ޚަބަރު

އެތައް ސަތޭކަ ކުދިން މަރުވެ، ބަންގްލަދޭޝްގައި ހިމަބިހީގެ ނުރައްކާ ބޮޑު!


ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ހިމަބިހީގެ ބަލިމަޑުކަމާ ކުރިމަތިލަމުންދާ ބަންގްލަދޭޝްގެ ހާލަތަކީ، ވެކްސިން ޖެހުމުގެ ނިސްބަތް ދަށްވުމުން ކުރިމަތިވާ ނުރައްކާތަކުގެ ސީދާ އިންޒާރެއް ކަމުގައި ސިއްހީ ތަޖުރިބާކާރުން ބުނެފިއެވެ. މާރިޗު މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް 200,000 އަށްވުރެ ގިނަ ކުދިންނަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، 1،147 މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) ހާމަކުރެއެވެ. އަދި، ރިޕޯޓުކުރި މަރުތަކުގެ %94 އަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިން ކަމަށް ޑަބްލިޔުއެޗްއޯއިން ބުންޏެވެ. މިއީ، މި އަހަރު ދުނިޔޭގެ އެއްވެސް ޤައުމަކުން ރިޕޯޓުކުރި އެންމެ މަތީ ޢަދަދެވެ.

ނިއުޔޯކް ޔުނިވަރސިޓީގެ ޕްރޮފެސަރ މާކް ޖީތު ވިދާޅުވީ، ކުއްލި ޙާލަތްތަކުގައި ފިޔަވަޅު އެޅުމަށް ވުރެ ވެކްސިން މެދުވެރިކޮށް ބަލިމަޑުކަން ހުއްޓުވުން މާ އަގުހެޔޮވެފައި ރައްކާތެރި ކަމުގައެވެ. އެމަޖެންސީ ފިޔަވަޅުތަކުގެ ސަބަބުން ބަލި ކޮންޓުރޯލު ކުރެވުނު ނަމަވެސް، އެ ދެމެދުގައި އެތައް ބަޔަކު މަރުވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. ބޮޑުވަޒީރު ޠާރިޤު ރަޙްމާންގެ ޞިއްޙީ ކަންކަމާ ބެހޭ ޚާއްޞަ މުޝީރު ޒިއާއުއްދީން ހައިދަރު ވިދާޅުވީ، މި ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް ޓަކައި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފުރިހަމައަށް ކުރަމުން ގެންދާ ކަމުގައެވެ.

މި ބަލިމަޑުކަމުގައި ބަންގްލަދޭޝުން ގިނަ ޢަދަދެއްގެ ކުޑަކުދިން ދަނީ މަރުވަމުންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ އުމުރުން ދެ އަހަރުގެ އަރްމާން ޙުސައިންއެވެ. ސިލޭޓު ސަރަޙައްދުގައި ދިރިއުޅޭ އަރްމާނަށް ފަރުވާ ދިނުމަށް ހަސްފަތާލުގައި އެޑްމިޓު ކުރުމަށް ހިނގާނެ ޚަދަރުތައް ހަމަޖެއްސުމަށް އޭނާގެ ޢާއިލާއިން ވަނީ އެ ޢާއިލާގެ އޮޓޯ ރިކްޝޯއެއް ވިއްކައިލާފައެވެ. ނަމަވެސް، މީގެ ކުރިން ވެކްސިން ޖަހާފައި ނުވާ އެ ކުއްޖާ މަރުވެފައިވާ ކަމުގައި އޭނާގެ ބައްޕަ އަމީން މިއާ ބުންޏެވެ. ހަމައެހެންމެ، އެ ސަރަހައްދުގެ ޗައްޓޮކް އަވަށުގައި އުމުރުން ނުވަ މަހުގެ ލަބީބާ އަކްތަރު މަރުވިއިރު، އެޕްރީލު މަހު ވެކްސިން ޖަހާ އުމުރު ހަ މަހަށް ދަށްކުރިކަން އަންގަން ސިއްހީ އެއްވެސް އެހީތެރިއަކު އެ ސަރަހައްދަށް ޒިޔާރަތްކޮށްފައި ނުވާކަމަށް އޭނާގެ ބައްޕަ ހުމަޔޫން ރަޝީދު ބުންޏެވެ.

ފާއިތުވި އަހަރު ވެކްސިން ޕުރޮގުރާމު ހީނަރުވީ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ 15 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައި ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެއާއެކު، ބަލިމަޑުކަން ހުއްޓުވުމަށް ބޭނުންވާ %95 ގެ ކަވަރޭޖު ވަނީ ދަށްވެފައެވެ. މީގެއިތުރުން، އެޕްރީލު މަހުގެ ކެންޕޭނުގައި ތައްޔާރީތައް ދެނެގަތުމަށް ހަތަރު ބުރުގެ ބަދަލުގައި ވަގުތު ނެތުމުން ކުރިއަށް ގެންދިޔައީ އެންމެ ބުރެއްގެ ދިރާސާތަކެކެވެ. އެޕިޑެމިއޮލޮޖިސްޓް މަޙްމޫދު އައް-ރަޙްމާން ވިދާޅުވީ، ރަނގަޅަށް ތައްޔާރުނުވެވުމުގެ ބުރަ އުފުލަން ޖެހެނީ ވެކްސިން ނުލިބޭ އެންމެ ނިކަމެތި އަދި އެހީތެރިކަން ފޯރުކޮށްދޭން އުނދަގޫ ކުދިން ކަމުގައެވެ.