ޚަބަރު

ކޯވިޑް-19 : ޤަވާއިދާ ޚިލާފުވި 3 މީހަކު ފުލުހުން ހައްޔަރުކޮށްފި


ފުރަބަންދުގެ ޤަވާއިދާޢި ޚިލާފުވި 3 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. އިއްޔެއިން ފެށިގެން ފުލުހުންދަނީ ހުއްދަ ނެތި މަގުމައްޗަށް ނިކުންނަ މީހުންނާއި މެދު ފިތަވަޅުއަޅަމުންނެވެ. އެގޮތުން ގަވާއިދާއި ޚިލާފު ނިކުންނަ މީހުން ހައްޔަރުކުރުމާއި، ޖޫރުމަނާ ކުރެވޭހެން ބޮޑެތި ފިޔަވަޅުތައްދަނީ އަޅަމުންނެވެ.

ފުލުހުން ވިދާޅުވީ މިއަދު ލޮކްޑައުންގެ އުސޫލުތަކާއި ޚިލާފަށް މަގުމަތީގައި އުޅެނިކޮށް 68 މީހުންވަނީ ޖޫރިމަނާކޮށްފައިވާކަމަށެވެ. ހުއްދަ ނެތި މަގުމަތީގައި އުޅޭ މީހުން 1000 ރުފިޔާއަށްވުރެ މަތި ނޫން އަދަދުންދަނީ ޖޫރިމަނާކުރަމުންނެވެ.

މިއަދު 68 މީހުން ޖޫރިމަނާކުރިއިރު އިއްޔެރޭ 12 ޖެހުމާއި ހަމައަށްވަނީ ލޮކްޑައުންއާއި ޚިލާފުވެ މަގުމަތީގައި އުޅުނު 95މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. މިހާތަނަށް ޖުމްލަ 163މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.

ނަމަވެސް އާ އުސޫލުގެ ދަށުން މީހަކު ފުލުހަށް ގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ. ތިން މީހުންވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

މިހާރު މަގުމައްޗަށް ނުކުމެ އުޅެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައަކާއެކުގައެވެ. ތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރުމަށް މިހާތަނަށް 3687މީހުންނަށްވަނީ ހުއްދަ ދޫކޮށްފައެެވެ. އަދި މުޅިން އަލަށް 215 ޑެލިވަރީ ސްޓީކަރ މިއަދުވަނީ ދޫކޮށްފައިވެއެވެ.

މީގެ އިތުރަށްވެސް ވަޒީފާއަށްދާ މީހުންނާއި، އަދި ޒަރޫރީ ބޭނުންތަކަށްވެސް ނިކުމެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައަކާއިއެކުއެވެ.