކަތްތައް ބާރާށް ކުރިއަށްދާކަމަށެވެ. އެގޮތުން، ކޮންކްރީޓް، ރާނާއި ސިމެންތި ޖެހުން، ވޯޓާޕްރޫފިން، ކުލަލުން، ދަގަނޑުގެ މަސައްކަތްތަކުގެ އިތުރުން މެކޭނިކަލް، އިލެކްޓްރިކަލް އެންޑް ޕްލަމްބިން އަދި އޭސީ ސިސްޓަމްގެ މުހިންމު މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށް އެ ކުންފުނިން ބުންޏެވެ.

ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ މުށި ޖެހުމާއި، ދޮރާއި ކުޑަދޮރުތައް ހަރުކުރުމާއި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތެވެ. އަދި އަލިފާން ނިއްވާ ނިޒާމާއި ލިފްޓު އަދި ބޭރު ފާރުތަކުގައި ކްލެޑިން ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށްވެސް އާރްސީސީން މައުލޫމާތުދެއެވެ.

ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު ޑިސެމްބަރު މަހު އެ ސްކޫލްގެ މަސައްކަތް ނިންމާ އަންނަ ދިރާސީ އަހަރަށް އައު އިމާރާތުގައި ކިޔަވައިދޭން ފެށުމަކީ އަމާޒެކެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.

ޢަރަބިއްޔާ ސްކޫލް ތަރައްޤީކުރަނީ 10 ފަންގިފިލާއަށެވެ. މި ސްކޫލަކީ އަންޑަރ ގްރައުންޑް ޕާކިންއާއެކު ތަރައްޤީ ކުރާ ފުރަތަމަ ސްކޫލެވެ. ސްކޫލްގައި މިހާރު ޕާކިންގެ ބައިވެސް ނިންމާފައިވާއިރު އެތަނުގައި 200 އަށްވުރެ ގިނަ ސައިކަލު ޕާކްކުރެވޭނެއެވެ.

ތަޢުލީމީ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވަނީ އަރަބިއްޔާ ސްކޫލްގައި މިހާރު 2 ދަންފަޅިއަށް ކިޔަވައިދެމުން ދިޔަނަމަވެސް ސްކޫލްގައި ކިޔަވާ ކުދިންގެ ނިސްބަތަށް ބެލުމަށްފަހު އައު އިމާރާތަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ހެދުމަކީ އަމާޒެއްކަމަށެވެ. ނަމަވެސް އެ ސްކޫލަށްވެސް ގިނަ ކުދިން ވަންނަ ނަމަ ދެ ދަންފަޅިއަށް ބަދަލުކުރަންޖެހޭނެކަމަށާއި މިކަމަށް ވަކި ގޮތެއް ނިންމޭނީ އަންނަ މަހުގެ ތެރޭގައިކަމަށް ވިދާޅުވެފައިވެއެވެ.

ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތެއް ތަރައްޤީކުރަނީ ކުރިން އެ ސްކޫލްގެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އައި އިމާރާތް ވަރަށްބޮޑަށް ރެނދުލާ އެ އިމާރާތުގައި ދަރިވަރުން ކިޔަވަން އެކަށީގެން ނުވުމުންނެވެ. އެއަށްފަހު އެ ދަރިވަރުންގެ ކިޔެވުން ކުރިން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އައި އިމާރާތަށް ބަދަލުކުރިއެވެ. ނަމަވެސް އެތަނުގެ ޖާގަ ކުޑަވުމާއި އެހެނިހެން މައްސަލަތަކާ ހުރެ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ކުރީގެ ދަރުމަވަންތަ ސްކޫލްގައެވެ.

ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް އައު އިމާރާތެއް ހޯދުމަށް މީގެ ކުރިން ކުރި މަސައްކަތުން އޭރުގެ ސަރުކާރުން ނިންމީ ކުރީގެ ބައު ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އެ ސްކޫލްގެ އިމާރާތް އެޅުމަށެވެ. ނަމަވެސް އެ ބިމުން ބައެއް ޖަމާލުއްދީން ސްކޫލަށް ދިނުމާއެކު އަނެއްކާވެސް ޖާގައިގެ މައްސަލަތައް ދިމާވެ، ދެ ސްކޫލް އެއް ސަރަޙައްދެއްގައި އަޅައިފިނަމަ އެ ސަރަޙައްދަށް ބާރު ބޮޑުވާނެތީވެ ޢަރަބއްިޔާ ސްކޫލްގެ އައު އިމާރާތް ޣިޔާޘުއްދީން ސްކޫލްގެ ބިތްދޮށުގައި އޮންނަ 381 ނަމްބަރުކޮށި އޮންނަ ބިމުގައި އެޅުމަށް މި ސަރުކާރުން ނިންމިއެވެ.

ޢަރަބިއްޔާ ސްކޫލު އިމާރާތްކުރަން ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިޔަން ރުފިޔާ ކުޑަކޮށް އެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކޮށް އެސްކޫލްގެ ބިންގާ އެޅީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. މި ސްކޫލް ވެގެންދާނީ މާލެ ސަރަޙައްދުގައި ހުރި އެންމެ ބޮޑު ސްކޫލްއަށެވެ.