ކޯވިޑްބަލީގައި މަރުމާ މީހުންގެ ކަށުކަމާއިކެމީގެ ކަންކަން ކުރިއަށްގެންދާނެ ގޮތާއި ގުޅޭގޮތުން ކަމާއި ގުޅުން ހުރި ފަރާތްތަކަށް ތަމްރީން ދީފިއެވެ.
ކޯވިޑް-19ޖެހިގެން މަރުވާ މީހުންގެ ކަށުކަމާއި ކެމީގެ ކަންކަން ކުރިއަށްގެންދަން ޖެހެނީ ވަކި ޚާއްސަ އުސޫލެއްގެ މަތިންނެވެ. މިއީ ފަސޭހައި ފެތުރޭ ވައިރަސްއަކަށް ވުމާއިއެކު، މީހާ މަރުވުމަށް ފަހު ހަށިގަނޑުގައި ވައިރަހުގެ އަސަރު ހުރެދާނެތީ އެކަންކަން ކުރިއަށްގެންދާނީ ވީހާވެސް މަދު މީހުން ހިމެނޭހެން ޚާއްސަ ވަކި އުސޫލަކުންނެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން މިއަދުވަނީ މި މަސައްކަތުގައި ހަރަކާތްތެރިވާ ޖަމާތްތެރިންނަށް އެހީވުމަށް އެމްއެންޑީއެފްގެ ބައެއް ސިފައިން ތަމްރީން ކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީން ޕްރޮގްރާމްގައިވަނީ މި ބަލީގައި މަރުވާ މީހުންގެ ކަށުކަމާއިކެމީގެ ކަންކަން އެންމެ ރައްކާތެރި ގޮތުގައި ކުރާނެ ގޮތުގެ މަޢުލޫމާތު ޑޮކްޓަރުގެ ލަފަޔާއިއެކު ދީފައެވެ.
ކޯވިޑް-19 ޖެހިގެން މަރުވާމީހުންގެ ކަށުކަމާއިކެމީގެ ކަންކަން ކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގައިވަނީ ހިނަވާގެއެއްވެސް ހަދާފައެވެ.
މާލޭގައި މިހާރުވެސް ކަށުކަމާއި ކެމީގެ ކަންކަން ކުރިއަށްގެންދަނީ ވީހާވެސް ބައި މަދުކޮށެވެ. ސިޓީ ކައުންސިލުންވަނީ މައްޔިތާގެ ކަށުކަމާއިކެމީގެ ކަންކަން ވީހާވެސް އަވަސްކޮށް ކުރިއަށްގެންދިއުމަށްވެސް އަންގާފައެވެ. މިއީ މީހުން އެއްތަނަކަށް ޖަމާވުން މަދުކުރުމަށްޓަކައި ނިންމާފައިވާ ނިންމުމެކެވެ.
މީގެ އިތުރަށް އައިޖީއެމްއެޗުންވެސްވަނީ އެ ހޮސްޕިޓަލްގައި މަރުވާމީހުންގެ މޫނު ހޮސްޕިޓަލްގައި ދެއްކުން ހުއްޓާލާފައެވެ.