އައިއޯއައިޖީ

މިފަހަރުގެ އަޒުމަކަށް ވާންވާނީ މެޑެއްޔެއް – އިބްރާހީމް އިސްމާއީލް


މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަޒުމަކަށްވާންވާނީ
މެޑެއްޔެއް ހޯދުންކަމަށް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް
ވިދާޅުވެއްޖެއެވެ. މިއަދު ރީޔޫނިއަންގައި ފެށި ގޭމްސްއާއި ގުޅޭގޮތުން އިބްރާހީމް
އިސްމާއީލް ވިދާޅުވީ ތަޖުރިބާ ހޯދުން ނިމުމަކަށް ގެނެސް ކާމިޔާބީ ހޯދުމުގެ އަޒުމު
ކަނޑައަޅައި އެކަމަށް މަސައްކަތްކުރަން ވެއްޖެކަމަށެވެ.



" އޭރު ދެން އަޅުގަނޑުމެން އެހާބޮޑު ކާމިޔާބީއަކަށް އުއްމީދު
ނުކުރިކަމުގައި ވިޔަސް އަޅުގަނޑުމެންގެ ކުދިން މިހާރު އަޒުމް ކަނޑައަޅައި
ނިޔަތްގަންނަންވީ އެހެނެއްނޫން މިހާރު. މިހާރު މިކަހަލަ މުބާރާތްތަކުގައި
އަޅުގަނޑުމެންނަށް ކާމިޔާބީ ލިބޭނެ.އެހެންވީމާ ހުރިހާ ކުދިންވެސް ޓާގެޓަކަށް ވާން
ޖެހޭނީ އަޒުމެއް ކަނޑައަޅައި އެއަޒުމަކީ މެޑައްޔެއްކަމުގައި މިފަހަރު ހަދަން.
" 1979 ވަނަ އަހަރު އޮތް ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި
ރާއްޖޭގެ ފުޓްބޯޅަ ޓީމްގެ ކެޕްޓަންކަން ކުރެއްވި އިބްރާހީމް އިސްމާއީލް
ވިދާޅުވިއެވެ.



ފީފާބެޖް ހާޞިލްކުރެއްވި ފުރަތަމަ ދިވެހި ދެރެފްރިންގެ ތެރޭގައިވެސް
ހިމެނިވަޑައިގަންނަވާ އިބްރާހީމް އިސްމާއީލް ވިދާޅުވީ އަޅުގަނޑުމެންގެ ކުދިންގެ
ހުނަރު އެބަހުރިކަމަށާއި، އަޅުގަނޑުމެންގެ ޖަމްއިއްޔާތަކުންވެސް، އޮލިމްޕިކް
ކޮމިޓީންވެސް އެހީތެރިވެދީ ހިތްވަރުދޭންވީ އެހުނަރު ތަރައްޤީކުރަންކަމަށެވެ. އަދި ހުރިހާ
ކުދިންވެސް މަސައްކަތްކުރަންވީ ޤައުމަށް ރީތި ނަން ހޯދައިދިނުމަށްކަމަށެވެ.



" މިފަހަރުގެ ގޭމްސްއަށްތައްޔާރުވުމުގައި އަޅުގަނޑަށް ފާހަގަކުރެވެނީ
ސަރުކާރުންވެސް އަދި އޮލިމްޕިކް ކޮމިޓީންވެސް ވަރަށްބޮޑު ހޭދައެއް
ކުރައްވާފައިވާކަން. އެސޯސިއޭޝަންތަކުން ބޭނުންވި ވަރަށް ތަމްރީންވެސް ހޯދިއްޖޭ
އަޅުގަނޑު ދަންނަވާނީ. ދެން މިއީ ސާފްގޭމްސްއަށްވެސް ރަނގަޅު ދަތުރަކަށްވެދާނެ.
ހުރިހާކުދިންގެވެސް އަޒުމަކަށްވާންވާނީ އެކުރި ތަމްރީންތަކުގެ ފައިދާ ނެރެ
ރާއްޖެއަށް ރީތިނަން ހޯދައިދިނުމުގެ ގަދަ އަޒުމް. " މިހާރު ހޭންޑް ބޯލް
އެސޯސިއޭޝްގެ ރައީސް ވިދާޅުވިއެވެ.



ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރީޔޫނިއަންއަށް އައިސް
ވާދަކުރެއްވި އިބްރާހީމް އިސްމާއީލްގެ ތަޖުރިބާއާއި، އިހުޞާޞްތައް ގޭމްސްއަށް
އަމާޒުކޮށްގެން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިން ގެނެސްދެވޭނެއެވެ.